بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސް އަދި ފައުންޑަރ މަރްޔަމް ނޫރައްދީން، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރމަން، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް ބާއްވަމުންދާ ޙަރަކާތްތައް ނިމުމަކަށް އައި ވަގުތުގައި، މިރޭ މި ބޭއްވޭ މި އުފާވެރި ޙަފްލާއަކީ، އަޅުގަނޑު ދެކޭގޮތުގައި، ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި އޮތް ޙަރަކާތެއް. އެހެންކަމުން، ފުރަތަމަވެސް ސީ.ޖީ.އެމް. ޝެފް އެވޯޑްސް ޙާޞިލްކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

މިރެޔަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭނެ އެއްރޭ. ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް، ކަލިނަރީ ދާއިރާއިން ޚާއްޞަ އެވޯޑެއް ތަޢާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރު.

ކަލިނަރީ ފަންނަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަންނެއް. އެހެންކަމުން، މި ދާއިރާގެ ފަންނުވެރިންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމަށް ޚާއްޞަ އެވޯޑެއް ތަޢާރަފް ކުރެއްވި ކަމަށްޓަކައި، ސީ.ޖީ.އެމް.ގެ ފައުންޑަރ މަރްޔަމް ނޫރައްދީނަށާއި، އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ސީ.ޖީ.އެމް.އަކީ ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ރޮނގަކުން ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ޖަމުޢިއްޔާއެއް. އެ ޖަމުޢިއްޔާ އުފެދިގެން މިވީ 8 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމަށް، އަމިއްލައަށް އިސްނަންގަވައިގެން، ވަރަށް މުހިންމު މަސައްކަތްތަކެއް އެބަ ކުރައްވާ. އެކަމަށްޓަކައިވެސް،
އެ ޖަމުޢިއްޔާއަށް އަޅުގަނޑު އުފަލާއެކު ޝުކުރު ދަންނަވަން.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ރާއްޖެއަށް ވަރަށް ގިނަ އެވޯޑްތައް ލިބިއްޖެ. އެކަން މަރްޔަމް ނޫރައްދީންވެސް ފާހަގަކުރެއްވި. ރާއްޖޭގެ ރިޒޯޓުތައް ވަރަށް ފަޚުރުވެރި މަޤާމުތައްވެސް ޙާޞިލްކޮށްފި. ވާރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑްވެސް، ވިދިވިދިގެން ތިން އަހަރު ރާއްޖެއަށް ލިބި، އެ އެވޯޑް މިލްކުވެސް ވެއްޖެ. އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖޭގެ ރިޒޯޓުތައް މިއަހަރު އެކަނިވެސް 22 އެވޯޑެއް ޙާޞިލްކޮށްފި.

އަޅުގަނޑު ދެކޭގޮތުގައި، މި ހުރިހާ ކާމިޔާބީއެއްގެ އެންމެ މުހިންމު އެއް ޙިއްޞާދާރަކީ، ރިޒޯޓުތަކުގައި ކެއްކުމާއި، ކާބޯތަކެތި ތައްޔާރުކުރައްވާ ޝެފުން. ފަރުދާގެ ފުރަގަހުގައި އެ ބޭފުޅުން ކުރައްވާ މަސައްކަތްތައް، ގިނަ ބަޔަކަށް ފަހަރެއްގައި ނުފެނި އޮވެދާނެ. އެހެންނަމަވެސް، އެ ރިޒޯޓަކާ މެދު ފަތުރުވެރިންގެ ހިތްތަކުގައި މަޤްބޫލުކަމާއި ޝައުޤުވެރިކަން އުފައްދައިދޭ އެންމެ ފުރަތަމަ ކަމަކީ، ހުނަރުވެރި ޝެފުންގެ ރަހަ ހެޔޮވަރުކުރުންތައް.

ރާއްޖޭގައި މީގެ 50 އަހަރު ކުރިން ފަތުރުވެރިކަން ތަޢާރަފްކުރަން ކުރި މަސައްކަތުގައިވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ވިލާތުގެ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތައް. އެކަށީގެންވާ ކެއްކުންތެރިން ރާއްޖޭގައި އެއިރަކު ނެތްކަން. އަދި ވިލާތުގެ ކެއްކުންތައް ކައްކަން ދަންނަ މީހުންވެސް، އޭރު ރާއްޖޭގައި ތިބިހެނެއް ހިޔެއްނުވޭ. ތިބިއްޔާ ތިބީ ވަރަށްމަދު ބައެއް.

މިއީ އޭގެ 50 އަހަރު ފަސް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކެއްކުމުގެ ހުނަރުވެސް ވަކި ފަންނެއްގެ ގޮތުގައި އަންނަނީ ތަރައްޤީވެ ފުޅާވަމުން. ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން މިހާރު އެބަތިބި. ރިޒޯޓުތަކުގެ ކަލިނަރީ ދާއިރާގެ އެންމެ މަތީ ފަންތީގައިވެސް ދިވެހި ޝެފުން މިހާރު އެބަތިބި.

