ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ އެމްޕެރަރ ހިޒް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯއަށާއި، ޖަޕާނުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ފުމިއޯ ކިޝީޑާއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަޕާނަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގައި، އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި، ޖަޕާނުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަންކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް އެކަށޭނަ ބަދަލުތަކެއް އައިސްފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއަށް ވަކިން ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން ކުރިއަރާފައި ވަނީ ޑިމޮކްރަސީއަށާއި، ޞުލްޙައާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމާއި، ހުރިހާ ދާއިރާއަކުންވެސް ތަރައްޤީގެ މަންފާތައް މުޖުތަމަޢުގެ ހުރިހާ ބަޔަކަށްވެސް ފޯރުކޮށްދިނުމަށް ދޭ އިސްކަމަށް ބިނާކޮށެވެ. މީގެއިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ވެސް މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ޖަޕާނާއި ދިވެހި ސަރުކާރު ގުޅިގެން ދެޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.