މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ތަންތަނާއި ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގެ ނާޒުކުކަން ޤަބޫލުކޮށް އެ މައްސަލައަށް ދޭންޖެހޭ ސަމާލުކަމާއި އަހަންމިއްޔަތުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ މިޞްރުގެ ޝަރްމުއްޝައިޚްގައި ކުރިޔަށްދާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގެ ހަވާސާގައި "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" ގެ ނަމުގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެންމެ ކުރީ ސަފަށް ނުކުމެ ހަރަކާތްތެރިވާ ޤައުމުތަކަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމާއި ދިރިއުޅުމަށްކުރާ މަސައްކަތްތައް ބީވެދިއުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ޤައުމުތައް ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާމެދު، ޢާންމު އެހެން މައްސަލަތަކާއި އެއްގޮތަށް ޢަމަލުކުނުރެވޭނެކަން ފާހަގަކުރައްވައި މިކަމުގައި ދެކޭގޮތް މުޅިން ބަދަލުކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ދާދިފަހުން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 1.7 މިލިއަން ގެ ހަލާކުވެ 33 މިލއަން މީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މައްޗަށްދާނަމަ ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެގެން ދިއުމަކީ އެކަށީގެންވާކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހުރެގެންވެސް ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި މީހުންގެ ޞިއްޙަތާއި ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަކުރައްވައި، އެތައް ޤައުމަކަށް ކުރިމަތިވެފައިވާ މި މައްސަލައަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޖާބަދޭންޖެހޭކަމަށާއި އަދި މިކަމުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމާއި މިކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަޤީޤަތަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ގިނަ ޤައުމުތަކަކަށް އެތައް ގެއްލުންތަކެއް ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ދިގުލައިގެން ދާވަރަކަށް މީގެ ގެއްލުންތައް ބޮޑުވެ އިތުރުވަމުންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ނަޒަރު ހިންގާލާއިރު ދިވެހިންގެ ދިރިއުޅުމުގެ އެތައް ކަމެއް ގުޅިލާމެހިފައިވާ މުރަކައިގެ ފަރުތަކަށް މީގެ އަސަރުކުރަމުންދިއުމަކީ މިފަދައިން އެންމެ ކަންބޮޑުވުން އޮތް އެއް ކަންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ނުވަތަ އެއައްވުރެ މަތީގައި ހުންނަނަމަ 70 އިންސަތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދުނިޔޭގެ ފަރުތަކުގެ ދިރުންނެތި ހިނގައިދާނެކަމަށް އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ)އިން ލަފާކުރާ ލަފާފުކުރުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވަޒީފާތަކާއި އަދި މަސްވެރިކަމާއި މުޅި ގުދުރަތީ ދިރުންތަކަށް ވަރަށްބޮޑަށް ނޭދެވޭ އަސަރުތައް ފޯރާނެކަމެއް ކަމުގައެވެ.

މިއަދު ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝަރްމުއްޝައިޚް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ހުރި ބައެއް ޕެވިލިއަންތަކަށް ޒިޔާރަތްކުރައްވައި ކޮޕް27ގެ ބައިވެރިވާ ރާއްޖޭގެ ހިރާ ސްކޫލުގެ ދަރިވަރަކާވެސް ބައްދަލުކުރައްވާފައެވެ.