ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މަތީ މަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

ބޮސްނިއާގެ ޚާރިޖީ ވަޒީރު ވަނީ މިއަހަރަކީ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 25 އަހަރު ފުރޭ އަހަރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްޤީއާ އަދި ގިނަ ޤައުމުތައް އެކުވެގެން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ބޮސްނިއާ އެންޑް ހަރޒަގޮވިނާއާ ދެމެދު ސިޔާސީ ގުޅުން ޤައިމުކޮށްފައި ވަނީ 27 ޖެނުއަރީ 1997ގައެވެ.