بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި މެންބަރުން، އަދި ހއ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، އުތީމުގެ ލޮބުވެތި ރައްޔިތުން އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ޤައުމީ ދުވަހުގެ އުފަލަކީ ތަފާތު އުފަލެއް. 1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލަށް އުތީމަށް އާދެވުމުން، އަޅުގަނޑަށް ލިބޭ އުފާ އަދި މާ ތަފާތު. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު ކިޔަސް، އުތީމު މަހާރަދުން، ނޫނީ ޣާޒީ ރަދުންގެ ނަން ދިނަސް އެއީ މި އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރު. ރަށަކުން ނުވަތަ އަތޮޅަކުން ޤައުމަކަށް ދޭނެ އެންމެ ބޮޑު ހަދިޔާ ދިވެހިރާއްޖެއަށް ދިނީ، މި ފިޔަވަޅުމަތީގައި އަޅުގަނޑު މިހުރި އުތީމުގެ ފަސްގަނޑުން. ވައި ފެން ހެޔޮ މި ބޮޑު ތިލަދުންމަތިން.

ބޮޑުތަކުރުފާނޭ ބުނުމުން ހިތަށް ސިފަވެފައި އޮންނަނީ އެއީ ހަރު އުމުރުގެ ވަރަށް ދޮށީ ބޭފުޅެއް ކަމުގައި. ޙަޤީޤަތުގައި އޭރު އެއީ އުމުރުން ހަގު ޒުވާން ބޭފުޅެއް. އެ ހަށިކޮޅުގައި ހިނގީ ޒުވާންކަމުގެ ހޫނު ލޭ. އެއްވެސް ދެވަނައެއް ނެތި، އެ ޙިކުމަތާއި ވިސްނުމާއި، ހިތްވަރާއި ޖޯޝް، އެ ހަށިކޮޅުގައި ހިނގަން ފެށި ސިއްރެއްވާނެ. ރާއްޖެއާމެދު އޮތް އިލާހީ ޢިނާޔަތާއި މަދަދުގެ މެދުވެރިޔަކަށް އެ ތަކުރުފާނު ނުވިނަމަ، މި ވާހަކަ ދައްކާނެ މި ދުވަސް އަޅުގަނޑުމެންނަށް ލިބުން ނާދިރު.

ދުނިޔޭގެ ގަދަފަދަ ބާރަކުން މުޅި ސަރަޙައްދު އޮތީ އިސްތިޢުމާރުކޮށްފައި. މީސްގިނަ ބޮޑެތި ބައްރުތައް އޮތީ ކުރުގެޅި، އިނދަޖެހި، ހިރިނުލެވިފައި. ކަނޑުގެ ބާޒުގެ ނަމުން ޕޯޗްގީޒުން ދެއްކި ގަދަޔަށް ރައްދު ދެވޭނީވެސް ކަނޑުގެ ބާރަކުން. އެކަމަށް ބޭނުންވާ ވިސްނުމާއި ހުނަރުހުރި ކަނޑުގެ ބާރަކީ ދިވެހިންކަން ބޮޑުތަކުރުފާނު ދެނެވަޑައިގެންނެވި. ވަކަރުގެ އާރު ވަތަށްވާގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް ކަޅުއޮއްފުންމި ބަނދެ ނިންމީ، ވަކަރުފުށް ބޭރަށް. ބޭނުމަކީ ދުވެލި ބާރުކުރުން. އެއީ އާދައިގެ ވިސްނުމެއް ނޫން. ޙަޤީޤަތުގައި ވަތަށް އޮންނަންޖެހޭ ވަކަރުފުށް ބޭރަށްޖެހި، ކަޅުއޮއްފުންމީގެ ފުރަތަމަ މަޑުލާއެކު ޕޯޗްގީޒުން ވަތަކުތޯ ޖެހިއްޖެ. ކަނޑުގެ ބާޒު ބަލިކުރެވޭނީ ކަނޑުގެ ދަރިންނަށް. އެކަން ކުރީ ދިވެހިން. އަޅުގަނޑުމެންނަކީ ޖަޒީރާވަންތަ ކަނޑުގެ ދަރިން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަޙައްދަކީ އަދި ޤައުމެއް ނޫން. ޤައުމެއް ނެތަމަ ޤައުމިއްޔަތެއް ނޯންނާނެ. ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން. ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ޤައުމިއްޔަތުގެ ތަރުތީބު. ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ، ވެވަޑައިގެންނެވި އެންމެބޮޑު ޤުރުބާނީއަކީ ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކޮށްދެއްވުން.

މިވަގުތު އަޅުގަނޑަށް މި ހުރެވުނީ ރާއްޖޭގެ އެންމެ އުތުރުގެ އިން ކަމުގައިވާ ތުރާކުނާ މާ ދުރަކުނޫން. އެ ތުރާކުނުން ފެށި އައްޑޫ ގަން، ދެކުނު މުއްޔާ ދެމެދުގައިވާ ހުރިހާ ސަރަޙައްދަކީ މި ދިވެހިރާއްޖެ. ދިވެހި ކާބަފައިން އެކީ އެއް ހަމައެއްގައި އުފުލައި ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާއަކީ، މި ޤައުމާއި ދިވެހި ޤައުމިއްޔަތު. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ނަޖާތު ކަމުގައިވި މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާއި ތާރީޚާއި އާދަކާދައާއި ސަގާފަތް. ދިވެހިންގެ އަދަބު އަޚްލާޤާއި ސުލޫކު ޤައުމިއްޔަތުގައި ޝާމިލްވޭ.

