بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ޟިރާރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ކައުންސިލްގެ އެންމެހައި މެންބަރުން، މުއައްސަސާތަކުގެ އިސްވެރިން، ހޮސްޕިޓަލްގެ ހީވާގި މުވައްޒަފުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި އެ ކުރެވޭ މަސައްކަތުގައި، އިތުރުވެގެންދާ މިފަދަ ކަމެއްގައި ބައިވެރިވުމަކީ. ޚާއްޞަކޮށް، ޞިއްޙީ ދާއިރާ ފުޅާކުރެއްވުމަށްޓަކައި، ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަހަންމިއްޔަތުކަން ދެއްވާ މިންވަރު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މިއީ އެކްސްޓެންޝަން އިމާރާތެއްގެ ގޮތުގައި އަޅުގަނޑުމެން ކީ ނަމަވެސް، ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް މި އިމާރާތް މި ހޮސްޕިޓަލާ ގުޅިގެން މިދަނީ. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑުމެން ކުރި ދަތުރެއްގައި ކުރީގައި އެ ވިދާޅުވިގޮތަށް ވަރަށްދަތި ގޮތަކަށް ލެބޯރެޓަރީގެ ކަންތައްތައް ހުރުމާއެކު، އެވަގުތު އަޅުގަނޑުމެން ގޯތިތެރެ ބަލާލައިފައި، ލެބޯރެޓަރީއާއެކީ އަދި އިތުރު ކަންތައްތަކެއް ކުރުމަށް ހަމަ އެވަގުތު އެ ދުވަހު، އެތަނުގައި ހުރެގެން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ގުޅައި ދެންނެވީ. ވިދާޅުވީ، ހަމަ މިހާރުން މިހާރަށް އެ މަސައްކަތް ފަށްޓާށޭ. އެއީ، ސްޕީޑަކީވެސް. ރައީސުލްޖުމްހޫރިއްޔާ މިކަންތައްތަކަށް ޚާއްޞަކޮށް ޞިއްޙީ ކަންތައްތަކަށް ދެއްވާ ސަމާލުކަން އެކަމުން އެކަނިވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ.

އާދެ، މިކަން އެކަންޏެއްނޫން، މި ސަރުކާރު އައިފަހުން މިރަށު ހޮސްޕިޓަލަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ކަންތައްތަކަކީ. އެނގިވަޑައިގަންނަވާނެ، 2019 ގައި ވަނީ، ޑައިލެސިސްގެ ޚިދުމަތް އަޅުގަނޑުމެންނަށް ފެށިފައި. އަދި ހަމައެއާއެކު، ޑެންޓަލް ސެޓަޕާއެކީ އަދި އިތުރު ކަންތައްތައްވެސް 2019 ގައިވެސް އިތުރުވެގެންދިޔަ. މިއަދު މި ހުޅުވޭ، މި ހޮސްޕިޓަލާ ގުޅިގެން، މި އިތުރުކުރެވޭ ބައިގައި، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި.

މީގެ ފަނަރަވަރަކަށް އަހަރު ކުރިން، އަޅުގަނޑު ހަނދާން އެބަހުރި، މިރަށުގައި އެއްދުވަހަކު ސްކޫލެއްގައި އަޅުގަނޑުމެން ސްޕީޗް ތެރަޕީގެ ވާހަކަ ދެއްކި ހަނދާން. ޙާފިޘް އަޙްމަދު ސްކޫލްގެ "ސްޕެޝަލް ނީޑް"، އެ ޔުނިޓް ހުޅުވި ދުވަހު 2013 ވަނަ އަހަރު. މި ރަށުން ސްޕީޗް ތެރަޕީ ދެވޭނެ ދުވަހެއްގެ ވާހަކަ ދެކެވުނު. ދެން އެހެންނަމަވެސް، އެދުވަހު އަޅުގަނޑުމެންނެއް ނޫން ތިބީ އެ ކަންތައްތައް ކުރަން. ކަންތައްތައް ނިންމަން.

