ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢަކީ ފައިސާނެތިގެން ސަރުކާރުން ހުއްޓާލާނެ މަޝްރޫއެއް ނޫންކަމަށާއި ބަޖެޓްކޮށް ފައިސާހަމަޖެހި އެމަޝްރޫއުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ، ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއަކީ ސަރުކާރަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.

މިޢްވާން ވިދާޅުވީ، ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނޭ ކަމަށާއި، ބައު ޖަމާލުއްދީން ހުރި ބިމުގައި، އަޅާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، އެތަނާއި ޖެހިގެން އަޅާ، ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން ޢިމާރާތަށް ޖުމުލަ 168 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަމަށެވެ. އަދި އެއީ 29 ސެޕްޓެމްބަރު 2022ގައި އަމިންކޮންސްޓްރަކްޝަނާއި ޙަވާލުކުރެވިގެން މިހާރުވެސް މަސައްކަތް ކުރިޔަށްދާ މަޝްރޫއެއްކަން މިޢްވާން ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ޢަރަބިއްޔާ ސްކޫލަށް ވުރެ އަލަށް އަޅާ ޢިމާރާތުގައި އެތައް ވަޞީލަތްތަކެއް ފުރިހަމަކުރެވި، ކުރިއަށްވުރެ މާބޮޑަށް ޖާގަ ތަނަވަސް، ޒަމާނީ ސްކޫލަކަށް ޢަރަބިއްޔާ ސްކޫލް ވެގެންދާނެކަން ފާހަގަކުރައްވައި އެކަމުގެ ތަފްޞީލްތައްވެސް މިޢްވާން ވަނީ ޙިއްޞާކުރައްވާފައެވެ.

ޢަރަބިއްޔާ ސްކޫލުގެ މައްސަލައިގައި ނޫސްވެެރިން ކުރެއްވި ސުވާލުތަކުގެ އިތުރުން، ނޫސްވެރިން ކުރެއްވި އެހެން ސުވާލުތަކަށްވެސް މިޢްވާން ވަނީ ޖަވާބު ދެއްވާފައެވެ. މިގޮތުން، އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއި އެގޮތަށް އެކަން ކުރިޔަށްދާނެ ކަމުގައި މިޢްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ މޮރިޝަސްގެ މެދުގައި، ކަނޑުގެ ސަރަހައްދު ބެހުމާއި ގުޅޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިޢްވާން ވަނީ، އައިސީޖޭގެ ނިންމުމާއި ގުޅިގެން، ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމަކުން އިޓްލޮސްގައި ކުރިޔަށްދާ މައްސަލައަށް އަސަރެއް ނުކުރާނެކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އެމައްސަލައިގައި ކުރީގެ ސަރުކާރުތަކުން ޢަމަލުކުރައްވާފައިވާ ގޮތްތައް ތަފްޞީލްކޮށްދެއްވައި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރާއްޖެއަށް އެންމެ ފައިދާވާނޭ ގޮތަށް މައްސަލަ ނިންމުމަށް ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، ނިމިދިޔަ ހަފްތާގައި ހިނގާ ދިޔަ މުހިއްމު ކަންކަމާއި އަދި ކުރިޔަށް އޮތް ހަފްތާގައި ހިނގާނެ ކަންކަމާއި ގުޅޭ މަޢުލޫމާތުވެސް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން މި ހަފްތާ ބަންދުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޮޕްސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިސްރަށް ފުރާވަޑައިގަންނަވާނެ ކަން މިޢްވާން ހާމަކުރެއްވިއެވެ.