ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ޙިއްޞާ އޮތީ މަޖީދިއްޔާ ސްކޫލްގައި ކަމަށާއި، އެ ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ޤައުމީ ޙަޔާތުގައި އައި ކޮންމެ ދުވަހަކީ، މަޖީދިއްޔާ ސްކޫލުން ދަރިވަރުވި ޒުވާނުންގެ ޚިދުމަތްތައް މި ޤައުމަށް ލިބުނު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންނާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދު މި ފާހަގަކުރަނީ މަޖީދިއްޔާ ސްކޫލުން 95 އަހަރު ކެނޑިނޭޅި ފޯރުކޮށްދިން ތަޢުލީމީ ދަންމަރުގެ އަލީގައި ދިވެހިން ހޯދި ތަރައްޤީއާއި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލްގެ ބިންގާ އަޅުއްވައި، ދިވެހި ދަރިންނަށް ތަޢުލީމު ދޭން ފެއްޓެވި، އަލް މަރުޙޫމް ޙުސައިން ޞަލާހުއްދީންގެ ހަނދާން އާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއްކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަޢުލީމީ ކަންކަން ކުރިއަރަމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުން އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމަށާއި، މުޅި ދިވެހި އުންމަތަށް ތަޢުލީމުގެ އަލިކަން ފެތުރިގެން ދާން ފެށީ އެ މަދަރުސާ އުފަންވި ހިސާބުންކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަދާ ހަމައަށް ރާއްޖޭގެ ތަޢުލީމީ ޙަޔާތް އައިއިރު، ވަރަށް ތަފާތު މަރުޙަލާތައް ދިވެހިން ކަޑައްތު ކޮށްފައިވާކަމަށާއި، އެގޮތުން ގެންގުޅުނު އެކި އެކި ތަފާތުތައް ނައްތާލައި، މިއަދު ޢިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމަށާއި، ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރިގެންދާއިރު، އެ މުއައްސަސާއަކީ ހަމައެކަނި މަދަރުސާއެއް ނޫންކަމަށާއި، މިއީ ދިވެހިންގެ ފަޚުރާއި ޝަރަފްގެ ރަމްޒެއްކަމަށާއި، ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް ކަމުގައި އެމަނކިފާނު ސިފަކުރެއްވިއެވެ.

އަދި، މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ ޢުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި، މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ޤައުމީ ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލުން ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން މީހުން ބިނާކޮށްދީފައިވާ ކަމުގައި ވިދާޅުވަމުން، އެމަނިކުފާނު ވަނީ މަޖީދިއްޔާއިން ތަޢުލީމް ޙާޞިލުކުރި އެތައް ދަރިންނެއް، ޤައުމުގެ އެންމެ ކުރީ ސަފުގައި ޚިދުމަތް ކޮށްދެއްވައި އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޖީދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވެދެއްވާފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ.