ނަފްސާނީ ޞިއްޙަތުގެ ދާއިރާއަކީ، ދިވެހިންނަށް ކުރިއަށް ދިއުމަށް ފުރުޞަތު އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން ދިވެހި ދަރިވަރުން ކުރިޔަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި "ޕިއަރ ސަޕޯޓް ސްކޮޑް" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުކުރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެއްވަރަށް ދިވެހިން ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި ސައިކޮލޮޖިސްޓުންގެ ވަޒީފާ އަދާކުރާނެ ދިވެހިންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ތަމްރީންތައް ނިންމާ ދަރިވަރުން ދާއިރާގައި މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމުގައެވެ. އަދި، ސަބަބަކީ ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހާ އިތުރު ތަރުޖަމާނެއް މެދުވެރިނުކޮށް ސީދާ ޑޮކްޓަރާ ވާހަކަދެއްކުމަށް ބޭނުންވާނެތީކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެެ. މީގެ އިތުރުން ވެސް ސައިކޮލޮޖީގެ ދާއިރާއިން ކިޔަވާ ދަރިވަރުން ވެސް ޑިގްރީއާ ހަމައިން ކިޔެވުން ނިންމާނުލައި، މި ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވުމަށާއި، ލައިސަންސް ނެގުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް ދަރިވަރުން ހިތްވަރުކޮށްގެން ވެސް ލައިސަންސް ނެގުމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ، ނަފްސާނީ ޞިއްޙީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެކަން ކުރެވޭނެ ހަމައެކަނި ބަޔަކީ، ސައިކޮލޮޖިސްޓުން ނޫން ކަމަށާއި، ޚިދުމަތް ހޯދަން މަރުކަޒަކަށް އަންނަ ފަރާތްތަކާ އެންމެ ފުރަތަމަ ބައްދަލުވާ މީހުންގެ ފަރާތުންވެސް އޯގާތެރިކަމާއި އަޅާލުން ބޭނުންވާނެ ކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ނަފްސާނީ ޞިއްޙީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެތައް ބަޔަކު ގުޅިގެން ކުރެވޭ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވިގޮތުގައި ކޮންމެ ކަމެއްވެސް ފެށިގެން އަންނަނީ ގޭތެރެއިން ކަމަށާއި، އެހެން ނަމަވެސް މިހާރު މުޖުތަމަޢުގެ ކަންތައްތައް ހުރި ގޮތުން، ބައެއް ފަހަރަށް ގޭގައި ނަފްސާނީ ބަލީގެ މީހުންނަށް އެކަށީގެންވާ މާޙައުލެއް ނޯންނަ ކަމުގައެވެ. އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއްގެ ބޭނުންތެރިކަން ބޮޑުކަމަށާއި، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ކުރަމުންގެންދާ މަސައްކަތްތަކަކީ މުހިންމު މަސައްކަތެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް އެންމެން މަސައްކަތް ކުރެއްވުމަށް ތަކުރާރުކޮށް ހިތްވަރު ދެއްވަމުންނެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބޭއްވި މި ރަސްމިއްޔާތުގައި، މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ، އެ ފެކަލްޓީގެ ދަރިވަރުންގެ ފަރާތުން ހުށައަޅައިދިން ތަމްސީލެއް ވެސް ބައްލަވައިލައްވާފައެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި "ޕިއަރ ސަޕޯޓް ސްކޮޑް" ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނަކީ، އެ ފެކަލްޓީގެ ދަރިވަރުންނަށް ބޭއްވޭ ޕިއަރ ސަޕޯޓް މީޓިންތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުމަށް ތަމްރީން ކުރެވުނު ދަރިވަރުންނެވެ. ނަފްސާނީ ދުޅަހެޔުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ޕިއަރ ސަޕޯޓް މީޓިންގތައް ބާއްވާނީ ފެކަލްޓީގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ހުޅުވާލައިގެންނެވެ.