ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، 6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފުތިތާޙުކޮށްދެއްވައިފިއެވެ. އެ ކަމަނާ މި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، އިންސާނުން ކުރާ ގިނަ މަސައްކަތްތަކެއް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މިހާރު އޮޓޮމޭޓް ކުރެވި މެޝީންތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އޮޓޮމޭޓެޑް ގިނަ މެޝިންތައް އޮޕަރޭޓް ކުރެވޭނީ އެކަމުގެ ފަންނީ މަޢުލޫމާތާއި ޤާބިލުކަން ހުރެގެން ކަމަށްވުމުން މިފަދަ ހުނަރުތައް އަށަގެންނެވުމުގައި ތަޢުލީމީ ދާއިރާގެ ޒިންމާ ބޮޑުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމާ އެއްވަރަށް އެ ޓެކްނޮލޮޖީއެއް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ އަގުތަކުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ގަޑިއަށް ފަރުވާތެރިވުމާ، އަނެކާގެ އިޙްސާސްތައް ދެނެގަތުމާ، ނިންމުންތައް ނިންމާއިރު ޙިކްމަތުއަމަލީ ބޭނުންކުރުމާ، ހުނަރުވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާ، މީހުންނަށް އެންމެ ފަސޭހައިން ފަހުމުވާނެގޮތަށް ސާފުސީދާކޮށް މުއާމަލާތުކުރުމާ، ތަފާތު ޙިޔާލުތަކަށް ޖާގަދިނުމާ، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާ، އެކި ނަޒަރިއްޔާތުން ކަންކަމަާމެދު ވިސްނުމާ، ޖަޒްބާތީ ތޫނުފިލިކަން ފަދަ ކަންކަމަށް މުދައްރިސުންނާއި ދަރިވަރުން ކުރިއަށްވުރެވެސް ބޮޑަށް ސަމާލުކަންދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ގިނަ ދަރިވަރުން ޙިޔާރުކުރާ ބިޒްނަސް ސްޓްރީމްގެ ބަދަލުގައި ދަރިވަރުން ސައިންސް އަދި ލިބަރަލް އާރޓްސްގެ މާއްދާތައް ކިޔަވަން ބާރުއަޅަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނާ ދިރާސާ ކުރާ ދަރިވަރުންތަކެއް އުފެއްދުމުގެ މުހިންމުކަމާމެދު އެކަމަނާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ބަދަލުވަމުންއަންނަ ޓެކްނޮލޮޖީއާއި އެކު ޖަޒީރާ ރަށްތަކަށް އޮތް ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޒަމާނުއްސުރެ ދަރިވަރުންނާއި އާއިލާތައް ރަށްރަށުން މާލެއަށް ހިޖުރަކުރަންޖެހިފައިވަނީ ތަޢުލީމު އުނގެނުމަށާއި ބޭސްފަރުވާގެ އިތުރުން ވަޒީފާގެ ފުރުޞަތު ހޯދުމަށްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި އެ ޚިދުމަތްތައް ރަށަށް ފޯރުކޮށްދެވޭނެ މަގުތަނަވަސް ކޮށްދެވިއްޖެނަމަ ހިތްފަސޭހަ އުފަން ރަށް ދޫކޮށް އާއިލާތަކާ ވަކިން މާލެ ހިޖުރަކޮށް ދިރިއުޅެން އަންނަން ބޭނުން ނުވާނެކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމްކުރި 6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.