بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު، ޔުނިސެފް ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި މަންދޫބު މިސްޓަރ ޕައުލޯ ސަސަރާއޯ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު ތަންފީޒުވާން މި ފަށަނީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައިވާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް. ނަފްސާނީ ޞިއްޙަތަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕެއިން މިއަދު ރަސްމީކޮށް އިފްތިތާޙް ކުރާއިރު، މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ކެމްޕެއިންގެ ކަންކަމުގައި ދެއްވާ އެހީތެރިކަން ފާހަގަކޮށް، ޔުނިސެފަށް ވަރަށް ޚާއްޞަ ޝުކުރެއް ވެސް އަޅުގަނޑު ދަންނަވަން.

ޤައުމެއްގެ ކުރިއެރުމަކީ ރައްޔިތުންގެ ކުރިއެރުން. ތަރައްޤީއަށް ކުރާ މަސައްކަތުން ނަތީޖާ ހާސިލުކުރެވެނީ، ތަރައްޤީގެ މައި އިންޖީނުގައި ހަކަތައާއި ބުންވަރު ހުރެގެން. އެކަމަށް ބޭނުންވާ ހިތްވަރާއި ފަންވަރު ރައްޔިތުންގެ ކިބައިގައި އުފެދެނީ، ކޮންމެ ފަރުދަކަށްވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިގެން.

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރުވެސް ދެމުން މި އަންނަނީ، އެންމެ ފަރުދަކުވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރަން.

އޭގެ ތެރެއިންވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ސިޔާސަތެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. ރާއްޖޭގައި ނަފްސާނީ ފަރުވާދޭ މަރުކަޒެއް، ފުރަތަމަ ފަހަރަށް ޤާއިމުކުރީ މި ސަރުކާރުން. އެއީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މާރިޗު 2019 ގައި ހުޅުވި ސެންޓަރ ފޮރ މެންޓަލް ހެލްތު.

އޭގެފަހުން އެ ޚިދުމަތް މިހާރު ވަނީ ފުޅާކުރެވިފައި. ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކޮށް، މިހާރު ވަނީ ޚިދުމަތް ދޭން ފެށިފައި. އެ ޚިދުމަތް ދެމުން މި އަންނަނީ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް، އާސަންދައިގެ ދަށުން ކުރެވޭގޮތަށް.

ނަފްސާނީ ވޭންތައް ތަޙައްމަލުކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުން ވެސް ރާއްޖޭގައި ވަރަށް ގިނަ. އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް. އެހެންނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫން. އަދި އަމުދުން ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ވެސް ނޫން.

ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒަމާނުއްސުރެ މިކަމަށް އަޅައިނުލެވި، މެދުވެރިވެފައި އޮތް މައްސަލަތައް. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ނަފްސާނީ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން ކުޑަވުން. ނަފްސާނީ މައްސަލައެއް ފާހަގަވުމުން، އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނޫނީވިއްޔާ ތެރަޕިސްޓެއް.

ނަމަވެސް، އެއަށްވުރެ މާ ކައިރިން، އެކަމަށް ފިޔަވަޅު އެޅެން އެބަހުރި. ޢާއިލާއާއި ރައްޓެހިންނަކީ އެންމެ ގާތުން އަދި އެންމެ އަވަހަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މީހުން. އަދި މިފަދަ ކަންކަމުގައި އެހީތެރިވެދޭ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ އެހީތެރިކަން ވެސް ހޯދިދާނެ. މި ޤައުމީ ކެމްޕެއިންގައި ބާރުއަޅާ އެންމެ މުހިންމު އެއް ކަމަކީ މިއީ.

ނަފްސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ، އެ ބަލީގެ އެންމެ ކުރީކޮޅުގައި ފަރުވާ ދޭން ފެށުން. އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ، އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ނަމަވެސް، މިކަމުގައި އެންމެ މުހިންމީ، ނަފްސާނީ ބަލި ނުވަތަ ނަފްސާނީ ޙާލަތެއް މެދުވެރިވާ ކަމުގެ ޢަލާމާތްތައް، އޭގެ ކުރީކޮޅުގައި ދެނެގަތުން. އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުން.

މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ކެމްޕެއިންގެ ވަރަށް މުހިންމު ބައެއް. މި ކެމްޕެއިން ކުރިއަށްދާއިރު، ނަފްސާނީ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާގެ އިންތިޒާމުތައް މިހާރު ވާނީ ހަމަޖެހިފައި.

އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ނަފްސާނީ ފަރުވާ ތަޢާރަފްކޮށް، ތެރަޕީއާއި ކައުންސިލްގެ ޚިދުމަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ރަށު ފެންވަރުގައި މި ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން އެ ޚިދުމަތް ދިނުމަށްވެސް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ކުރުމަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރަން އެބަޖެހޭ. ފަރުދީ ގޮތުންނާއި، އިޖުތިމާޢީ ފެންވަރުގައި ކުރެވިދާނެ ކަންކަން އެބަހުރި. ސަރުކާރުގެ ތެރެއިން ކުރެވޭނެ ކަންކަން ވެސް އެބަހުރި. ސަރުކާރުގެ އެކި އިދާރާތަކުގެ ތެރެއިން އިޖުތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމަށް ފޯރުކޮށްދެވޭ ޙައްލުތަކެއް ވެސް އެބަހުރި.

މިނިސްޓްރީ އޮފް ޖެންޑަރ އިން ޤާއިމުކޮށްފައިވާ އިޖުތިމާޢީ ޕްލެޓްފޯމް "އިބަމަ" އަކީ މިފަދަ އެއް ވަސީލަތް. ސްކޫލް މަދަރުސާތަކަކީ ވެސް، ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރި ކުރުވައި، އެފަދަ މައްސަލަތަކުން ރައްކާތެރިކުރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން.

ނަފްސާނީ ބަލީގެ ކޮންމެ މީހަކީ އެޑްމިޓްކޮށް، ބޭސްދީގެން ފަރުވާކުރަންޖެހޭ މީހަކަށް ނުވެދާނެ. އެހެން ނަމަވެސް، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހާއަށްވުރެ، ނަފްސާނީ ބަލީގައި އުޅޭ މީހާ ތަޙައްމަލުކުރާ ވޭން މާ ބޮޑުވެދާނެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ދިގު މުއްދަތަކަށް ތަޙައްމަލުކުރަންޖެހޭ ވޭން އަދި ވަކިން ބޮޑުވެދާނެ.

ނަފްސާނީ މައްސަލަތައް އުފެދޭގޮތާއި، އުފެދުމަށްފަހު އެ މައްސަލަތަކުގެ ވަށައިގެން ހިނގާ ކަންކަމަށް ބަލާއިރު، ދުރާލައި ފިޔަވަޅު އެޅުމަށްވުރެ ބުއްދިވެރި ގޮތެއް ނެތް. ބަލީގެ ކުރީކޮޅު އެކަން ދެނެގަނެ، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަކީ، އެކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަކޮށްދޭ ކަމެއް.

ޕައުލޯ ސަސަރާއޯ ވިދާޅުވިފަދައިން، އިންވެސްޓް ކުރާ ކޮންމެ ޑޮލަރަކަށް، ދެ ޑޮލަރުގެ ފައިދާ، ބައެއް ޤައުމުތަކުގައި ލިބޭ ވާހަކަ އެ ވިދާޅުވީ. އަދި އެހެން ޤައުމުތަކުގައި ޑޮލަރަކުން ހަތަރު ޑޮލަރުގެ ފައިދާ މިއިން ލިބޭ ވާހަކަ ވެސް ވިދާޅުވި. އަޅުގަނޑު ހިތުން އިންވެސްޓް ކުރަންވީ އެއް ދާއިރާ މިއީ. ޤައުމުގެ ކުރިއެރުމަށްޓަކައި.

ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާ، ވަރަށް ގިނަ ކަންތައް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. އެއީ ޙައްލުކުރަންޖެހި، ޙައްލުނުކުރެވި ހުރި ވަރަށް ގިނަ އިޖުތިމާޢީ މައްސަލަތަކެއް. މާލޭގައި ހުރި މައްސަލަތައް ތަފާތުވެދާނެ. ރަށްރަށުގައި ހުރި މައްސަލަތައް ތަފާތުވެދާނެ.

މާލެއަށް ބަލާއިރުގައި، ތޮއްޖެހިގެން އުޅެންޖެހުން، އެއީ ބޮޑު މައްސަލައަކަށް ވެދާނެ. އަރާމުކޮށްލަން، ކުޅެލަން ނުކުންނާނެ ތަނެއް ނެތުން، އެއީ މީހާގެ ދިރިއުޅުމަށް، ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންތައްތައް.

ރަށްރަށަށް ބަލާއިރުގައި، ނަފްސާނީ މައްސަލަތަކަށް މަގުފަހިވާ، އަޅުގަނޑު ދެންނެވިހެން ތަފާތު ކަންތައްތަކެއް ހުރެދާނެ. އަޅުގަނޑުމެން ކުރީގައި އެ ދެއްކި ދިރާސާގައި އެ ބުނާގޮތުން، އެންމެ ފުރަތަމަ ކަމަކީ، އަސާސީ ބޭސިކް ޚިދުމަތްތައް. މިއީވެސް މީހާގެ ދިރިއުޅުމާ ގުޅިފައި ހުރި ކަންތައް.

