بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރކާތްތެރިވާ ހުރިހާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިހާރު ފާހަގަކުރަމުން މި އަންނަނީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރިތާ، ނުވަތަ ދިވެހި ފަތުރުވެރިކަން އުފަންކުރިތާ 50 އަހަރު ފުރުން. އަދި މިއީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅައި، ރަސްމީކޮށް ފާހަގަކުރާ ފުރަތަމަ ދުވަސް. މިއީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ފުރަތަމަ ޖަލްސާ.

މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން. އަދި މިދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަންތިއަކާއި، ހުރިހާ ގިންތިއެއްގެ އެންމެން ޝާމިލުކޮށް، ޝުކުރުވެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން އަޅުގަނޑުމެން ނިންމީ، މާލެއަތޮޅު ވިހަމަނާފުށީގައި، މީގެ 50 އަހަރު ކުރިން "ކުރުނބާ ވިލެޖް"ގެ ނަމުގައި، ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ފަޚުރުވެރި ދުވަސް. އެ ދުވަހަކީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް.

ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް"ގެ ނަމުގައި، މި އަހަރު ތަޢާރަފްކުރި އެވޯޑް، މީގެ ކުޑައިރުކޮޅެއް ކުރިން ދީ ނިމިއްޖެ. އެވޯޑް ހާސިލް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އެ ފަރާތްތަކުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކަށްޓަކައި ޝުކުރު ދަންނަވަން. އަދި މާދަމާ ރޭ ކުރުނބާ މޯލްޑިވްސްގައި އޮންނަ، ގާލާ އިވެންޓްގައި، ފަތުރުވެރިކަމުގެ ގޯލްޑަން އެވޯޑް ދިނުންވެސް އެބައޮތް.

މިފަދަ މިފަދަ ކިތަންމެ އެވޯޑެއް ދިނަސް، މިދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގު ރޮނގުން މި ދާއިރާގައި ޚިދުމަތް ކުރެއްވި ބޭފުޅުން އެ ކުރެއްވި މަސައްކަތުގެ ޙަޤީޤީ އަގު ވަޒަންކުރެވުނީ ކަމަކަށް ނުވާނެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގައި އެއްގޮތަކަށްވެސް ނެތް، މުޅިން އައު ޞިނާޢަތެއް ރާއްޖޭގައި އުފަންކުރެއްވި ބޭފުޅުން، އެކަމަށްޓަކައި އުފުއްލެވި ތަކުލީފާއި، ގިރާކުރެއްވި ހުރަސްތައް އަޅުގަނޑުމެންގެ ޚިޔާލަށްވެސް ނުގެނެވޭނެ.

އާދެ، އެ ޚިދުމަތްތެރި ބޭފުޅުންނަކީ، މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް، މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފް. އަދި މި ޙަފްލާގައި ނެތް ނަމަވެސް، އެ ތިން ބޭފުޅުންނަށް މިކަމުގައި މަގު ފަހިކޮށްދެއްވި ބޭފުޅަކީ، އިޓަލީ ވިލާތުގެ ޖޯޖް ކޯބިން. އެ ބޭފުޅުން މިހާރުވެސް އޭރުގެ ހަނދާންތައް އާކުރައްވާނެ.

އެ ބޭފުޅުން އެކަން ފެށްޓެވި ދުވަސްވަރު، "ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ" މި ޖަޒީރާތަކަކީ، ދުނިޔޭގައި މާބޮޑަށް މަޝްހޫރު ތަނެއް ނޫން. ދުނިޔެ ވަށައި ދަތުރުކުރި ސައްޔާޙުންނާއި މުއައްރިޚުންގެ ފޮތްތަކުގައި، މެހުމާނުންނަށް ކަމޭހިތާ، ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށްތަކެއްގެ ވާހަކަ ލިޔެފައި އޮތް. ދުނިޔޭގެ އަރުޝީފުތަކުގައިވެސް އަދި ކުތުބުޚާނާތަކުގައިވެސް، ދިވެހިންނާ ބެހޭ، އެ ނޫން މާގިނަ ވާހަކަތަކެއް އެއިރަކު ނެތް.

