بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދައުލަތުގެ ވަޒީރުން، ނިލަންދޫ ތަމްސީލު ކުރައްވާ މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޔަޢުޤޫބް ޢަބްދުﷲ، ފެނަކައިގެ އެމް.ޑީ. އަޙްމަދު ސަޢީދު، އެސް.އޯ.އީ.ތަކުގެ ހިންގުންތެރި ވެރިން، ކައުންސިލްގެ ނައިބު ރައީސް އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ނިލަންދޫގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ނިލަންދޫގައި މިއަދު އަނެއްކާވެސް މި ބޭއްވޭ އިޙްތިފާލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަކުރާރުވަމުން އަންނަ، ގެނެވޭ އިޙްތިފާލުތަކެއް. މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރުގައި ރަށްރަށުގެ، ގިނަ ރަށްރަށުގެ ގިނަ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް އެއީ ލިބޭ އެއްޗެއް ނޫން. ލިބެމުން އައި އެއްޗެއް ނޫން. އޭގެތެރޭގައި، ފެނާއި ނަރުދަމާ ކަމަށްވިޔަސް، ލަފާފުރުން ކަމަށްވިޔަސް، ކަރަންޓުގެ ޚިދުމަތް ކަމަށްވިޔަސް، ޞިއްޙީ ޚިދުމަތާއި ތަޢުލީމު ކަމަށްވިޔަސް، މިއީކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހާ ފަސޭހައިން ގިނަ ބަޔަކަށް ލިބޭ އެއްޗެއް ނޫން. އަދި ޚާއްޞަކޮށް، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަކީ، މީގެކުރިން ސަރުކާރުތަކުން ދެކެމުން އައިގޮތުގައި، އެއީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތަކު ނޫން ބެލެވެމުން އައީކީ.

ރާއްޖޭގެ 90 ކީއްކުރަން، 99 ޕަސެންޓް ރަށުގައި، މި ޚިދުމަތް ފެށިގެން އައީ، އެ ރަށެއްގައި ހުންނަ ކޮންމެވެސް ވިޔަފާރިވެރިއެއް، ނޫނީވިއްޔާ ފުދުންތެރި މީހަކު ދޭ ޚިދުމަތެއްގެ ގޮތުގައި. އެއަށްފަހު، މަސްވެރިން، ނޫނީވިއްޔާ ކޮންމެވެސް ކްލަބަކުން ފައިސާ އެއްކޮށްގެން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދެމުން އައީ. މި ރަށުގައިވެސް މިކަން ފެށިގެން އައިގޮތް، ދެންމެ ވީޑިއޯއިން ފެނިގެން އެދިޔައީ. އެއީކީއެއް ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ވިސްނުން ގެންގުޅެންޖެހޭނެ ގޮތެއް ނޫން. ރައްޔިތުން ސަރުކާރެއް އިންތިޚާބުކޮށް އަދި ޓެކްސްއާ އެއްޗެތި ދައްކަނީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި.

އަޅުގަނޑުމެންގެ ވެރިކަމުގައި ވީ ވަޢުދަކީ އެއީ. މިއީ ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ރައްޔިތުންގެ ވެރިކަމަކަށްވާތީ، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ތަފާތުކުރުމެއްނެތި، ދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް ހުރީތީ، އެ ކަންތައްތައް ފުރިހަމަކުރުން. ސަރުކާރުގެ ސިޔާސަތުގެ އެންމެ ކުރީގައި އޮތް އެއްކަމަކީ، ރަށްރަށުގެ މިހެންހުރި ކަރަންޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

ފެނަކައިގެ ހިންގުން އަޙްމަދު ސަޢީދާ ހަވާލުކޮށް، އަޅުގަނޑުމެން ކަނޑައެޅި ސިޔާސަތަކީ، އެއްވެސް ރަށެއް ބާކީނުކޮށް، މި ދެންނެވިހެން ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދިނުން. މިހާހިސާބަށް އައިއިރުގައި، އެމް.ޑީ. ސަޢީދާއި ޓީމުން މި ކަންތައް ކޮށްދެމުން އެ އަންނަނީ، ސަރުކާރުގެ ސިޔާސަތުތައް ހަމަ އަކުރުން އަކުރަށް، އެ އޮތްގޮތަށް ފުއްދައިދެމުން. އެކަމަށްޓަކައި ފުރަތަމަވެސް ސަޢީދަށާއި، ފެނަކައިގެ ހީވާގި ޓީމަށް އަޅުގަނޑާއި ސަރުކާރުން ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން.

