ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އުތީމު ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވިދާޅުވީ، އުތީމުގެ ތަރައްޤީ އާ އުސްމިންތަކަށް ގެންދިޔުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު ކަމަށެވެ. މިގޮތުން، ރަށުގައި ނަރުދަމާ ޤާއިމް ކުރެވި އަދި، މިހާރު ފެނުގެ މަޝްރޫޢު ވަރަށް ބާރަށް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ބަނދަރުގެ ދަތިކަމާއި، ބަނދަރު މަރާމާތު ކުރަންޖެހިފަ އޮތުމާއި، ކުނީގެ މައްސަލަ ޙައްލުކުރުމުގައި ދިމާވާ ބަޖެޓުގެ ދަތިކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައްޔިތުން ބޭނުންވާކަމާއި، އިޖުތިމާޢީ މަރުކަޒެއް ބިނާކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އުތީމު ގަނޑުވަރު މައިދާން، ޣާޒީ ބަންޑާރައިން މައިދާނުގެ ގޮތުގައި ތަރައްޤީކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އަދި، ރަށުގައި ގިނަ ގޯތިތަކެއް ނުހެދި ހުރުމާއި އެކު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވެފައިވާ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުތީމު ޣާޒީ ބަންޑާރައިންގެ މިސްކިތަކީ، ވަރަށް ކުރިން ޢިމާރާތްކޮށްފައިވީ ނަމަވެސް އަދިވެސް ރަސްމީކޮށް ހުޅުވާފައި ނުވާ މިސްކިތެއް ކަމަށާއި، އަދި ޢިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، އެ މިސްކިތުގެ ޝީޓުގައި ރެނދުލައި މިސްކިތުގެ ތެރެއަށް ފެންފައިބާކަން ކައުސިލުން ފާހަގަކުރައްވާފައިވެއެވެ.

އުތީމަކީ ތާރީޚީ އާސާރުތަކެއް ހުރި ރަށަކަށް ވުމާ، ރަށުގެ އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި ދޫނި ތުނޑި ހިމެނޭކަމުގައި ވީނަމަވެސް، ބަނދަރު ހެދުމާއި ގުޅިގެން އެ ތުނޑި ގިރާފައިވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން މި ބައްދަލުކުރެއްވުމުގައި، ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަންކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، މިހާރު ރޭވިފައިވާ މަޝްރޫޢުތަކާއި އެ މަޝްރޫޢުތައް ކުރިޔަށް ގޮސްފައިވާ މިންވަރު ވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އުތީމުގައި އާ މިސްކިތެއް ތަރައްޤީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

ހއ. އުތީމުގައި މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގައި ނިންމާފައި ވާއިރު، އޭގެ ތެރޭގައި، ނަރުދަމާ ޤާއިމްކުރުމާއި، އާ އިންޖީނުގެއަކާއި، އޮފީސް ޢިމާރާތެއް އެޅުމާއި، ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ އިތުން މިހާރުވެސް އުތީމުގައި، ސާފު ބޯފެނުގެ ނިޒާމް ޤާއިމްކުރުމާއި، ކަރަންޓްގެ ވިއުގަ އަޕްގްރޭޑް ކުރުމާއި، ޞިއްޙީ މަރުކަޒާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އުތީމު ކައުންސިލާއި، އ.ތ.މ ކޮމިޓީ އާއި އެކު ބޭއްވެވި މިބައްދަލު ކުރެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އުތީމު ބަންޑާރައިންގެ ރުއްދަނޑު އިފްތިތާޙްކޮށްދެއްވައި ރުއް އިންދަވާދެއްވާފައެވެ. މީގެ އިތުރުން މިނިވަންދުވަހާއި ގުޅިގެން އުތީމުގައި ބޭއްވި ޕެރޭޑްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި، ދެން ވަޑައިގަންނަވާނީ، ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫއަށެވެ.