بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިރާގުގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު، ދައުލަތުގެ ވަޒީރުން، ދިރާގުގެ ބޯޑުގެ މެންބަރުން، އިސްވެރިން، އަދި ދިރާގުގެ ހީވާގި މުވައްޒަފުން، އަދި ވަކިން ޚާއްޞަކޮށް، މިއަދުގެ މި ޕްރޮގްރާމްގައި ބައިވެރިވި އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާދެ، އަޅުގަނޑުވެސް ވަރަށް ލުކް ފޯވަޑް ކުރާ ކަމެއް. ޚާއްޞަކޮށް، ސްކޫލް ދައުރު ނިމި، މަސައްކަތެއް، ހުނަރެއް ދަސްކޮށް، އެކަމެއްގެ ސެލެބްރޭޝަން، އެކަން ފާހަގަކުރުމުގެ ޙަފްލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުން. އެއީ، ހަމަ އަބަދުވެސް އަޅުގަނޑު ކުރާހިތްވާ ކަމެއް. ދެން މިގޮތަށް އަޅުގަނޑަށް ދިރާގުގެ ފުރުޞަތެއް ލިބިގެން މި ދިޔައީ ދެވަނަ ފަހަރަށް. ދެން މި ނޮވެންބަރު ފަހުކޮޅު، މި އަހަރު އަނެއްކާވެސް ލިބިގެން މި ދިޔައީ. އަޅުގަނޑު ހުރިހާ ބައިވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް، ވަރަށް ބޮޑަށް ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބައިވެރިންނަށް އަރިސްކޮށްލަން.

އާދެ، ދިރާގުން މިފަދަ މުހިންމު ޕްރޮގްރާމެއް ހިންގަވާތީ، އަދި މެދުކެނޑުމެއްނެތި 13 އަހަރު ވަންދެން ގިނަ އަދަދެއްގެ ދަރިންތަކަކަށް މިފަދަ ޕްރޮގްރާމެއް ހިންގަވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދިރާގުގެ ސީ.އީ.އޯ. އަށާއި އަދި ދިރާގުގެ އެންމެހައި އިސްވެރިންނަށް، އަދި އެންމެހައި މުވައްޒަފުންނަށް ވަރަށް ޚާއްޞަކޮށް، އަޅުގަނޑު ޝުކުރު ދަންނަވައި، އެކަން ފާހަގަކުރަން.

އާދެ، އަޅުގަނޑުމެން ދިގުކޮށް ކިޔާލާއިރުވެސް މި ކިޔަނީ، "ދިވެހިރާއްޖޭގެ ގުޅުން". އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް މިތިބެނީ، ދިރާގާ ގުޅިފައިހެން މާކުރިއްސުރެ. އެހެންވީމާ، ތިޔަބޭފުޅުން ގަބޫލުކުރައްވާ، އަޅުގަނޑުމެން ހުރިހާ އެންމެންނަކީވެސް ހަމަ ތިޔަބޭފުޅުން ފަދަ ގުޅުމެއްގައި ތިބި ބައެއްކަން.

