އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ގެ 5 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އިތުރުކޮށްދެއްވާފައިވާއިރު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެންވާ ގޮތް ތިރީގައި އެވަނީއެވެ.
1. އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
2. އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
3. އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު (އޮމްބަޑްސްފަރސަން)