ފަޚުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ގޮތުން ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ މިއަދު ފަށައިފިއެވެ. މި އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި އެކްސްޕޯގެ އެކި ސްޓޯލަތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޙާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތަޢުލީމު ޙާޞިލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ.

މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ. އަދި އެކްސްޕޯގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވިއެވެ. އަދި މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.