ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ގއ. މާމެންދޫ ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށްގެންދަން ބޭނުންވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު ރައްޔިތުންގެ ބޭނުންވާގޮތަށް ކަމަށް ވިދާޅުވިއެވެ.

މާމެންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރަންޖެހިފައިވުމާ، ކައުންސިލް ޢިމާރާތް ބާވެފައިވުމުން އައު ޢިމާރާތެއް ބޭނުންވާކަމާއި، މާމެންދޫގެ އިޙްތިޞާޞްގައި ހުޅިމެންދޫ ހިމަނައިދެއްވުމަށާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށާއި، މާމެންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށާއި، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދަންޖެހިފައިވުން ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް ހޯދައިދެއްވުމަށާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށާއި، މިހާރު ކުރިޔަށް ގެންދާ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢު އަވަސްކޮށްދެއްުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.

މާމެންދޫ އ.ތ.މ. ކޮމިޓީއިން ވަނީ އަންހެނުންނަށް ޚާއްޞަ ޖިމްއެއް ބޭނުންވާކަމަށާ، އޮފީސް ޢިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.