އާދެ، ދިރާގުން މުޖުތަމަޢަށް ފައިދާކުރާ މަސައްކަތެއްގެ ގޮތުގައި ހަމައެކަނި ކުރާ ކަމަކީ، މީހުން ބިނާކުރުމުގެ ގޮތުން، ދިރާގަށް ލިބިފައި ހުރި އެކްސްޕަޓީސްއެއް އެހެން ފަރާތްތަކާ ޝެއަރކޮށް ދަސްކޮށްދީ، އެކަންތައް ކުރުމެއްވެސް ނޫން. ވަރަށް ގިނަގުނަ މަސައްކަތްތައް ދިރާގުން އެބަ ކުރައްވާ. އަޅުގަނޑަށް ވަރަށް ރަނގަޅު، ސީ.އީ.އޯ. ވިދާޅުވި ބަސްފުޅު. ތިމަންނާމެންނަށް އެނގިފައި ހުރި، ތިމަންނާމެންގެ ރިސޯސަސް އެހުރި މިންވަރަކުން އެކަންތައްތައް އެހެން ފަރާތްތަކަށް ފޯރުކޮށްދީ، ދަސްކޮށްދީ ހެދުމުގެ އެ ހިތްހަމަޖެހުން އަޅުގަނޑަށް ހީވަނީ އެއީ ހުރިހާ އެންމެންނަށްވެސް، ޚާއްޞަކޮށް، ތަންކޮޅެއް ޕްރޮފެޝަނަލްކޮށް، ރަނގަޅު މިންގަނޑުތަކަކަށް، ރަނގަޅަށް މެނޭޖްކުރާ ކަސްޓަމަރ ސަރވިސް، ކަސްޓަމަރ ކެއަރ، އެކަންތައްތައް ހުންނަ ހަމަ ހުރިހާ ކުންފުނިތަކަކުންވެސް ކުރަންވާ ކަމެއް. ތިމާއަށް އެނގިފައި ހުރި އެއްޗެއް، ތިމަންނާމެންނަށް އެނގިފައި ހުރި އެއްޗެއް، ދަސްވެފައި ހުރި އެއްޗެއް، އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުންވެސް އަޅުގަނޑުމެންނަށް ވަރަށް ބާރުއަޅާ ކަމެއް. ހެޔޮ ކަންތައްތައް، އެހެން މީހުންނަށް ދަސްކޮށްދިނުން. ދުނިޔޭގައި އުޅުމަށްޓަކައި އަނެއް މީހާ އަހުލުވެރި ކުރުވުމަށްޓަކައި، މަސައްކަތްތެރި މީހަކަށް މީހާ ހެދުމަށްޓަކައި، ކަންތައްތައް ކޮށްދިނުމަކީ އެއީ، ވަރަށް ހެޔޮ ކަމެއް. އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ފާހަގަކޮށް، މިފަދަ މަސައްކަތްތައް ކުރާ ހުރިހާ ފަރާތްތަކަށް، ރާއްޖޭގެ ހުރިހާ ކުންފުނިތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ވަރަށް ގާތުން މަސައްކަތްކުރެވޭ ދިރާގާ. ވަރަށް ގިނަ ކަންކަމުގައި، އެކުގައި މިދިޔަ ހަތަރު އަހަރު ދުވަހު މަސައްކަތްތައް ކުރެވިއްޖެ އަޅުގަނޑުމެންނަށްވެސް، މި ސަރުކާރުންވެސް. އެގޮތުން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޚާއްޞަކޮށް، މީހުން ބިނާކުރުމުގެ މި ދާއިރާގެ އިތުރުން ވަލްނަރަބްލް، ކަންކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އިޖުތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާފައި އެބަވޭ. އަދި ހަމަ އެއާއެކު، އެކިކަހަލަ ޕްރޮގްރާމްތަކަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަން ދެއްވާފައި އެބަވޭ. މީގެ ގާތްގަނޑަކަށް ހަތަރު ފަސް އަހަރު ކުރިން، ދިރާގާ އެކީ އަޅުގަނޑު އަމިއްލައަށް ކުރި ބައެއް ކަންތައްތަކުގެ ތެރޭގައިވެސް، މީހުން ހޭލުންތެރި ކުރުވުމަށާއި، އެބާވަތުގެ ކަންތައްތަކުގެ އެބަހުރި ދިރާގުގެ ބައިވެރިވުން އަޅުގަނޑަށް ލިބިފައި. އަޅުގަނޑުމެންނަށް ދިރާގާއެކީ މަސައްކަތްތަކެއް ކުރެވިފައި ވަނީ. އެހެންވީމާ، އަޅުގަނޑަށް ދިރާގުގެ ތަޖުރިބާ ވަރަށް ބޮޑަށް ކުރެވިފައި ހުރީ.

މިދިޔަ އަހަރު މިގޮތަށް ބޭއްވުނު ރަސްމިއްޔާތުގައިވެސް އަޅުގަނޑު ދެންނެވިން، ދިރާގުގައި ޕަރސަނަލީވެސް އަޅުގަނޑު ވަރަށް ދަންނަ ބޭފުޅުން ހިމެނެއޭ، ވަރަށް ކުރިއްސުރެ ފެށިގެން. އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ. ޚާއްޞަކޮށް އަޅުގަނޑު ފާހަގަކުރަން ބޭނުން، މަސްޢޫދު އަދި ޢަލީ ރިޔާޒުގެ ނަން. އަޅުގަނޑު ހަނދާނެއް ނެތް، ކޮން ދުވަހަކުން ފެށިގެން ކަމެއް އަޅުގަނޑުމެންގެ ގުޅުން، މި ވަރުގަދަ ގުޅުން އުފެދުނީވެސް. އެހާކުރިއްސުރެ ފެށިގެން، އެ ގުޅުން އޮވޭ. އަދި ފާހަގަކުރެވުނު ކަމަކީ، ދިރާގުގައި އުޅުއްވި އެފަދަ ބޭފުޅުން، އަބަދުވެސް ވިސްނަވާ، ދިރާގުގެ މި މައިގަނޑު އެ އަސާސް، ގަބޫލުކުރާ ކަންތަކުގެ މައްޗަށް އެބޭފުޅުންނަށްވެސް ކޮށްދެއްވެން ހުރި ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް އަބަދުވެސް ކޮށްދެއްވުމަށް. އެހެންވީމާ، އެކަންވެސް އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން.