ﷲ އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް ސްޕީޗް ތެރަޕީގެ ޚިދުމަތްތައްވެސް ދެވޭގޮތަށް މިތަން އިމާރާތް ކުރެވި، އަދި އެ ކަންތައްތައް ކުރުމަށްޓަކައިވެސް ސަރުކާރުން އެކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައްކޮށް، އެކަމަށް ހޯދަންޖެހޭ މީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން، މިނިސްޓަރ އަޙްމަދު ނަސީމަށް. މި އިމާރާތް އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، އަދި އިތުރުކުރި ހުރިހާ ކަންތައްތަކެއް ކުރުމަށްޓަކައި ދެއްވި ސަމާލުކަން އަޅުގަނޑު ފާހަގަކޮށް، ޚާއްޞަކޮށް މިނިސްޓަރ ނަސީމަށާއި، އަދި މިނިސްޓްރީ އޮފް ހެލްތުގެ އެންމެހައި ވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، 2018 އިން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ޒަޢާމަތާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، މި ކުރި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވަރަށް ތަފާތު މަންޒަރެއް. އަޅުގަނޑުމެންނާއެކު މުއައްސަސާތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ކައުންސިލް މެންބަރުންނާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ބައިވެރިވި. އަޅުގަނޑުމެންނަށް މި ހޯދޭ ކާމިޔާބީއަކީ، އަޅުގަނޑުމެން އެންމެންނަށް ލާބަ ހޯދުމަށްޓަކައި، އެންމެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރިބަން އެކަންޏެއްނޫން އަޅުގަނޑުމެން ކަނޑާލަނީ. ބައެއްފަހަރު އެހެންވެސް ކިޔާ. ޚާއްޞަކޮށް، އަޅުގަނޑާ ދިމާއަށް ކިޔައި އުޅޭ، ރިބަން ކެނޑި ވާހަކަ. އަދި މި ރަށުގެ ނެރުތައް، ހަތަރު ނެރެއް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދެކުނުފަޅީގެ ނެރުތައް، އަނގަމަތި ހުޅުވިފައި ހުންނާނީ. ބޭރަށް މީހަކު ގޮސްފި ކަމަށްވަންޏާ، ދެން އެ ވާހަކަ ނުދައްކާ. ވަރަށް ހިތާމަވެރި ކަންތައްތައް ހިނގާފައި ހުރީ. އެހެންނަމަވެސް، އެ ނެރު ބަންދުކުރުމަށްޓަކައި އަޅުގަނޑުމެން އެތަނުގައި، ގާ އަތުރާލި ދުވަހުވެސް، ވަރަށް އެހެންކަހަލަ، ވަރަށް މަޖާ ވައްތަރެއްގެ ޖޯކުތަކެއް، އެވެސް އަޅުގަނޑަށް ރައްދުވެގެންދިޔައީ.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން އިންކްލޫސިވްކޮށް ކިޔަވައިދެމުން މިދަނީ. ކަލާފާނު ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ކިޔަވައިދޭން ފެށި ދުވަހުވެސް ހަމަ އެކަހަލަ މަލާމާތްތަކެއް، ވަރަށް ހެއްވާ ޖޯކުތަކެއް އަޅުގަނޑަށް ހަމަ ރަނގަޅަށް އިވުނު. އަދި އައި.ޖީ.އެމް.އެޗް. ކުރިމަތީގައި ހުންނާނެ ކެނޮޕީއެއް ހަދާފައި. މާބަނޑު މީހުން، ކުޑަކުދިން، ވާރޭވެހޭއިރު ތެމިގެން ޓެކްސީއަށް އަރާނީ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވެފައި އޮތް ކަމެއް އެވެސް. އެކަމަކު މިކަހަލަ ކޮންމެ ކަމެއްގައިވެސް ކޮންމެވެސް އެއްބަޔަކު، އެކަން އެއީ މަޖާކަމަކަށް ހަދައި، ޖޯކަކަށް ހަދާ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންނެއް ނެތިން، މި ސަރުކާރަކުން ނެތިން، ބަޔަކު ކިޔާ އެއްޗަކުން، މި ރަށު މީހަކު ނުވަތަ އެހެން ރަށެއްގެ މީހަކު ނުވަތަ އެއްވެސް މީހަކު ބުނާ އެއްވެސް އެއްޗަކުން ފަހަތަށްޖެހޭކަށް. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތީ ވަޢުދު، ރައްޔިތުންނަށް ޚިދުމަތް ކުރައްވަން. ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެންމެ ބޮޑު ވަޢުދެއްގެ ގޮތުގައި އޮތީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރެއްވުން. ރަށުން ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެއްވުން. މި މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އާދެ، ރިބަން ކަނޑާލިއިރު، އެތެރޭގައި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ، މިކަމުންވެސް ފޮނި ނަތީޖާތަކެއް، ފަސޭހަތަކެއް ފުވައްމުލަކުގެ ރައްޔިތުންނަށާއި، ފުވައްމުލަކުގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ.

