ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު، ގއ. ދާންދޫ ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި، ދާންދޫ ކައުންސިލުން ވަނީ މިސަރުކާރުން ދާންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ޝުކުރުދަންނަވާފައެވެ. އަދި އެބޭފުޅުން ވަނީ މިއީ ފާއިތުވި 10 އަހަރު ތެރޭގައި ވެސް ރައީސަކު ދާންދޫއަށް ޒިޔާރަތްކުރައްވައި ދާންދޫ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި މިގޮތަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ދާންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފެށުމަށާ، ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާކަމަށާއި، ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށާއި، އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި ދޮރެގަލާ ދާންދޫގެ އިޙްތިޞާޞްގައި ހިމަނަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. ކައުންސިލް މެންބަރުން ވަނީ ސްކޫލްގެ ތަޢުލީމީ މަންހަޖަށް ކޮމްޕިއުޓަރ ސްޓަޑީސް އާ އައިސީޓީ އިތުރުކޮށްދެެއްވުމަށް ވެސްދަންނަވާފައެވެ.

ދާންދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ޤާއިމްކުރުމާއި އިނޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.