އުނގޫފާރު ކައުންސިލާއި، އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާކަމާއި، ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހެދުމާއި، އެއްގަމުތޮށި މަރާމާތުކުރަން ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަމާއި، ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މިހާރު ހަމަޖެހިފައިވާ 8 ކްލާސްރޫމުގެ އިތުރަށް 8 ކްލާސްރޫމް ބޭނުންވާކަން ހިމެނެއެވެ. އަދި ސްކޫލާ ގުޅޭ އިތުރުކަންކަމާއި، ދަނޑުވެރިކަންކުރުމަށް ކައިރި ރަށަކުން ބިން ބޭނުންވާކަމާއި، މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އުނގޫފާރު އިސްލާމީ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމާއި، ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަޞީލަތުގެ ގޮތުން ކުރިމަތިވާ ދަތިތަކާއި އަދި، މުއައްސަސާތަކުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެެއް ދެއްވާ ކަން ފާހަގަކުރެއްވިއެވެ. އަދި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދާދިފަހުން ގެންނެވި މުހިންމު ބަދަލުތަކާއެކު ތަޢުލީމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށްގެންދަވާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކި މަރުޙަލާތަކުގައި ކުރިޔަށްދާ މަސްރޫޢުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.