بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މީގެ 34 އަހަރު ކުރީގެ މި ދުވަހު، މާތް ﷲގެ ވާގިފުޅާއި މަދަދާއެކު ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދުގައި، ދިވެހި އުންމަތަށް ނަޞްރާއި ކާމިޔާބު ދެއްވައި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވިކަމަށްޓަކައި، މަތިވެރިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި މަތިވެރި ނަޞްރާ ގުޅިފައިވާ 19 ޝަހީދުންގެ ޛިކުރާ އައުކޮށް، އެ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އޭގެ ތެރެއިންވެސް، ދިވެހިންގެ ދީނާއި ދިވެހި ޤައުމުގެ ކަރާމާތާއި ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި، ދުޝްމަނުންނާ ހަނގުރާމަކޮށް އެ ދުވަހު ޝަހީދުވި، ދިވެހި ސިފައިންގެ 8 ބޭކަލުންގެ މަތިވެރި ޖިހާދުގެ ހަނދާންތައް އައުކުރަމުން، އެ މަތިވެރި ޖިހާދުގައި ބައިވެރިވި ހުރިހާ ދިވެހި ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

ނަޞްރުގެ ދުވަހުގެ ހަނދާންތަކުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދެއެވެ. އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވާނެ ކަމެވެ. އަނެއް ކަމަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަމެވެ. ހަމައެފަދައިން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމެވެ. އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލިއެވެ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ކުށެއް ނެތް ދިވެހި އަޚުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަޚަމްވެ ކުދިކުދިވެގެން ދިޔައެވެ. ނަމަވެސް، މާތް ﷲގެ ނަޞްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ފަނޑުވެގެންނެއް ނުދެއެވެ. އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަޞްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުމެވެ. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރުމެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިންނެވެ. މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަޞްލަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަޠަނާ މެދު އޮތް ޤައުމީ ލޯތްބެވެ. ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި ޢަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަމެވެ. ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.

މި މަތިވެރި ސިފަތަކަކީ، މި ޤައުމުގެ ދިފާޢުގައި އެންމެ އިހުއްސުރެ ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ ފުށުން ވާރުތަވެފައިވާ، ދިވެހި ޤައުމިއްޔަތުގެ ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒުތަކެވެ. ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީ އާއި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާއި، ދޮން ބަންޑާރައިންގެ ޖިހާދުންވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ މި ސިފަތަކެވެ. 3 ނޮވެންބަރު 1988ގެ ޢުދުވާނީ ޙަމަލާއިން މި ޤައުމުގެ ދިފާޢުކޮށްދިން އެންމެ އިސް ބަޠަލުކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ޤުރުބާނީ ރަމްޒުކޮށްދެނީވެސް ހަމަ މި ސިފަތަކެވެ.

ޤައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި ޤުރުބާންވި އެތައް ދިވެހިންނެއްގެ ހަނދާންތައް އައުކުރާ މިފަދަ ކޮންމެ މުނާސަބަތެއްގައި، އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވީ މި ޤައުމަށްޓަކައި އަޅުގަނޑުމެން އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބެވެ. އެއީ ހަމަ ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތާއި ޤައުމުގެ ޞުލްޙަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުމެވެ. ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުމެވެ. އަދި މި ކަންކަމަށް އިސްކަން ދިނުމުގެ ސިފަތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި، އެ ދަރިންގެ ހިތްތަކުގައި ޤައުމާ މެދު ލޯތްބާއި ކުލުނު އުފައްދަން މަސައްކަތް ކުރުމެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރާ އިރު، ދިވެހި އުންމަތުގެ ދިފާޢުގައި ޤުރުބާންވުމަށް ތައްޔާރުވެގެން ތިބި ހިތްވަރުގަދަ ދިވެހި ސިފައިން ދިވެހި ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ލޯތްބާއި ތަޢުރީފެވެ. ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައިވާ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން، ދިވެހި ޤައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއަކާއި ކޮންމެ ހާދިސާއެއްގައިވެސް، ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމާއި އެހީތެރިވެދިނުމުގައި އެންމެ ފުރަތަމަ އިސްނަގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަޔަކީ ދިވެހި ސިފައިންނެވެ. އެކަމަށްޓަކައި ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް އެންމެހައި ދިވެހިންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގައި ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަން ޤާއިމު ކުރުމުގެ ހިތްވަރާއި ކެރުން، އަޅުގަނޑުމެންނަށް އެކަލާނގެ ދެއްވުމެވެ. ނަޞްރާއި ނަސީބުގެ އުފާވެރިކަން ތާއަބަދަށް މި އުޑުދަށުގައި ފަތުރުއްވައި، ދިވެހި ޤައުމަކީ އެންމެހައި ދިވެހިންނަށާއި މި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ހިތްހަމަޖެހުމާއި އަމާންކަން ލިއްބައިދޭ ތަނެއް ކަމުގައި ލައްވާށިއެވެ. ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، ދިވެހިންގެ ރޯދި ބަރަކާތް އިތުރުކުރައްވާށިއެވެ. އާމީން.