ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދެކުނު އިރުމަތީ އޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޑަބްލިއު.އެޗް.އޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވައި، ރާއްޖެއިން ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ކޯވިޑް-19 އަށް ފަހު ރާއްޖެއިން ޞިއްޙީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެފައިވާކަމަށާއި، އިޤްތިޞާދީގޮތުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ ފައިސާ އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމުގައި ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑަބްލިއު.އެޗް.އޯއިން ދިވެހިރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ އެކަމަނާއަކީ، ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

ހަމަ އެއާއެކު މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.