މިދެންނެވި ގޮތަށް، އަޅުގަނޑު ބަލައިލާއިރު، ދިރާގުގެ ތެރެއިން މި ކޮށްދެއްވާ މަސައްކަތްތަކުގެ އިތުރަށް ވަރަށް ބޮޑަށް ފެނޭ، ކަސްޓަމަރ ކެއަރ، ކަސްޓަމަރ ރިލޭޝަންސްގެ ޚިދުމަތްތައް. ވަރަށް ރަނގަޅު ޓީމް ވަރކެއް އޮންނަ ތަން އަޅުގަނޑަށް ފާހަގަކުރެވޭ. ފެށުނީއްސުރެ މިއަދާ ހަމައަށްވެސް، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ރަނގަޅު ބެންޗްމާރކެއްހެން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ނަމޫނާއެއް ފެނޭ ދިރާގުގެ ފަރާތުން. ޚާއްޞަކޮށް އެ ހިނިތުންވުމާއެކު، ޚިދުމަތްދޭ މަންޒަރަކީ އެއީ، ހަމަގައިމުވެސް އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ކަމަކީ. އަޅުގަނޑު ފެނުނީމާ މީހަކު އަޅުގަނޑަށް ހީލާފައި، ސްމައިލް ކޮށްފައި، ކިހިނެއްހޭ އަހައި، ނުވަތަ ސަލާމްކޮށްލުމަކީ އެއީ، އަޅުގަނޑަށް މިލިއަނުންވެސް، އަދި ލައްކައިންވެސް އެއަށްވުރެ މާ އެހެންކަހަލަ ވެލިއުއެއް އަންނަ ކަމެއް. އެހެންވީމާ، އެ މަންޒަރުވެސް އަޅުގަނޑު ދިރާގުގެ ކައުންޓަރަށް ބިލް ދައްކަންދިޔަ ދުވަސްވަރު ފެނުނު. އޭރު ބިލް ދައްކަން ދަނީ. ފޯނަކުން ނޫން އޭރު ދައްކަނީ. ވަރަށް ރަނގަޅު. އޭރު އަޅުގަނޑު ބިލް ދައްކަންދާއިރު، ކައުންޓަރުގައި ތިއްބަވާ ބައެއް ބޭފުޅުން އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ. އެހެންވީމާ، އެކަންވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

އެނގިވަޑައިގަންނަވާނެ، މީހުން ބިނާކުރުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ޤައުމެއްގެ ކުރިއެރުން ބިނާވެފައި މި އޮންނަނީ، ޑިޕެންޑް މިވަނީ، އެ ޤައުމެއްގައި އުފެދޭ، މަސައްކަތްތެރި ޖީލަކަށް. ހަމައެކަނި އެ އޮންނަ ވަރކްފޯސްއެއްގެ މައްޗަށް. އަދި އަމުދުން ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ހިތަށްވެސް ނާންނަފަދަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ ދިޔުމުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ، ވަރުގަދަ ވަރކްފޯސްއެއް، ރިޒިލިއަންޓް ކޮމިއުނިޓީއެއް ބިލްޑް ކުރުމަށްވުރެ މުހިންމު ހަމަ އެއްވެސް ކަމެއް ޤައުމަކަށް ނެތްކަން. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު ކުރީފަހަރުވެސް މިވާހަކަ ކޮންމެވެސްވަރަކަށް ދައްކާލިން. އެހެންވީމާ، އެހާ ދިގުކޮށް އަޅުގަނޑު އެ ވާހަކަ ދައްކާކަށް ނެތިން.

އެހެންނަމަވެސް، އަޅުގަނޑު ހަމަ ބޭނުން ދަންނަވާލަން. ދުނިޔޭގައި ކުރިއަރާފައި ހުރި ޤައުމުތައް ބައްލަވާ. ތަންކޮޅެއް ކައިރިން، ސިންގަޕޯރ ބަލާލަމާ ހިނގާ. ދެން ވަރަށް ދުރަށް ޖެހިލާއިރު، ސްކެންޑިނޭވިއާ، ކެނެޑާ، އޮސްޓްރޭލިޔާއަށް ބަލައިލަމާ ހިނގާ، ކިހިނެއްތޯ ކުރިއެރީ. ކޮންކަމަކަށްތޯ އިސްކަންދިނީ. ތަޢުލީމީ ދާއިރާ، އެއީ ފެށުން. ދެން އަންނަނީ އެއާ ގުޅުވާލައިގެން އަހުލުވެރިވުން، މަސައްކަތް ދަސްކުރުން، ހުނަރު، ފަންނުވެރި ބަޔަކަށްވުން. އެއީ، ޤައުމަށް ލިބުނު ފަޚުރެއްގެ ގޮތުގައި. އެއީ ޤައުމުގެ ކުރިއަރައިދިޔަ ހަމައެކަނި އަޞްލަކަށްވީ ކަމަކީ. މީގެ ފަންސާސް އަހަރު، ފަސްދޮޅަސް އަހަރު ކުރިން އެ މަސައްކަތްތައް ފެށީ.

