ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު މާމެންދޫ އައު އިންޖީނުގޭ ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މިގޮތުން މާމެންދޫގައި މިހާރު ކުރިޔަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ވަރަށް ރަނގަޅަށް ކުރިޔަށްދާކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މާމެންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ވަރަށް ގިނަ ކަންކަމަށް ޙައްލުތަކެއް ހޯދުމަށް ސަރުކާރުން ނިންމި ގޮތްތައް އިޢުލާންކޮށްދެއްވައިފައެވެ. . އަދި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މާމެންދޫގެ މަގުހެދުމުގެ މަސައްކަތް ފަށާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާމެންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން މާމެންދޫ ރައްޔިތުން ދެންނެވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމުގެ ފަހުގެ މަޢުލޫމާތު ދެއްވާފައެވެ. ގޯތިދޫކުރުމަށް ލޭންޑް ޔޫޒް ޕްލޭން އެކަށައެޅުމުން ގޯތިދިނުމުގެ މަސައްކަތްތައް ކައުންސިލުން ބޭނުންގޮތަކަށް ކުރިޔަށްގެންދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.