ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މަޢުލޫމާތު އެކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޙިއްޞާކުރައްވާފައެވެ. ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފާހަގަކުރައްވައި، ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައ ހޯދޭނެ ހައްލަކާއި ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ މިސަރުކާރުންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ލިބިގެންހިނގައްޖެކަމުގައި ވިދާޅުވެފައެވެ.