ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ކުރީ ނިލަންދޫ އައު އިންޖީނުގޭ ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ރަށްރަށަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުން ކަމަށް ވިދާޅުވެފައެވެ.

ނިލަންދޫ ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން ނިލަންދޫ ރައްޔިތުން ދެންނެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިކަމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ތަޢުލީމީ ދާއިރާގެ ކަންކަމާއި ޞިއްޙީ ދާއިރާއިން ރައްޔިތުން ބޭނުންވާ ކަންކަން ނިލަންދޫ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމުގެ ފަހުގެ މަޢުލޫމާތު ދެއްވައި ރައްޔިތުން ޙިއްޞާކުރެއްވި ބައެއް ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.