ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދުގެ މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހަންގޭރީގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތުއޮތް ކަންކަމާއި ދެޤައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަކުރެއްވުމުގައި މިނިސްޓަރ ޕީޓަރ ސިއާޓޯގެ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި ހަންގޭރީ އާއި ދެމެދު އޮތް ގުޅުމާއި. ދެޤައުމުގެ ދެމެދުގައި މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25އަށް އިތުރުކޮށްދެއްވާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް މިސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަންގޭރީ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިވެހިން ހަންގޭރީއަށް ދަތުރުކުރުމުގައި ވިސާގެ ލުއިތައް ދެއްވުމަށް ނިންމަވާފައި ވާތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރަޝިޔާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެޤައުމުން ރައްކާތެރިކަމާއިއެކު ބޭރުވުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުކުރެއްްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ ޕީޓަރ ސިއާޓޯ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އަދި ދެޤައުމަށް މަންފާކުރާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ ޕީޓަރ ސިއާޓޯ މިބައްދަލުވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.