ދިވެހިރާއްޖޭގައި ފަތުރުވެރިކަން އުފަންކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހެނީ، މި ދެންނެވި ޖަޒީރާތައް، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ހައްދަވައިދެއްވީތީ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މަޝްހޫރު ބްރޭންޑް ނަމަކަށް "މޯލްޑިވްސް" ހައްދަވައިދެއްވީތީ. އަދި އޭރު ދުނިޔޭގައި ނެތް މުޅިން އާ ކޮންސެޕްޓަކަށް، އާދެ، "ވަން އައިލޭންޑް، ވަން ރިޒޯޓް" ކޮންސެޕްޓަށް ދިވެހި ފަތުރުވެރިކަން އުފަންކުރެއްވީތީ.

ފަން ޖިފުޓިތަކާއި ދަނޑިފަންގެތަކުން ބޯހިޔާކުރި ދިވެހިން، އުސް ޢިމާރާތްތަކާއި ޒަމާނީ ގެތަކަށް ވައްދަވައިދެއްވީ ތިޔަބޭފުޅުން. މާބޮޑު ތަނަވަސްކަމެއް އޭރު ނެތް ދިވެހިންނަށް، ކޮންމެ މުނާސަބަތަކަށް ކަލަރ ކޯޑުން ހެދުން އެޅުމުގެ ތަނަވަސްކަން ހޯއްދަވައިދެއްވީ ތިޔަބޭފުޅުން. ފުޅިބައްތިއާއި ފަސްލޭނުބައްތި އަދި ފާނޫޒުން އަނދިރިކަން ފިލުވި ދިވެހިން، ކަރަންޓުގެ އަލިކަމާއި ލުއިފަސޭހަކަމުގެ ތެރެއަށް ނެރެދެއްވީ ހަމަ ތިޔަބޭފުޅުން. ރިޔަލާއި ފަލީގައި، ދިވެހި މަސްކަނޑުތަކުގެ ގަދަ އޮއިވަރުގައި، ކަނޑުފަޅު ފީނަމުންދިޔަ ދިވެހިން، އިންޖީނުގެ ހަލުވި ދުވެލީގައި ރާއްޖެ އޮބައި ގޮސް، މާ ދުރުން ހައްސަ ބާނައިގެން އެ ލަފަނީ، ހަމަ ތިޔަބޭފުޅުންގެ މިންނެތް މަސައްކަތުގެ ސަބަބުން.

އެ ދުވަސްވަރު ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ، ކުފުރާއާއި ރޯނާއި ބޮލި. ކަށިކުނޑިއާއި ކަނޑުމަހުގެ ބާވަތްތައް. ފައްލަވަކުރި ހިކި މަހާއި ސީރާކުރި ލޮނުމަސް. އޭރު ދިވެހިންގެ މައިގަނޑު ވިއަވަތި ބިނާވެފައި އޮތީ ކަނޑުފަޅުގެ ރޯދީގެ މައްޗަށް.

މިއަދު އެކްސްޕޯޓް ކުރަނީ ހަމައެކަނި ހިކިމަހާއި ލޮނުމަހެއް ނޫން. ރޯމަހާއި، ދަޅުގައި ބަންދުކުރި މަހާއި، ދިރޭ މަސްވެސް ރާއްޖެއިން އެކްސްޕޯޓް އެބަ ކުރޭ. މިނޫނަސް ދިވެހިވަންތަ އަމިއްލަ އެތައް އުފެއްދުމެއް، ބޭރުގެ ކަރަތަކަށް މިއަދު އެބަ ބޭރުކުރެވޭ. މިއަދު އަޅުގަނޑުމެން، އާދެ، މުޅި ރާއްޖެ ތިޔަބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހެނީ، މި ދެންނެވި ހަލުވި ދުވެލި ރާއްޖޭގެ އިޤްތިޞާދަށް ގެނެސްދިން މައި އިންޖީނަކަށް ފަތުރުވެރިކަން ހައްދަވައިދެއްވީތީ.

ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަކަށް ވެގެންދިޔައީ، މި ދެންނެވި ބޭފުޅުންގެ އިތުރުންވެސް، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން. އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

ރާއްޖެއަކީ ކަނޑު ބޮޑު، ބިން ކުޑަ ޤައުމެއް. ނަމަވެސް ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ދެ މުރިނގަށް ފެތުރި، ހަމައިސްކޮޅަށް ދެމިލައިފި. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓެލް ޗެއިންތަކުގެ ރިޒޯޓްތައް މިހާރު ރާއްޖޭގައި އެބަހުރި. އެންމެ އަގު ބޮޑު ކޮޓަރިތައް އެބަހުރި. އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް އެބަ ދެވޭ. ބައިނަލްއަޤްވާމީ އެވޯޑަކަށްފަހު އެވޯޑެއް، ދިވެހި ރިޒޯޓްތަކުން އެބަ ހޯދާ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލެއް. ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުޞަތުތައް ރާއްޖޭގައި ކިތަންމެހާވެސް ގިނަ. ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ މީހުން އަދިވެސް އެބަތިބި. ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންވެސް އެބަތިބި.

ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، މި ޞިނާޢަތު ސިންދަފާތު ކުރުން. މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިޒޯޓާއި، 3 ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓްހައުސް ހިންގަމުން އެބަދޭ. އޭގެ އިތުރުން، ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި، 147 ޓޫރިސްޓް އުޅަނދާއި، 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދޭ. އެނދުގެ ޢަދަދަށް ބަލާއިރު އެއީ 57436 އެނދު.

މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގައިވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެ އަންނަނީ ތައްޔާރުވަމުން. އެހެން ނަމަވެސް، އެވަރަކުން އަދި ނުފުދޭ. ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެ އަންނަނީ ކުރަމުން.

އޭގެ ތެރެއިންވެސް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް. މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން. ހަނިމާދޫ އެއަރޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭ. އައްޑޫ ގަން އެއަރޕޯޓުގެ ފެންވަރު އެ އަންނަނީ މަތިކުރަމުން. ހުވަދުއަތޮޅަށްވެސް ބޮޑު ބަދަލެއް ގެންނަން އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުން.

ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި. އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާނެ ހަމަ އެއްވެސް ރަށެއް ނޯންނާނެ.

ފަތުރުވެރިކަމުގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، މި ޞިނާޢަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާއި ގެއްލުމުގެ ވާހަކަވެސް އަޅުގަނޑުމެން ހަނދާނުގައި އެބަހުރި. މިދިޔަ ދެ އަހަރެއްހާ ދުވަހު، ކޯވިޑް-19ގެ ޢާލަމީ ވަބާ ރާއްޖެއާއި މުޅި ދުނިޔޭގައި ފެތުރި، އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތައް ކުރިމަތިވި.

ތަރައްޤީއަށްޓަކައި ކުރަން ރާވާފައި ހުރި އެތައް ކަމެއް މަޑުޖައްސައިލަން ޖެހުނު. ކޯވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރާއްޖޭގެ ރިޒޯޓްތައް. ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން، އެތައް މަހަކަށް ރާއްޖޭގެ ބޯޑަރުތަކާއި ރިޒޯޓްތައްވެސް ބަންދުކުރަން ޖެހުނު.

އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް، މި އަހަރު ކުރީކޮޅު އެ ފެށުނީ ޔޫކްރޭން ހަނގުރާމަ. އެ ހަނގުރާމައަށް 7 މަސް ވެގެންދިޔައިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންއަރައިފި. ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެ ހަނގުރާމައިގެ ނުސީދާ ގެއްލުންތައް ދަނީ ލިބެމުން. ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށްވެސް ހީނަރުކަން ވެރިވެއްޖެ.

އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށް ރިޒޯޓްތަކުންނާއި އިންވެސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ގޮންޖެހުންތައް ގިނަ ނަމަވެސް، މި ޞިނާޢަތުގެ ކުރިއެރުމަށްޓަކައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، މި ދަންނަވަނީ 17 ނޮވެންބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިޒޯޓާއި، 471 ގެސްޓްހައުސް ހުޅުވައިފި. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު. ސީދާ އެ ތަންތަނުންވެސް އެތައް ހާސް ވަޒީފާއެއް އުފެދޭނެކަމާމެދު ޝައްކެއްނެތް. އަދި އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެ.

ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއްވެސް އެބަހުރި. އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން. އެއީ، ދުރު ރާސްތާގެ ރޭވުމެއްނެތި، ދޫކޮށްފައި ހުރި ތަންތަން. ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް.

އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭ.ސީ.ސީ. އިން އަންނަނީ ތަޙުޤީޤު ކުރަމުން. އަދި އަލަށް ހަދާ ރިޒޯޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން މި އަންނަނީ ކުރަމުން.

މި ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ ދެ ހާސް އެތައް އަހަރެއް ވެއްޖެ. ރާއްޖޭގެ 1100 އަށްވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުން މި އަންނަނީ، އެންމެ 186 ރަށުގައި. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާއަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިޒޯޓް އެބައޮތް. އަދިވެސް އިތުރު ރަށްތައް އެ އަންނަނީ ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުން. އެ ރިޒޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިޒޯޓްތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ.

އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުޞަތެއް ހުޅުވިގެންދާނެ. އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ޙަޤީޤީ މަންފާ ލިބޭނީ، ތަޢުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން.

ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި. އެ ލިސްޓުގެވެސް އެންމެ ކުރީގައި އަޅުގަނޑު ފާހަގަކުރާނީ، ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި، ތިމާވެށި ޙިމާޔަތް ކުރުމުގެ ވާހަކަ.

ފަތުރުވެރިކަން އަލަށް ތަރައްޤީކުރާ ރަށްތަކުގައިވެސް، އިޢާދަކުރަނިވި ހަކަތައަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ރިޒޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެ މަސައްކަތުގައި މި އިންޑަސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީއާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް. އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެގޮތުގައި ދެމެހެއްޓުން. މި ޖަޒީރާތަކަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީއާއި، މި ރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން. އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުންވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ބަދަލާއި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަން އަދާކުރާ ދައުރަށް ބަލާއިރު، 50 އަހަރުވެގެން ދިޔައިރު، ފަތުރުވެރިކަމުގެ ޤައުމީ ދުވަހެއް ފާހަގަނުކޮށް މިއޮތް ސަބަބަކީ، އެ ސަބަބު ކަމުގައި ދެކެ، އެކަން އަޅުގަނޑަށް ފެންނަނީ މާޒީއަށް ދޫކޮށްލަން.

50 އަހަރު ފަހުން ވިޔަސް، އެކަން ކުރަން ފެށުމަކީ ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، މި ޞިނާޢަތުގެ ހުރިހާ ފަންތިއަކާއި، ހުރިހާ ގިންތިއެއްގެ ބޭފުޅުން އެއްތަން ކުރައްވައި، އެ ބޭފުޅުންގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމަށާއި، މަޓީގެ ޗެއަރމަން އެމް.ޔޫ. މަނިކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށް، އެމް.އެމް.ޕީ.އާރް.ސީ. އިން ކުރަމުން އަންނަ ބުރަ މަސައްކަތްތައްވެސް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަން. ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި އަދި މި ޞިނާޢަތުގެ އެކިއެކި އެސޯސިއޭޝަންތަކާއި، ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުން ޝާމިލްވާގޮތަށް، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވަރަށްވެސް ބޮޑަށް ޝުކުރު ދަންނަވަން.

ދިވެހި ފަތުރުވެރިކަމަށް އަޅުގަނޑު އަބަދުވެސް އެދެނީ ފާގަތިކަމާއި ކުރިއެރުން. އެންމެހައި ދިވެހިންނާއި، މުޅި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، ސަރުކާރާއި ރައްޔިތުން އެކުގައި މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތަނަވަސް ދިރިއުޅުމެއް އަޅުގަނޑުމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.