ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް އިމަނުއެލް ޕުސް ބަޗަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ޤައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ރައިސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.