އަޅުގަނޑު ދަންނަވާލަން މިއުޅެނީ، މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެނގިވަޑައިގަންނަވާނެ، އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި، އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، އެންމެ ބޮޑު ހޭދައެއް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއޮތީ، މި ސަރުކާރުވެސް އޮތީ، ތަޢުލީމީ ދާއިރާއިން ފެށިގެން ގޮސް، މީހުން ބިނާކުރުން. އަޅުގަނޑުގެ ދެފަރާތުން އެބަ ފެނޭ، ދެ ވަޒީރުން. އެއީ، ތަޢުލީމީ ދާއިރާއިން ފެށިގެން ގޮސް މީހުން ބިނާކުރުން. މި މަސައްކަތްތައް ކުރައްވާ ދެ ވަޒީރުންވެސް އެބަ ތިއްބެވި. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އައުމާއެކު، މުޅިން އެހެން ކަންތައްތަކެއް ތަޢާރަފްވެގެންދިޔަ. އަޅުގަނޑުމެންނަށް ރާއްޖޭގެ އެ ޙާލަތު، އާދެ، އެކި މީހުންގެ ދިރިއުޅުމުގެ ޙާލަތު ހުރީ އެކި މިންވަރަށް، އެކިވަރުވަރަށް. ތަންކޮޅެއް ތަނަވަސް ފަރާތްތަކާއި، ވަރަށް ތަނަވަސް ބޭފުޅުންނާއި، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާ. އެއީ، ހުރިހާ ޤައުމެއްގައިވެސް ހިމެނޭ ބައިތައް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ، މި ދެންނެވި ކަންތައްތަކަށް ސަމާލުކަމާއި، އިސްކަން ދެއްވުމުގެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރެއްވި އެއްކަމަކީ، ހިލޭ ޑިގްރީ ޕްރޮގްރާމެއް ފެށްޓެވުން. އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު ފާހަގަކުރަން، މިއަދާ ހަމައަށް އައިއިރު، ގާތްގަނޑަކަށް ފަނަރަހާސް ފަސްސަތޭކައަށްވުރެވެސް މައްޗަށް ހިނގައްޖެ، ހިލޭ ޑިގްރީ ޕްރޮގްރާމް ފުރިހަމަކުރާ ކުދިންގެ އަދަދު. އަދި ޕްރޮގްރާމް ކޮމްޕްލީޓް ކުރި ކުދިންގެ އަދަދުވެސް ގާތްގަނޑަކަށް ފަސްހާހަށް އަރައިފި.

އެހެންވީމާ، މިކަމުން އައި ފަސޭހަކަމާއި، ހިތްހަމަޖެހުމާއި އަދި މީގެ ބޭނުންތެރިކަން، އަޅުގަނޑު މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދިނީ، މީގެ ތެރެއިން ހުނަރު ދަސްކޮށްދިނުމަށް. ހުނަރުވެރި ބައެއް އުފެއްދުމަށް. ހަމައެކަނި ތަޢުލީމީ ސެޓްފިކެޓެއް ހިފާފައި ނުކުތަސް، އަޅުގަނޑުމެންނަކަށް އަދި މާބޮޑު ކަމެއް އެއަކުން ނުވޭ. މަސައްކަތް ދަސްކުރުމުން، ނޫނީ ޓެކްނިކަލް، ނޫނީ އެހެނިހެން ދާއިރާއަކުން ތިމާއަކީ ކަމެއް ދަންނަ މީހެކޭ، ފަޚުރުވެރިވެލާފައި ބުނެވޭވަރު ނުވާކަމަށްވަންޏާ، އަދި ހިތްހަމަޖެހުމެއް ނުލިބޭ. މިއަދާ ހަމައަށް އައިއިރު، ގާތްގަނޑަކަށް ފަސްހާހަށްވުރެ ގިނަ މީހުންނާއި ކުދިން އެބަތިބި، ހުނަރު ޕްރޮގްރާމުތަކުގެ ތެރެއިންވެސް ތަމްރީނު ކުރެވިފައި. އަމިއްލަ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެ މަސައްކަތްތައް އެބަ ކުރައްވާ. އަޅުގަނޑުމެންނަށް ކާމިޔާބު މި ކުރެވެނީވެސް އެހެންވީމާ.

އަޅުގަނޑު ހަމަ މި ކުދިންނަށް ޚާއްޞަކޮށް، ވާހަކައެއް ދަންނަވާލާނަން. އަޅުގަނޑުގެ ރަށް ފުވައްމުލަކުން، އަޅުގަނޑު މާލެއަށް ކިޔަވަން އައީ. އެއީ މައިންބަފައިންވާ ޤުރުބާނީއެއް. ކޮންމެ ބަޔަކު ކުރިޔަސް، ދަރިންނަށް ކިޔަވައިދިނުމަކީ އެއީ، ހަމަ ސެކްރިފައިޒެއް. ޚާއްޞަކޮށް، ރަށްރަށުން އައިސް މާލޭގައި އޭރު ތިބެނީ ޢާއިލާއާ ދުރުގައި. އަދި އަމުދުން، މައިންބަފައިންނާ ދުރުގައި ތިބުމަކީ އެއީ، އެހާ ހިތްހަމަޖެހޭ ކަމަކަށްވެސް ނުވޭ. އެކަމަކު ފިއުޗަރއަށް ވިސްނަން މިޖެހެނީ. އަޅުގަނޑު ހިތަށްއެރި އެއްޗަކީ، އޯލެވެލް ނިންމާފައި، ހަމަ އެންމެ ދުވަހަކުވެސް ނުހުންނާނަމޭ، މަސައްކަތާ ދުރުގައި. ދެން މަސައްކަތޭ ދަސްކުރާނީ. އެއަށްފަހު، ދެން އަޅުގަނޑު އިތުރަށް ހަޔަރ އެޑިޔުކޭޝަންގެ، ނޫނީ އެކިއެކި މަރުޙަލާތައް ކަޑައްތު ކުރާނީވެސް ކޮންމެވެސް އެއްޗެއް ދަސްކޮށްގެންނޭ.