މިއަދު މި ބޭއްވޭ ރަސްމިއްޔާތަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ ކަނާތްފަރާތުން މި ފެންނަ 22 އަހަރުވީ އިންޖީނުގެ، އަޅުގަނޑުގެ ވާތްފަރާތަށް ބަދަލުކޮށް، މި ފެންނަ އިންޖީނުގެއަށް ބަދަލުކުރުން. މިއީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިކަން އޮތްގޮތް. އިންޖީނުގެތައް ހުންނަނީ ރަށުގެ މެދުގައި. އަޑާއި ގެދަބުޅިއާ، އެހެންގޮސް އެތައް އެތައް ތަކުލީފެއް ރައްޔިތުން އުފުލަމުން އައި. އެހެން ނަމަވެސް، ފެނަކައިން މިކަން މިވަނީ އިންޤިލާބީ ބަދަލެއް ގެނެސް، މުޅި ރަށްރަށުގެ، މުޅި ތަރައްޤީގެ ދުވެލި އެތައް ގުނަޔަކުން ހަލުވިކޮށްދީފައި.

މިހާތަނަށް އައިއިރުގައި، 144 ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެ. ޖުމްލަ 313 ޖަނަރޭޓަރު އެކި ރަށްރަށަށް ފެނަކައިން ފޯރުކޮށްދެވިއްޖެ. 46 ރަށެއްގެ އޮފީސް އިމާރާތް، ފެނަކައިގެ އޮފީސް އިމާރާތް ނިންމައި، 64 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ކުރިއަށް އެބައޮތް، 36 ރަށް ޕްލޭންކޮށްފައި. ޖުމްލަ 146 ރަށުގައި އިންޖީނުގެތައް ތަރައްޤީކޮށް ބަދަލުކޮށް، ރައްޔިތުންނަށް ކަރަންޓް ދިނުމަށްޓަކައި މަޝްރޫޢުތައް މިހާރު އެ ގެންދަނީ ހިންގަމުން.

މިއީކީ ކުޑަކަމެއް ނޫން. އަޅުގަނޑުމެންނަށް ކުރިމަތިވި ކޯވިޑުގެ ދަތި ޙާލަތުގައިވެސް މި ކަންތައްތައް ކުރިއަށް ގެންދެވިފައި މިއޮތީ، ހަމަ ސަޢީދާއި ޓީމުގެ ހީވާގި ބުރަ މަސައްކަތުން. މިއަދު މި ހުޅުވޭ އިންޖީނުގެއިން ކުރިއަށް މިއޮތް 20، 30 އަހަރަށްވެސް އިރާދަކުރެއްވިއްޔާ މި ރަށަކަށް އިތުރަކަށް ކަރަންޓެއް، އިންޖީނުގެއެއް ބަދަލުކުރާކަށް ދެން ނުޖެހޭނެ.

ދެން ތިޔަބޭފުޅުން ވިސްނަންވީ، މީގެ ބޭނުން ހިފައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުމަށް. ކަރަންޓާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ، ދެން މި ރަށުގެ ރައްޔިތުން އެއްގޮތަކަށްވެސް ޝަކުވާއެއްކޮށް، ތަކުލީފެއް އުފުލާކަށް ނުޖެހޭނެ.

ނިލަންދޫގެ ތަރައްޤީއަށްޓަކައިވެސް އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އަދި ކުރަންހުރި ވަރަށްގިނަ ކަންތައް އަދިވެސް އެބަހުރި. މި ރަށަކީ މަސްވެރި ރަށެއް. އަދި މި އަތޮޅުގައި އޮތް ދަނޑުވެރިކަމަށްވެސް އެންމެ ރަނގަޅު ރަށް. ދަނޑުވެރިކަންވެސް އެންމެ ފުޅާ ދާއިރާއެއްގައި މި އަތޮޅުގައި ކުރަނީ ނިލަންދޫގައި.

