ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި، އެހެން ރަށްތައް ގުޅާލެވުމުން މިހާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާނެ ކަމުގައެވެ. ހަމަ އެއާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީވެސް ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސީއެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފަދަ އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދިނުމަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކަށް ފާހަގަކުރެއްވީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހުމެވެ. އަދި، ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ އިތުރުވަމުންދާއިރު އެއާ އެއްވަރަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަ ކުރެެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕީޓަލުގެ ޚިދުމަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރުކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބައެއް ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އަދި، ހޮސްޕިޓަލް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަށް ޒިޔާތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އުނގޫފާރު ރީޖަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި ޢިމާރާތުގައި އާ ޚިދުމަތްތައް ޤާއިމުކުރުމާއި، މިހާރު ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.