އެހެންވީމާ، އަޅުގަނޑުގެ ޢަޒުމަކަށް އަޅުގަނޑު ހެދީ އެ ކަންތައް. އަޅުގަނޑު މި ދަންނަވަނީ، މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރީގެ ވާހަކައެއް. އުމުރުން ސަތާރަ އަހަރުގައި، އަޅުގަނޑަކީ ހަމަ މަސައްކަތްތެރިއެއް. އަޅުގަނޑު އެކަމުގެ ތެރެއަށް ވަނީ ހަމަ ޢަޒުމާއެކު. އަޅުގަނޑަށް އެނގުނު އެކަން އެދުވަހު ނުކޮށްފި ކަމަށްވަންޏާ، ފިއުޗަރއެއް ނެތްކަން. ބޭނުމަކީ ހަމައެކަނި ކިޔަވައި ނިންމާފައި ސަނަދެއް ހޯދުންވެސް ނޫންކަން. ބޭނުމަކީ ސަނަދެއް ހޯދާފައި، މަސައްކަތް ދަސްކުރުންކަން. އެއްކަމެއް ނޫން، ދެ ކަމެއް ނޫން ދަސްކުރަންވީ. ދަސްކުރަންވީ ހަމަ ގިނަ ކަންތައްތައް. އެއްކަމެއް ނެތް ކަމަށްވަންޏާ، އެހެންކަމެއްވެސް ކުރަންވީ.

އެހެންވީމާ، މިއަދުގެ ޒުވާނުންނަށް އަޅުގަނޑު ހަމަ ގޮވާލަން ބޭނުން، މަސައްކަތް ދަސްކުރަން. ތިޔަކުދިން މަސައްކަތް ދަސްކުރާށޭ. ކަމެއްނުކޮށް ހުރުމަކީ އެއީ، ނިކަމެތިކަމެއް. އެއީ ދެރަވަރުކަމެއް. އެއީ ތިމާ މުޖުތަމަޢުގައި ބާކީވެގެންދާ ކަމެއް. އެހެންވީމާ، ޚާއްޞަކޮށް، ތިޔަ ޒުވާނުންނަށް އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުން، މިކަންކަމަށް ވިސްނާފައި، ވަޒީފާއެއް އަދާކުރަން. އަމިއްލަ އާމްދަނީއެއް ހޯދަން. އަމިއްލަ ފައިމައްޗަށް ތެދުވުމަށް. މައިންބަފައިން ފަޚުރުވެރިވާ، ޢާއިލާއެއް ބިނާވުމުން، އެ ޢާއިލާއަށް ކުރަންޖެހޭ ކަންތައްތައްކޮށް، ތިމާއަށް ދަރިން ލިބޭ ދުވަހު، ދަރިންވެސް ފަޚުރުވެރިވާފަދަ މަންމައަކަށް، ބައްޕައަކަށްވާން، އެ ޢަޒުމުގައި މަސައްކަތްކުރާށޭ.

އާދެ، މީހުން ބިނާކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުންދާއިރު، ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް މިދެނީ، އެންމެ ބޭނުންތެރި ދާއިރާތަކަށް މީހުން ބިނާކުރުމަށް. އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ކަންތައްތަކެއް، ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. އަޅުގަނޑުމެންގެ ޤައުމުގައިވެސް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ކުރިއަށް މިދަނީ. ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިފި ކަމަށްވަންޏާވެސް، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްނުދާ ހަމަ އެއްވެސް ރަށެއްވެސް ނެތް. ރިޒޯޓުތަކަށް ބަލައިފި ކަމަށްވަންޏާ، ސަތޭކަ ފަސްދޮޅަހުން އަރައިފި. މިހާރުވެސް ހަދަމުންދާ ރަށްތަކުގެ ޢަދަދު އެހާގިނަ. މިއިން ކޮންމެ ތަނަކަށްވެސް މީހުން ބޭނުންވޭ. ހެލްތު ފެސިލިޓީޒްތައް ގިނަވަމުން އެބަދޭ. ޓަރޝަރީ ހޮސްޕިޓަލް ގޮތުގައި ތަރައްޤީވަމުން އެބަދޭ. ރީޖަނަލް ހޮސްޕިޓަލްތައް ވަރުގަދަ އެބަވޭ. އަތޮޅު ހޮސްޕިޓަލްތައް އެބަ އުފެދޭ. ޖޫނިއަރ ކޮލެޖުތައް އުފެދެމުން، އެ މަސައްކަތް ކުރިއަށް އެބަދޭ. ސްކޫލްތައް އިތުރަށް ފުޅާވެ ހަރުދަނާކޮށް، އިތުރު ވަސީލަތްތައް ޤާއިމުކޮށް، އެ މަސައްކަތްތައް ބާރަށް ކުރިއަށް އެބަދޭ. ރިނިއުބަލް އެނަރޖީއާއި، ވޭސްޓް މެނޭޖްމަންޓާ، އެހެންގޮސް އެކި ކަންތައްތައް ކުރުމުގައި
ފައިވްސްޓަރ އަށްވުރެ މައްޗަށް ޖެހިލައިފި. ދުނިޔޭގެ ވަރލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި، ޖެހިޖެހިގެން ތިންފަހަރު އެ ފަޚުރު ރާއްޖެ ހޯދައިފި.