އަޅުގަނޑު ދަންނަވާލަން އޮތީ، ނުނިމެއޭ. އަދި ގާތަކަށްވެސް ނެތޭ ނިމޭކަށް. ކުރިއަށް އަދި އޮތީ މަސައްކަތް ކުރުމޭ. އަޅުގަނޑުމެން އެދެނީ ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ތިއްބެވުން. ފުވައްމުލަކަށް މި ހަތަރު އަހަރު، މި ކުރެވުނު މަސައްކަތްތައް އަޅުގަނޑުމެން ބަލާލަންވީ. އަޅުގަނޑުމެންނަށް ފެންނަން މިހުރީ. މިއީކީ އަޅުގަނޑުމެންނަށް ފޮތަކުން ކިޔައިދޭ ވާހަކައެއް ނޫން. މިއަދު އަޅުގަނޑުމެން ސައިކަލުގައި ދާއިރު، ކާރުގައި ދާއިރު، ހިނގާފައި ދާއިރު، އެބަ އެނގޭ، މި ސަރުކާރުން ކަންތައްތަކެއް ކޮށްފިކަން. ރައީސުލްޖުމްހޫރިއްޔާ، ތަރައްޤީއަށް، މީހުންނަށް ފަސޭހަވާނެ ކަންތައްތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިފިކަން.

ބަލައިލަމާ ހިންގަވާ މަގުތަކަށް. މި ރަށުގައި ކުރިއަށް ގެންދެވުމަށް އެންމެ ފުރަތަމަ ނިންމެވި މަގުތައް މިހާރު މިވަނީ އިތުރަށް އަނެއްކާ ޑަބަލްވެފައި. ހުރިހާ މަގުތަކެއްގައި ތާރުއަޅައި، ގާއަޅައި، ނިމެންދެން ކުރިއަށްދާނެ. އެކަން އެ އޮތީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށްވެސް ނިންމަވާފައި.

ސްކޫލްތައް އެހެރަދަނީ ކުރިއަށް. ކޮންމެ ސްކޫލަކަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް މި ފެންނަނީ ކްލާސްރޫމްތައް އިތުރުވެގެންދާތަން. މަލްޓި-ޕަރޕަސް ހޯލް، ސައިންސް ލެބް، އެނޫނަސް ބޭނުންވާ މުހިންމު ކަންތައްތައް ފުރިހަމަވެގެންދާ ތަން. މިއީ، ފެންނަންހުރި މަންޒަރުތައް. އެއްގޮތަކަށްވެސް ކޮށްފައި އޮތް ޕްލޭނެއް، ފޮތުގައި ލިޔެފައި އޮތް ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވި. އަޅުގަނޑަށް ޝާފިޢު ފެނުނު މިތަނުން. އަޅުގަނޑުމެންގެ މި ސަރުކާރު އައުމާއެކީ އެނގިވަޑައިގަންނަވާނެ، މި ހުރިހާ ބޭފުޅުން، އޭރުގެ މޭޔަރ، ހުރިހާ ބޭފުޅުން ގުޅުއްވައި ވިދާޅުވާނެ، ނަރުދަމާގެ ވާހަކަ. ފެންބޮޑުވާ ކޮންމެ ވަގުތަކު ކުރިމަތިވާ ތަކުލީފުތަކުގެ ވާހަކަ. ވަރަށް ރަނގަޅު މަސައްކަތްތަކެއް ސަރުކާރުން ކުރި. އަޅުގަނޑުމެން އެކަން ފާހަގަކޮށް ޝުކުރު އަދާކުރަންޖެހޭ. އެއީ ކޮންމެ ބަޔަކު ކުރިނަމަވެސް، މުހިންމު މަސައްކަތްތަކެއް. ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމު ޤާއިމުކުރުމަކީ.

