ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ގްރޭންޑް އިމާމް ވަނީ ދިވެހިރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި މުދައްރިސުން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިސްރުގެ ޝަރުމް އަލް ޝެއިޚްގައި ކުރިއަށްދާ މިއަހަރުގެ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކައިރޯގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދެއްކެވި ވާހަކަފުޅުގައި، މިޞްރާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގު ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި ވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ އަދި ޘަޤާފީ އަޚްލާޤާއި، ތާރީޚީ ގުޅުން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ގްރޭންޑް އިމާމް ވަނީ މަތީ ތަޢުލީމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމާއި އިމާމުން ތަމްރީނު ކުރުމާއި ހަރުކަށި ފިކުރާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ތަފާތު މައުޟޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ގްރޭންޑް އިމާމް ވަނީ މިޞްރުގެ އެހީގައި ޢަރަބި ބަހުގެ ތަމްރީނުދޭ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިޖްތިމާޢީ-އިޤްތިޞާދީ އަދި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ރޮނގުން މިޞްރު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަލްއަޒްހަރު ޔުނިވަރސިޓީއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސްދައުރެއް އަދާކުރަމުން އަންނަ ޔުނިވަރސިޓީއެއްކަމަށާއި، 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްކޮލަރޝިޕްތައް ދެމުން އަންނަތަނެއްކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިޞްރާއި އެކު ބައިނަލްއަޤްވާމީ ގޮތުންނާއި ދޭދޭގޮތުން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް އެކުގައި މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ގްރޭންޑް އިމާމް ވަނީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ދައުވަތު ވެސް ގަބޫލުކުރައްވައިފައެވެ.