ޒުވާނުންނާ މުޚާޠަބުކޮށް މިކަހަލަ ވާހަކައެއް ދައްކަން ދެ ގަޑިއިރެއްހާއިރު، ތިން ގަޑިއިރެއްހާއިރު އެބަ ބޭނުންވޭ. އަޅުގަނޑު ދަންނަވާލާނަން، އެއް ވާހަކައެއް. އަޅުގަނޑަށް މިދޭތެރެއިން ދިމާވި، އަޅުގަނޑު ކޮޕް ސަމިޓަށް ދިޔައިރު، ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާ. ހަމަ ދަންނަވާނަން ވާހަކައެއް. ވަރަށް ތަޢުރީފު ކުރޭ. ވަރަށް ތަޢުރީފު ކުރޭ. ކޮންމެ މީހަކުވެސް، ތިމަންނާ ރާއްޖެ ދާން ބޭނުމޭ. ރާއްޖޭގެ ރީތިކަމުގެ މައްޗަށް ތަޢުރީފުކޮށް، އެވާހަކަ އެންމެންވެސް ދެއްކީ. ރާއްޖޭގެ މީހުންނަކީ ރަނގަޅު ބައެއްގެ ގޮތުގައި. ރާއްޖެއަކީ ރީތި ތަނެއްގެ ގޮތުގައި، އެއީ، އެންމެންވެސް ފާހަގަކުރާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް މިގޮތަށް ދާއިރު، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި ތައްޔާރުވާން. އެހެންވީމާ، އެ ވާހަކަ ހަމަ ތަންކޮޅެއް ގިނައިންވެސް އަޅުގަނޑަށް ބުނެވިއްޖެކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އެކަމުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑުމެންގެ މި ސަރުކާރުން އެކަމަށްދޭ ސަމާލުކަން ބޮޑުކަމުން، އަޅުގަނޑަށް ހަމަ މި ދަންނަވާލެވުނީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ހަމަ ފާހަގަކޮށްލަން ބޭނުން. ވަރަށް ރަނގަޅު ދުވަސްވަރެއް މި ފެނިގެންދަނީ. ހުރިހާ ތަނެއްގައިވެސް، އަޅުގަނޑުމެން ހަމަ ވަކި ދިރާގު އެކަންޏެއް ނޫން. ސަރުކާރުގެވެސް އަދި އަމިއްލަ ކުންފުނިތަކަށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. ޚިދުމަތް ދިނުމުގައި ވީހާވެސް ރަނގަޅަށް ރައްޔިތުންނަށް އޯގާތެރިކޮށް، ރައްޔިތުންނަށް ފަސޭހަކޮށް، ހިތްހަމަޖެހުމާއެކު ޚިދުމަތް ދިނުމަކީ އެއީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއްގެ ގޮތުގައި ހަދަންވާނެއޭ. އެކި ކަންކަމުގައި ކޮންމެ ދުވަހަކުވެސް ތަންތަނަށް މީހުން ދާނެ. ސަރުކާރުގެ އޮފީސްތަކަށްވެސް ދާނެ. ދިރާގަށްވެސް ދާނެ. ސްޓެލްކޯއަށްވެސް ދާނެ. އަދި އެނޫން އަމިއްލަ ތަންތަނަށްވެސް ދާނެ. އަބަދުވެސް ހިތްހަމަޖެހިގެން، އަނެކާއަށް ކަމެއްކޮށްދޭ ކަމަށްވަންޏާ، އޭނާ އެކަން ބަލައިގަންނަ ގޮތަށް ކޮށްދޭންވާނީ. ކަމެއް ކޮށްދީފައި، އޭނާ ހިތުގައިޖައްސާލާފައި، ކަމަކުނުދާނެ. ކަމެއް ކޮށްދޭ ކަމަށްވަންޏާ، ކޮށްދެންވާނީ ވަރަށް ހިނިތުންވުމާއެކު، އެ މީހަކު އެކަން ބަލައިގަންނަ ގޮތަށް. އެހެންވީމާ، ސްޕީޑްއަޕް ކުރުމާއި، އެ ހުރިހާ ކަމެއް އަޅުގަނޑުމެން ހަމަ ވިސްނާލަންވާނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އެގޮތަށް ޚިދުމަތް ދެވެނީވެސް، ވަކިގޮތަކަށް ކަންތައްތައް ހުރެގެން.