އެހެންނަމަވެސް، އެ ކަންތައްތައް ކުރެވިފައި އޮތް ގޮތުން، އޭގެ ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ރައްޔިތުންނަށް ހުރުމުން، އެކަންތައްވެސް ވެގެންދިޔައީ ވަރަށްބޮޑު ޚަރަދަކަށް. ފެނަކައިގެ އެމް.ޑީ. މި ރަށަށް އެތައްފަހަރަކު އެ މަސައްކަތުގައި ވަޑައިގެންނެވި. އަޅުގަނޑަށް އެމް.ޑީ. އެބަ ފެނޭ. މިއަދު ފެންނަމުން މިދަނީ އެކަމަށްވެސް އެކަށީގެންވާ ޙައްލެއް ހޯދޭތަން. އިރާދަކުރެއްވިއްޔާ އެކަމުގައި މައްސަލައެއް ހުރި ކަމަށްވަންޏާ އެކަން ރަނގަޅު ކުރެވޭނެ. އެކަމަކައިގެންވެސް އަޅުގަނޑުމެން ކުރިއަށްދާނަން.

އާދެ، ވިސްނައިވަޑައިގަންނަވާ، އަޅުގަނޑުމެންގެ ރަށް ގިރާ ވާހަކަ، ގޮނޑުދޮށް، ހިމާޔަތްކުރުމުގެ ވާހަކަ ދައްކާ. ވަރަށް ގިނައިން ފޮޓޯ ފެނޭ. އަޅުގަނޑުމެން ގޮނޑުދޮށުގައި، ގުންޑޮޅި ފެންނަ ފޮޓޯ ވަރަށް ގިނައިން ހުންނާނެ، މީޑިއާގައި އެކި މީހުން ޕޯސްޓްކޮށްފައި. އެއީ، ނުވާނެ ކަމެއް ކަމަށްވެސް ބަޔަކު ކިޔައިއުޅުނު. މި ރަށުގައި މި އޮތް އެއަރޕޯޓް، އެވެސް ނުވާނެ ކަމެއްގެ ގޮތުގައި ވާހަކަދެއްކި ބަޔަކުވެސް އެބަތިބި. އެކަމަކު އެއަރޕޯޓުގެ މަސައްކަތްވެސް ޙައްލުވި. ﷲ އިރާދަކުރެއްވީތީ، އެއީ އަޅުގަނޑުމެންގެ މި ސަރުކާރުން ކުރެވުނު އެންމެބޮޑު އެއް މަސައްކަތް. ކޯވިޑުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކާއި އަދި އެނޫން ޤައުމުތަކުގެވެސް ރަސްމީ މަސައްކަތްތައް ވަރަށް އުނދަގޫ ގޮތަކަށް އޮތް ވަގުތެއްގައިވެސް، މިރަށުގައި ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް، ޝޯރ ޕްރޮޓެކްޓިންގގެ މަސައްކަތް، ކުރިއަށް ގެންގޮސް، ﷲ އިރާދަކުރެއްވީތީ މިހާރު ހިލަ ބާޖުތައް އެހެރަ އަންނަނީ. 2.76 ކިލޯ މީޓަރު ދިގުމިނުގައި. އަދި ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ވަޑައިގެން ރޭ، އިތުރު ހައިވޭއެއްގެ ވާހަކަ ވިދާޅުވި. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް، ބޮޑު ހައިވޭއެއްގެ ވާހަކަ ވިދާޅުވި. ކަންތައްތައް ހުރީ އެތުރިފައި. ހުއްޓުމެއްނެތި ކުރިއަށްދާ ގޮތަށް.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރަކީ، މިއީ ދީނީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ސަރުކާރެއް. އަޅުގަނޑުމެން ފުރިހަމަ މުސްލިމުންގެ ގޮތުގައި، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހުރިހާ ކުދިންނާއި، ހުރިހާ ރައްޔިތުން ތިބުން އެއީ، ވަރަށްބޮޑު ސަމާލުކަމެއް ދެވޭ ކަމެއް. މިސްކިތްތަކަށް ވަރަށްބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދެން. މި ރަށަށް އެކަނި ބަލައިލި ނަމަވެސް، މިހާރުވެސް ދެ މިސްކިތެއް އިމާރާތް ކުރެވެމުން އެބަދޭ. ޤުރްއާނާބެހޭ މަރުކަޒުގެ ގޮތުގައި، އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑު މިގޮތަށް ވާހަކަދައްކަން ފަށައިފި ކަމަށްވަންޏާ، ނިންމައިނުލެވޭވަރަށް މަސައްކަތްތައް އެބަހުރި. މި ރަށުގެ ވާހަކަ އެކަނި މި ދައްކަނީ. މިއަދު ހެނދުނުން ފެށިގެން ހަވީރުވަންދެން އަޅުގަނޑު ހުރީ އައްޑޫގައި. ހުރިހާ ރަށެއްގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނަނީ، މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާއި، ރައީސުލްޖުމްހޫރިއްޔާ އޭރު ވަޢުދުވެވަޑައިނުގަތަސް، މުހިންމު ކަމެއް ކަމުގައިވަންޏާ، އެކަމެއްވެސް ކުރައްވާ މަންޒަރު.