އެހެންވެ، ސަރުކާރުން މި ހިންގާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރެއިން އެގްރޯނެޓްގެ ޚިދުމަތް، ދަނޑުވެރިން އުފައްދާ ތަކެތި ކަލެކްޓް ކުރާ ސެންޓަރެއްގެ ގޮތުގައި، މި ރަށް ހަދައި، މި ރަށުގައި އެ މަސައްކަތް ކުރަމުން އެ ގެންދަނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައިވިއްޔާ، މި ރަށުގެ ދަނޑުވެރިން، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ ދަނޑުގައި މަސައްކަތް ކުރަމުން އެބަދޭ. އެގްރޯނެޓްގެ ސެންޓަރު މިތަނުގައި ޤާއިމްކުރެވި، އިތުރު ޚިދުމަތްތައް ދޭން ފެށުމުން، މި ރަށުގެ ދަނޑުވެރިންނަށް، އެ އުފައްދާ ތަކެތި ރަނގަޅު އަގުގައި، ތާޒާކަންމަތީގައި ވިއްކޭނެކަމުގެ ޔަޤީންކަން ލިބިގެންދާނެ.

މި ރަށުގައި ދެން އިތުރަށް ކުރަން ޖެހިފައި ހުރި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ބަނދަރު ބޮޑުކުރަން އެބަ ބޭނުންވޭ. އަދި ރަށްގިރުމުގެ މައްސަލަ އެބައޮތް. ކުނީގެ މައްސަލަ އެބައޮތް. އަޅުގަނޑު ހިތުން ކުނި ނައްތާލުމަށްޓަކައ ކުރަންޖެހޭ ކަންތައްތަކަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ދެން ބަނދަރު ބޮޑުކުރުމަށްޓަކައި އަދި ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޕްލޭނިންގ މިނިސްޓްރީން މިތަނަށް ޓީމެއް ފޮނުވައި، އެ ބޭނުންވާ ބަދަލުތައް ގެނައުމުގެ ޕްލޭނިންގއެއް އަޅުގަނޑުމެން ހަދާނަން. އެއަށްފަހުގައި، އެކަމާއިގެން އަޅުގަނޑުމެން ކުރިއަށްދާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ތަރައްޤީގެ އެއް ބައިވެރިންނަކީ ފެނަކަ. ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އިންޖީނުގެތައް ބަދަލުކުރުމާއި، ކޭބަލްތައް އާކުރުމުގައި، އެ ކުރާ މަސައްކަތް މިހާރުވެސް އެ ކުރަމުންގެންދާ ގޮތަށް ހަލުވި ސްޕީޑްގައި ކޮށް، އަޅުގަނޑުމެންގެ މި ދައުރު ނިމުމުގެ ކުރިން، އަޅުގަނޑުމެން ވަޢުދުވެފައި އޮތްގޮތަށް، އެ ކަންތައްތައް ކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދުވެސް އެބައޮތް. އެކަމަށްޓަކައި ފެނަކައިން ކުރަމުންގެންދާ މަސައްކަތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދި މި އަތޮޅާއި މި ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ރައްޔިތުންގެ މަޖިލީހުން އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. ކޮންމެ ކަމަކީ ޤާނޫނުގެ ތެރެއިން، ޤަވާޢިދުތަކުގެ ތެރެއިން ކުރެވޭ ކަންތައްތައް. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އެފަދަ ކަންތައްތަކުގައި، މި ދާއިރާ ތަމްސީލު ކުރައްވާ ތިޔަބޭފުޅުންގެ މެންބަރު، ސަރުކާރަށް އެ ވެދެއްވާ އެހީތެރިކަން، ތާއީދު އަޅުގަނޑު މިއަދު ފާހަގަކޮށް، އެމް.ޕީ. ޔަޢުޤޫބަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން. އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ކުރުމުގައިވެސް މެންބަރު ޔަޢުޤޫބަށް، މި ދާއިރާގެ ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑު ބޭނުންވޭ.

އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މި ރަށުގައި ޚާއްޞަކޮށް ކުރަމުން މިގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ބައިވެރިއެއްގެ ގޮތުގައި ތިއްބެވުން. އިރާދަކުރެއްވިއްޔާ، މި ރަށަށް މި ރަށުގެ ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރާނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ރަށަށާއި މި އަތޮޅަށް މިއަށްވުރެ އުފާވެރި ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.