މިހާރު އަޅުގަނޑުމެންނަށް ފެންނާނެ، މި ވަރލްޑްކަޕް ކުޅޭތަން. ވަރލްޑްކަޕް ކުޅޭއިރު، އަޅުގަނޑުމެންނަށް މި ފެންނަނީ، ޓީމަކަށް 11 ކުޅުންތެރިން އަރައި ތިބޭއިރު، ވަރަށް ޓީމު ވަރކް ރަނގަޅު. އަނެއްކާ ކޯޗެއް ހުރޭ. ބުނާގޮތަށް ހަދާ. އެ ގުޅުން އޮވޭ. އެކަކު އަނެކަކާ އެ އޮންނަ ގުޅުން، އެއީ ޓީމްވަރކަކީ. އެހެންވީމާ، އޮފީހެއްގައިވިޔަސް، އަދި އެހެނިހެން ކުންފުންޏެއްގައި ވިޔަސް، މުއައްސަސާއެއްގައި ވިޔަސް، އެ ތިބޭ މުވައްޒަފުންގެ މެދުގައި ޕާސިންގ ދަ ގޭމް. ޕާސްކުރުން. ނުވަދިހަ މިނިޓުގެ މެޗެއް ނިމޭއިރު، އެތައް ސަތޭކަ ޕާސްއެއް ކުރޭ. ހަތަރު ފަސްސަތޭކަ ޕާރސް ކުރޭ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ޕާސްކުރުން މިއީ، އެކަކު އަނެކަކާ ދެމެދު އޮންނަންޖެހޭ ކޮމިއުނިކޭޝަން، ކޯޑިނޭޝަން ކަމަށް. އެ އޮވެގެން ނޫންގޮތަކަށް އެފިޝިއަންޓް، ޕްރޮޑަކްޓިވް ސަރވިސްއެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. ހިތްހަމަޖެހޭ ސަރވިސްއެއް ނުދެވޭނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މި ދުވަސްވަރަކީ އަޅުގަނޑުމެން އެންމެންވެސް ވަރލްޑްކަޕްވެސް ބަލާ ދުވަސްވަރަކަށްވީމާ، މި ވާހަކަވެސް ހަމަ ދަންނަވާލާނަމޭ.

އާދެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް އޮތުމާއި، ތެދުބަހުން ވާހަކަ ދެއްކުމަށްވުރެ، މުހިންމު އެއްވެސް ކަމެއް ނޯވޭ. އަޅުގަނޑުމެންނަށް ކޯވިޑުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ޤައުމަށް އައި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ އެންމެ ބޮޑު އެއްބަޔަކީ ޓެކްނޯލޮޖީ. އޭގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީވެސް ހަމަ ދިރާގު. އަޅުގަނޑުމެން އެކަން ހަމަ ފާހަގަކުރަން. އެ ނެތްނަމަ މިއަދު އަޅުގަނޑުމެން މިހިސާބުގައި ނުތިބީސް. އަދި ކޯވިޑުތެރޭގައިވެސް އަދި ޢާންމު ދިރިއުޅުމުގައިވެސް އަދި ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތްއިރު އަޅުގަނޑުމެންނަށްވުރެ ވަކިންބޮޑަށް ދުނިޔޭގައި ޓެކްނޯލޮޖީ އަދި މި ކޮންޓެކްޓް ގުޅުން ރާއްޖެއަށްވުރެ މުހިންމުވާ ބައެއްވެސް އަޅުގަނޑަކަށް ހަމަ ނުވިސްނޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކޮންމެ ކަމެއްގެވެސް ބޭނުންހިފަންވާނީ ހެޔޮގޮތުގައި. އަޅުގަނޑުމެން ބަލައިލާއިރު ފެނޭ، ހަމަ ކަނޑައެޅިގެން ދޮގުހަދާ ތަން ބައެއް ފަރާތްތަކުން. ކަނޑައެޅިގެން ދޮގު ވާހަކަތައް ހަމަ ދައްކާ.

މި ވާހަކަތައް ދައްކަންވެސްޖެހޭ. މިއީވެސް ދައްކަންޖެހޭ ވާހަކައެއް. ބަޔަކު ރަނގަޅު ކަމެއް ކުރާކަމަށްވަންޏާ، ފުރަތަމަ ފާހަގަކުރަންވަނީ ރަނގަޅު ކަންތައްތައް. އިޞްލާޙް ކުރުމަކީވެސް އެއީ، އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެންޖެހޭނީ. މީހަކަށް ގޯހެއް ހެދޭ ކަމަށްވަންޏާ، އެ ފާހަގަކޮށްލަންވާނެ. ޤަސްދުގައި އަދި ގޯހެއް ހަދާ ކަމަށްވަންޏާ، އެއީ މާ ދެރަކަމެއް. އެހެންވީމާ، މި މަންޒަރުވެސް ފެނުމުގެ ސަބަބުން ދެން ވާގޮތަކީ ފިތުނަ ފަސާދަ އުފެދެނީ. މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. ޤައުމެއްގައި ހަމަޖެހުން ޤާއިމުވީމާ، އޭގެ ފައިދާއާއި ހިތްހަމަޖެހުން ލިބޭނީ، އެ ޤައުމެއްގެ ހުރިހާ ރައްޔިތުންނަށް. އެންމެންނަށް. ހުރިހާ ޢާއިލާތަކަށް. އެހެންވީމާ، މިފަދަ ކަންތައްތަކަށްވެސް އަޅުގަނޑުމެން އަބަދުވެސް ވިސްނަންވާނެ.