އެހެންވީމާ، ޤައުމަށް، ރަށަށް، އަތޮޅަށް، އަދި އަޅުގަނޑުމެންގެ ސިޓީއަށް، ރަނގަޅު ކަމެއް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވަނީ އެކްޝަން. ކަންތައްތައްވާން. އަޅުގަނޑު ފުވައްމުލަކު ރައްޔިތުންނާ މިގޮތަށް ވާހަކަ ދައްކަން މިޖެހުނީ، އަޅުގަނޑަކީ ތިޔަބޭފުޅުންނާ ވަރަށް ފަރިތަ މީހަކަށްވާތީ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް އެބަ ފެނޭ، ކުރީގައި ހޮސްޕިޓަލް ހިންގަވަން ހުންނެވި ބޭފުޅާ. މިހާރު ކައުންސިލް މެންބަރެއް. އެނގިވަޑައިގަންނަވާނެ، އޭރުވެސް ސަރުކާރެއް ހިންގުމުގެ އެއްވެސް ބާރެއް، އަޅުގަނޑުމެންގެ އެއްވެސް އިޚްތިޔާރެއް ނެތް ވަގުތުވެސް، އަޅުގަނޑުމެން ދިޔައީ މިތަނުގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރަމުން. ސްކޫލް ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުން އަޅުގަނޑުމެންނަށް އެބަ ފެނޭ. ސްކޫލްގެ ކަންތައްތައްވެސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން އަޅުގަނޑުމެން ދިޔައީ. މި ރަށުގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅެއް މިއަދު ޚާއްޞަކޮށް، އަޅުގަނޑާ އެންމެ ގާތުން ސޯޝަލް ކަންތައްތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ. އޭރުގެ ޙާލަތާއި، އެ މަނިކުފާނު މި ރަށުގައި އަތޮޅުވެރިކަން ކުރެއްވިއިރު، މި ރަށް އޮތް ޙާލަތާއި މިއަދު އޮތް ގޮތް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑުމެން ހަމައެކަނި ވާހަކައެއް ނޫން ދެއްކީކީ. ވޭތުވެދިޔަ 25 އަހަރު އަޅުގަނޑުމެން ދެއްކީ ކަންތައްތަކުގެ ވާހަކަ. އަޅުގަނޑުމެން އޭރުވެސް ކުރީ ކަންތައްތައް. މިއަދުގެ ސަރުކާރުން މި ފެންނަނީ ހެސްކިޔާފައި، ބާރަށް މަސައްކަތްތައްކޮށް، ރައްޔިތުންނަށް ޚިދުމަތްތައް ދެމުން ގެންދާތަން.

އަޅުގަނޑު އެދެނީ، ފުވައްމުލަކުގެ ރައްޔިތުންވެސް އެކުވެރިކަމާއެކު ކަންތައްތައް ކުރައްވަމުން ގެންދެވުމަށް. ޚާއްޞަކޮށް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން، ވަރަށް ގުޅިގެން މަސައްކަތް ކުރަންޖެހޭނީ. އެނގިވަޑައިގަންނަވާނެ، ހޮސްޕިޓަލަށް މީހަކު އަންނަނީ ބަލިވެގެން. ނޫނީ ބަލިމީހަކު ގޮވައިގެން. އެ އަންނަ މީހާއަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކަށް ވާނީ، އޯގާތެރިކަމާއެކު، ހިނިތުންވުމާއެކު، ޚިދުމަތް ދިނުން. ފަރުވާ ދިނުމަށްޓަކައި އެކަންތައް ކުރުން. އަޅުގަނޑު ހަމަ ވަރަށްބޮޑަށް އެދެން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއް، ކަމެއް ކޮށްދޭ ކަމަށްވަންޏާ، ހިތްހެޔޮކަމާއެކު، ކޮންމެ ކަމެއް ކޮށްދިނަސް، މީހަކަށް ހިލޭ އެއްޗެއްދިނަސް، އެމީހަކަށް ހިތްހަމަޖެހޭ ގޮތަށް އެކަމެއް ކޮށްދިނުމަށް. އަޅުގަނޑު، ހޮސްޕިޓަލުގެ ހުރިހާ ޑޮކްޓަރުންނާއި، ހުރިހާ ނަރުހުންނާއި، އަދި ހުރިހާ މުވައްޒަފުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، ރީތިބަހުން، އަބަދުވެސް އެންމެންނާ މުޢާމަލާތްކޮށް، ކަންތައްތައް ކިޔައިދީ، އެހީވެދިނުމަށް. އެއީ، ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން އަބަދުވެސް އެއް ސްޓޭންޑަޑަކަށް، އެއް މިންގަނޑަކަށް ކުރަންޖެހޭ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެއްޖެ. ދައްކަންހުރި ވާހަކަ ވަރަށް ގިނަ. އެއީ ކުރެވިފައި ހުރި ކަންތައްތައް ގިނަވީމަ. 4 އަހަރު ދުވަހުގެ ތެރޭގައި މި ކުރެވުނު މަސައްކަތަކީ، ވޭތުވެދިޔަ 40 އަހަރު ނުކުރެވޭހާ މަސައްކަތް. 4 އާ ގުނަކޮށްލަން މިޖެހެނީ 10. އެއްކޮށްލީމާ ނުކުރެވޭވަރަށް މަސައްކަތް ކުރެވުނު ކަމަށް. ދެން މައްސަލައެއް ނެތް. އެހެން ފިކުރެއްގެ ބޭފުޅަކުވެސް މިތާ ހުންނަވާފާނެ. އަޅުގަނޑު ނުކުތީމާ އަޅުގަނޑު ކައިރީގައި އެކަނި ވިދާޅުވޭ. އަޅުގަނޑު މި ހަދަނީ ދޮގެއް ނޫން. މިހާރު ވިދާޅުވޭ ވަކިން. އަޅުގަނޑާ ވާހަކަ ނުދެއްކެވޭނެ އެއްވެސް ބޭފުޅަކު މި ރަށުގައި ނުހުންނަވާނެ. ވަކިން ވިދާޅުވޭ. ފައިޞަލް، މުޅިން ރަނގަޅު ވާހަކައެއް ނޫނޭ ދެއްކީކީ. އަދި އަޅުގަނޑު ނުދައްކަން ކޮށްފައި ހުރި ހުރިހާ ކަންތައްތަކެއްގެ ވާހަކައެއް. ނެތް ދެއްކޭކަށް. އެއީ، އަޅުގަނޑަށް އެބަ އެނގޭ ވަރަށް ވަރުބަލިވެސް ވާނެ، ތިޔަބޭފުޅުން ތިޔަ ތިއްބެވީ ކޮޅަށް.