މިސާލަކަށް ދަންނަވާނަމަ، ސާފު ބޯފެން ލިބުން، ނަރުދަމާގެ ޚިދުމަތް ލިބުން، ރަށުން ކައިރިން ޞިއްޙީ ޚިދުމަތް ލިބެން ހުރިއިރުވެސް، އެތަންތަނަށް ދެވޭނެގޮތެއް ނެތުން. ފަސޭހައިން ދެވޭނެގޮތެއް ނެތުން. ދަރިންނަށް ރަނގަޅު ތަޢުލީމެއް ދެވޭނެގޮތެއް، މައިންބަފައިންނަށް ނެތުން. މިކަމާ ފިކުރު ކުރަންޖެހުން. މިހިރީ މީގެ ތެރޭގައި ހުރި ބައެއް ކަންތައްތައް.

މި ސަރުކާރުން މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރަމުން މި އަންނަ މަސައްކަތަކީ އެއީ. ކޮންމެ ފަރުދަކަށް، އެމީހަކު ދިރިއުޅޭ ތަނެއް ނުބަލައި، ވަކި ރަށެއް ނުބަލައި، ބޭނުންވާ މިފަދަ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން. ސާފު ބޯފެން ފޯރުކޮށްދިނުން. ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން. ރަށާ ކައިރިން ލިބެން ހުރި ޚިދުމަތްތައް ހޯދުމަށްޓަކައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. މިހިރީ ތިމާގެ އަމިއްލަ ދިރިއުޅުމަށް ފަސޭހަތައް ވެގެން އަންނާނެ، ސިކުނޑިއަށް ލުއިވެގެންދާނެ ކަންތައްތައް.

ދަރިންނަށް ތަޢުލީމު ލިބޭނޭގޮތް ހޯދައިދިނުން. އެކަމާ ދޭތެރޭގައި ސިކުނޑި ގާނައި، އެތައް ދުވަހެއް އެކަމުގައި ހޭދަކުރަން ނުޖެހުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި ދެންނެވިހެން މި ސަރުކާރުން މި ގެންދަނީ އެ ކަންތައްތަކަށް ރަނގަޅު ޙައްލެއް ހޯދައިދެމުން.

އާދެ، މިފަދަ ކަންތައްތައް ނޫނަސް، ނަފްސާނީ ވޭނަށް ހުށަހެޅޭ ކިތަންމެ ސަބަބުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހުރެދާނެ. ނަފްސާނީ ބަލިތަކާ ދެކޮޅަށް އަޅަން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ ބަލީގައި އުޅޭ މީހުން އެކަހެރިވާން ދޫކޮށްނުލުން. އެމީހުންގެ އަތުގައި ހިފައި، އެމީހުންނަށް އެހީތެރިވެދިނުން. ނަފްސާނީ ބަލިތަކުގައި ދޭންޖެހޭ ބޭސްފަރުވާއަށްވުރެ، ޢާއިލާއާއި މުޖުތަމަޢުގެ ލޯތްބާއި އޯގާތެރިކަން ލިބުމަކީ މާ މުޖައްރިބު ފަރުވާއެއް.

މާތް ﷲގެ ވާގިފުޅާއެކު، މި ޤައުމީ ކެމްޕެއިން ތަންފީޒުވަމުން ދާއިރު، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް، ގުޅިގެން މަސައްކަތް ކުރުމުގެ އާދަ މުޖުތަމަޢުގައި އުފެދިގެންދާނެ. އަމިއްލަ ނަފްސަށް އަޅައިލުމުގެ އާދަ ފަރުދުންގެ ކިބައިގައި އަށަގަންނަމުންދާނެ. އަދި މުޖުތަމަޢުގެ އެންމެންގެ މެދުގައި، އެކަކު އަނެކަކަށް އޯގާތެރިވުމާއި އެހީތެރިވުމުގެ މާހައުލެއް އުފެއްދުމަށް މަސައްކަތްކުރެވޭނެ.

މިފަދަ ޤައުމީ ކެމްޕެއިނެއް ފަށާއިރު، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ، ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.

މިއަދު މި ފެށި، ނަފްސާނީ ޞިއްޙަތު ރައްކާތެރިކުރުމުގެ ޤައުމީ ކެމްޕެއިނަށް، ދިވެހި ރައްޔިތުންގެ ތާއީދާއި ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ފަށާ މި މުހިންމު މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މި މަސައްކަތުގެ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށް ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހިންނަށް ފުރިހަމަ ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަން ދެއްވައި، ފާގަތިކަމާއި ތަނަވަސްކަން ރާއްޖެއަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.