އަޅުގަނޑުމެންނަކަށް ނޭނގޭނެ، އަޅުގަނޑުމެން މަރުވެ ނިމިދާނީ ކޮން ވަގުތަކު ކަމެއް. އެ ކޮންމެ ތަނެއްގައި ވިޔަސް، ކަނޑުގައި ވިޔަސް، ދަނޑުގައި ވިޔަސް، އަދި ކިއްލާއެއްގައި ވިޔަސް، ފަރުބަދަމަތީގައި ވިޔަސް، ކޮންމެ ފަދަ ތަނެއްގައި ވިޔަސް، ކޮންމެ ފަދަ މަގާމެއްގައި ހުއްޓަސް، ރަސްކަލަކަށް ވިޔަސް، ރައީސަކަށް ވިޔަސް، ވަޒީރަކަށް ވިޔަސް، އާދައިގެ މަސައްކަތު މީހަކަށް ވިޔަސް، ކަނޑުމަތީގައި އުޅުނަސް، ވަގުތުއައިސް ތިމާއާ ބައްދަލުކުރީމާ، ނޯންނާނެ އިތުރު ވަގުތު ދެވޭކަށް. ފުޓްބޯޅައިގައި އަދި ދޭގޮތަށް. އިތުރު ވަގުތެއް ނުލިބޭނެ. އެކްސްޓްރާ ޓައިމެއް ނުލިބޭނެ.

އެހެންވީމާ، އަބަދުވެސް ތިމާކުރާ އެންމެފަހު ކަމެއްގެ ގޮތުގައި އަނެކާއާ ދޭތެރޭގައި ހިތްހެޔޮކޮށްލުން، އެއްވެސް މީހަކަށް ހިތްބުރަނުކުރުން. ހަޑިހުތުރު ބަހުން މުޢާމަލާތު ނުކުރުން ވަރަށް މުހިއްމު. އެންމެފަހުން ކުރާ ކަމަކީ މީހަކަށް ހިތްހެޔޮ ބަހެއް ބުނެލުންކަން. އެކަމުގެ އެ ވިސްނުމުގައި، އެ ޢަޒުމުގައި ތިބުމަކީ އަޅުގަނޑުމެން ކަހަލަ އަދި ޚާއްޞަކޮށް، މުސްލިމުން، އިންސާނުން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި. ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ، އިސްލާމްދީނުގެ ރިވެތި މިސާލުތައް މަތީގައި، އަސާސްމަތީގައި ތިބި ބައެއް. އަޅުގަނޑު އުފާކުރަން، ދީނީ ޢިލްމުވެރިން އެބަ ތިއްބެވި، އެކިކަހަލަ ޢިލްމުވެރިން. ޞިއްޙީ ޢިލްމުވެރިން އެބަ ތިއްބެވި. ތަޢުލީމީ ދާއިރާގެ، ހުނަރުވެރި ދާއިރާގެ ޢިލްމުވެރިން އެބަ ތިއްބެވި. މި ތިއްބެވީ، އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީވެސް ޢިލްމުވެރިއެއް، އެބޭފުޅާގެ ރޮނގުން. ދީނީ ޢިލްމުވެރިން އެބަ ތިއްބެވި. ވަރަށް ގިނަ އަދަދަކަށް. ވަރަށް ހެޔޮލަފާ، ވަރަށް ރަނގަޅު ނަޞޭޙަތް ދެއްވާ ދީނީ ޢިލްމުވެރިންވެސް އެބަ ތިއްބެވި. މުޅި މުޖުތަމަޢުގެ ޒިންމާއެއް، ޤައުމެއް ރަނގަޅު މިޞްރާބަށް ދިޔުމަށްޓަކައި، އެ މީހަކަށް ލިބިފައި ހުރި ޢިލްމެއް ހެޔޮގޮތުގައި ޕާސްކުރުން. ބޯޅަ ރަނގަޅަށް ޕާސްކުރާގޮތަށް، ހެޔޮގޮތުގައި ޕާސްކުރުން. އެހެންވީމާ، އެއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑު ނިންމާލާނީ، މިފަދަ މުހިންމު ޕްރޮގްރާމެއް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާތީ، ޚާއްޞަކޮށް، ދިރާގުގެ ސީ.އީ.އޯ.އަށް އަދި ދިރާގުގެ ހުރިހާ އިސްވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމުން.

އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، ތިޔަކުދިން ތިޔަކުރި މަސައްކަތްތައް ބޭކާރުވެގެން ނުދިޔުން. ޢަޒުމާއި ހިތްވަރާއެކު، ހީވާގިކަމާއެކީ މަސައްކަތް ކޮށްފި ކަމަށްވަންޏާ، ތިޔަކުދިން ވެގެންދާނީ، މި ޤައުމަށް ބޭނުންވާކަހަލަ، ޤައުމު އެދިއެދި ތިބިފަދަ ދަރިންތަކެއްގެ ގޮތުގައި. ރަނގަޅުގޮތުގައި ކުރާ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ، އޭގެ ހެޔޮ ބަދަލު ދުނިޔެއާއި އާޚިރަތުގައިވެސް ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ މުޖުތަމަޢެއްގެ ގޮތުގައި ލެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް ފާގަތި އަމާން އޮމާން ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.