އެހެންވީމާ، އެ ހުރިހާ ވާހަކަ ދެއްކުމުގެ ފުރުޞަތެއް އަޅުގަނޑަކަށް މިވަގުތަކު ނެތް. އެކަމަކު ދެތިން ދުވަސް އެބަވޭ މިފަހަރު ރަށުގައި. އަޅުގަނޑަށް ވަރަށް ނާދެވޭ. އައިކަމަށްވިޔަސް ގިނަ ދުވަހަކު ނުހުރެވޭ. އަޅުގަނޑުގެ އުފަން ރަށް ކަމުގައިވީއިރުވެސް. އެއީ، ސަރުކާރުގެ ކަންތައްތައް އެތުރިފައި އޮތްގޮތުން، އަޅުގަނޑުމެން މިއުޅެނީ މުޅި ޤައުމައިގެން. އެހެންނަމަވެސް، މިފަހަރު އަޅުގަނޑު ބަލާނަން، އެކި ތަންތަނުން ފުރުޞަތު ލިބެންޏާ، ބާކީހުރި ބައިވެސް ކޮންޓިނިއު ކުރެވޭތޯ. ދެން ހުރި ވާހަކަތައްވެސް ދައްކައިލެވޭތޯ. އަޅުގަނޑު މިފަހަރު އެ މަސައްކަތްވެސް ކުރާނަން.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، މި މަސައްކަތް މިހާ ފުރިހަމަކޮށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް، ކައުންސިލްގެ ހުރިހާ މެންބަރުންނަށާއި، މޭޔަރ، އަދި ވަޑައިގެން ނެތް ނަމަވެސް، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ތިން މެންބަރުންނަށާއި، އަދި މުއައްސަސާތަކުގެ އިސްވެރިންނާއި، މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ފުވައްމުލަކުގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގައި، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ޢުމްރާނީ ތަރައްޤީ، މަގު ހެދުން، މިސްކިތްތައް އަދި އެނޫނަސް، ކުރެވޭ ހުރިހާ މަސައްކަތެއްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑަށް ޔަޤީންވާ އެއްކަމަކީ، ރައީސުލްޖުމްހޫރިއްޔާ ފަދަ، މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ރައީސް ފަދަ، އެ ވިސްނުންފުޅުގެ އެ ޙިކްމަތްތެރިކަން ހުރި ބޭފުޅަކު އަދި މާގިނަ ކަންތައްތައް ކޮށްދެއްވާނެކަން. އަޅުގަނޑުމެންގެ ދަތުރު އަދި އޮތީ ކުރިއަށް. އަދި މާގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވިގެންދާނެ.

ވަރަށް ގިނައިން އަޑުއިވިއްޖެ، ހޮސްޕިޓަލްގެ ސީ.ޓީ.ސްކޭންގެ ވާހަކަ. އިމަރޖެންސީ ވަރުގަދަކުރަންޖެހޭ ވާހަކަ. ޕީޑިއެޓްރިކްސް ރަނގަޅުކުރަންޖެހޭ ވާހަކަ. އަޅުގަނޑުމެން ނުހުއްޓަން މަސައްކަތްތަކެއް އިނގޭތޯ. އަޅުގަނޑުމެން ޑައިލިސިސްއާއި، ޑެންޓަލް ބަޔާ ހަދާފައި، އެ ދުވަހަކު ނުބުނަން، މި ނިމުނީއޭ މި ފަސް އަހަރަށް. ނޫން، އަދިވެސް ނުނިމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، ފުވައްމުލަކުން، ރަށުން ފުރައިގެން، އެހެން ހިސާބުތަކަށް ބޭސްފަރުވާއަށް، އެއީ އައްޑުއަށްވިޔަސް، މާލެ ކަމުގައިވީނަމަވެސް، ދާންޖެހޭވަރު ހަމަ މަދުކުރުން.

ހެޔޮ ނިޔަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު، ތެދުވެރިކަމާއެކު، އަޅުގަނޑުމެން މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ މުޅި ޓީމް، ހެލްތު މިނިސްޓަރ އެކަމުގެ އެންމެ އިސް ސަފުގައި، އަޅުގަނޑުމެންގެ ހެލްތުގެ ކަންތައްތައް ކުރެއްވުމުގައި އެ ހުންނެވީ. އެ މަސައްކަތް ކުރެވެމުންދަނީ. ނުހުއްޓޭނެ، ކުރާނެ، ކާމިޔާބުވެސްވާނެ. މިކަހަލަ އެތައް ކަމެއް ފެންނާނެ. މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނާނެ، އުފާވެސްވާނެ، ފަސޭހަވެސްވާނެ. އަޅުގަނޑުމެން އެކަންތައް ކުރާނީ ﷲގެ ހެޔޮ ރަޙްމަތާއެކު، ތިޔަ ހުރިހާ ބޭފުޅުންނާއެކު.

އާދެ އަޅުގަނޑުގެ އުންމީދަކީ، މިކަމުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދިޔުން. ﷲ އިރާދަކުރެއްވިއްޔާ، އެގޮތަށް ކުރާ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަކީވެސް ހަށިހެޔޮ، ދުޅަހެޔޮ ފުރިހަމަ ޞިއްޙަތެއްގެ ވެރިބަޔަކު ކަމުގައި ލެއްވުން. ފުވައްމުލަކު ރައްޔިތުންނާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފާގަތި، އުފާވެރި، ހިނިތުންވާފަދަ ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.