އެހެން ނަމަވެސް، ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެފައި އޮތް މިންވަރަށް ބަލާއިރު، އެކަށީގެންވާ އަދަދަކަށް ޝެފުން ދިވެހިންގެ ތެރެއަކު ނެތް. ދިވެހި ފަތުރުވެރިކަން މިހާރުވެސް އަންނަނީ އެކި އަތޮޅުތަކަށް ވަރަށް ބޮޑަށް ފުޅާވަމުން. ކޮންމެ އަހަރަކު އައު ރިޒޯޓުތައް އެބަ ހުޅުވާ. ގެސްޓްހައުސްތައްވެސް އަންނަނީ އެކި އަތޮޅުތަކުގައި، އެކި ރަށުގައި ހުޅުވަމުން. ބައިނަލްއަޤްވާމީ އެންމެ މަތީ ފަންތީގެ ބްރޭންޑްތަކުގެ ރިޒޯޓުތައްވެސް ރާއްޖޭގައި އަންނަނީ ހުޅުވެމުން.

ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާވަރަކަށް، ކަލިނަރީ ފަންނުގެ ހުނަރުވެރިންނަށް ބޭނުންވާ މިންވަރުވެސް އަންނާނީ އިތުރުވަމުން. މިއީ އަޅުގަނޑުމެންގެ ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު ދެކޭގޮތުގައި، ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަވަރަކަށް، މި ފަންނު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ.

ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއް ޤަބޫލުކުރުމަކީ، ކެއްކުމަކީ އެ ގެއެއްގައި އުޅޭ ބަޔަކު ކައިބޮއި ހެދުމަށްޓަކައި ކާއެތިކޮޅު ރޯފިލުވައިލުން ކަމަށް. ނަމަވެސް އެއީ، އެއަށްވުރެ މާފުޅާ ދާއިރާއެއްކަން މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ. އެ ދާއިރާގެ ބޭނުންތެރިކަން އެއަށްވުރެ މާބޮޑު. ކެއްކުންތެރިކަމަކީ ވިޔަފާރިއެއް. އަދި މިހާރު ޚިދުމަތެއްވެސްމެ. ހަމައެފަދައިން، އެއީ ހިތްހަމަޖައްސައިދިނުމެއް ކަމުގައިވެސް ބެލެވިދާނެ.

އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށްވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއް. މިހާރު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ދިވެހި ފަތުރުވެރިކަމާމެދު އޮތް މަޤްބޫލުކަން އިތުރުކުރުމަށްޓަކައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް.

ދިވެހި ފަތުރުވެރިކަމަކީ، އޭގެ ޒާތުގައިވެސް ފަތުރުވެރިކަމުގެ ވަކި ބްރޭންޑެއް. އަޅުގަނޑުމެން މި ގެންގުޅޭ ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓަށް، ފަތުރުވެރިންގެ މެދުގައި އޮތް މަޤްބޫލުކަން ވަރަށް ބޮޑު. އަޅުގަނޑު ހިތުން، ދިވެހި ޝެފުން މި ދާއިރާއަށް ނުކުމެ، ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދެވިއްޖިއްޔާ، ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފަންވުމުގެ ފުރުޞަތުވެސް އެބައޮތް.

ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އައު ރަހަތަކެއް އުފަންކުރުމުގެ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި ހުންނާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚު ބުނަނީ ދިވެހިންނަށް އެކަން ވާނެ ކަމަށް.

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި، ދިވެހި ޝެފުން ބައިވެރިވެ، އެ ހޯދާ ރަން ވަނަތަކަކީ، މި ދެންނެވި ޤާބިލްކަން ދިވެހިންގެ ކިބައިގައި ހުރިކަމުގެ ހެއްކެއް. ބޭނުންވަނީ އެކަމުގައި އިސްނަގާނެ ދިވެހި ޝެފުން. މިރޭ އެވޯޑް ޙާޞިލްކުރެއްވި ބޭފުޅުންގެ ކިބައިގައި، އެ ހުނަރާއި ފަންނު ހުންނާނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

އެހެންވީމާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ދެއްވާ ހުރިހާ ޝެފުންވެސް މިކަމާ ދޭތެރޭގައި ވިސްނުން ހިންގެވުމަށް އަޅުގަނޑު އެދެން. އެފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖިއްޔާ އެއީ، ޤައުމަށް ލިބޭ ވަރަށް ރީތި ނަމަކަށް ވާނެ. އަދި ދިވެހި ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވެސް ވާނެ.

އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއްވެސް އޮންނާނެ. މިއީ އަޅުގަނޑު ހިތުން ކުރަން ހަމަ ވަރަށް ރަނގަޅު ކަމަކަށްވާނެ.

ދިވެހި ޝެފުންގެ އެފަދަ އިސްނެގުމަކަށް އަޅުގަނޑު ވަރަށް އިންތިޒާރު ކުރަން. އިރާދަކުރެއްވިއްޔާ، މާ ދުރުނޫން މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް އެކަން ޙާޞިލްވުމަށް އަޅުގަނޑު އުންމީދުކުރަން.

ދިވެހި ޝެފުން ތިޔަ ކުރައްވާ މަސައްކަތަށް ސާބަސް ރައްދުކުރަމުން، ކަލިނަރީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.