ބޭނުންވާ އެއްޗެއް ބޭރުން އެތެރެކުރެވިދާނެ. އެހެން ނަމަވެސް، ޤައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން. ދިވެހިންނަކީ އަޞްލާއި ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ޤައުމެއް. އާދައާއި ބަހުރުވަ އެކައްޗެއް. އެކަންކަން، އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ޙިއްޞާވި ޤައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް. ދިވެހި ޤައުމިއްޔަތު ޒީނަތްވެދާ މި ދެންނެވި ބޮޑު އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގައި މަދުވާނެ.

ޤައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާޤާއި، ރިވެތި އުޅުމާއި ސުލޫކު. އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު. ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯބި. ވަށައިގެންވާ މާޙައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ޙަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ޤައުމިއްޔަތަށް އޮތް ލޯބި.

އެ ޒަމާން، އެ ޒަމާނުގެ ގޮތުގައި ފާއިތުވެ، މި ޒަމާން އައިއިރުވެސް ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ އެބަ ހެކިވޭ. ފަތުރުވެރިކަން ރާއްޖެއަށް ފެތުރުނުތާ 50 އަހަރު މި އަހަރު މި ފުރެނީ. މެހްމާންދާރީއާއި އޯގާތެރިކަމާއި ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލް ކަމުގައި ރާއްޖެއަކަށް ނުވެވުނީސް. ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތާ، އިޙްތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއް. މި ދެންނެވި ޤައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމާއި، އެ ދީނުގެ ޞައްޙަ ޢަޤީދާއަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ޙަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނައި، ފަރުހިލައި، ވަލުފުރާގުން ދަރިން ބޮޑެތިކުރީ ދިވެހި ކާބަފައިން. އެއީ އުމުރަށް ނަމާދު ޤާއިމުކޮށް، ރޯދަ ހިފައި، ޒަކާތްދީ، ޙަރާމަށް ބިރުވެތިވެ، ޙަލާލަށް ރައްކާތެރިވި ދިވެހިން. ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާއެކު މުޢާމަލާތު ކުރެވި، ޞުލްޙަމަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް.

ޤައުމިއްޔަތަކީ ތަފާތެއްނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން. މި ދަތުރުގައި އަޅުގަނޑު މިއައީ ފިނޭއަށް ގޮސްފައި. އަޅުގަނޑުމެން އަލުން އަނބުރާ އިޢާދަކުރަން މަސައްކަތް މި ކުރާ ދިވެހި ޤައުމިއްޔަތުގެ ހަމަ ތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުން. ބިންގަނޑު ރަނގަޅު، ފެހިކަންގަދަ، ކުނބުރެއްގެ މިސާލުގައި އޮތް ފިނޭއަކީ އެކަހެރިކޮށް އޮތް ރަށެއް. މާބޮޑު ފަޅެއްނެތި، މާކަނޑުގެ މެދުން ހިކިފައިވާ ޖަޒީރާ މުތެއް. މެދުމިނުގެ އާބާދީއެއް އޮތް ރަށެއް. އެ ރަށުގެ ފެނާއި ނަރުދަމާ ފުރިހަމަވެއްޖެ. ބަރާބަރަށް ޚިދުމަތްދެވޭނެ އިތުބާރު ހަކަތައިގެ ޔަޤީންކަން ފިނޭއަށް ލިއްބައިދެވިއްޖެ. އެ ރަށުގެ ފެރީ ހަޓް މެދުވެރިކޮށް ފަސޭހަކަމާއެކު ތުރާކުނުން ފެށިގެން މާއުނގޫދުއާ ހަމަޔަށް އުނދަގުލެއްނެތި ފިނޭ ފެތުރި ފުޅާވާނެ. ކުޑައެއް، ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ ފަސޭހަ މި ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހުއޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުން.

ޞިއްޙަތާއި ތަޢުލީމާއި އާމްދަނީއަށް ވާސިލްވެވޭނެ އަވަސް އަދި ފަސޭހަ މަގުތައް ކޮށައި އަލިކުރުމަށް ފަށާފައިވާ މި މަސައްކަތް ނުނިންމައި ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހެނީ އަމިއްލަ ތާރީޚު. ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭނެ. ތާރީޚާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓެންޖެހޭނެ.

އުތީމުގައި ހުރެ މި ވާހަކަ ދައްކާއިރު ދަންނަވަންޖެހެނީ، ހުރި ކިތަންމެ މުއްސަނދި އާސާރަކަށް އިހުމާލުވެ ނެތިދިޔަ ހިތާމަވެރި ވާހަކަ. އުތީމު ގަނޑުވަރު ނޫނީ ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ މިފަދަ އާސާރެއް، ހަނދާނެއް އަދި ތާރީޚެއް، ބިނާއެއް ނެތޭވެސް ދެންނެވިދާނެ. ކަޅުވަކަރު މިސްކިތް އަތުޖެހިފައި އެވަނީ ކުރި ވަރަށްބުރަ މަސައްކަތުން. ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު އޮތީ އެ ލިސްޓަށް އަރާފައި. މާލޭގައި ހުރި ތާރީޚީ ބިނާތައް މާލެތެރޭގައި ގިނަވެ، ބިކަވެ، އެގޮތްމިގޮތް ވެގެންދިޔައީ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖެއަށްޓަކައި ކުރަންޖެހޭނެ ކަމެއް. ވަކި ސިޔާސަތަކާއެކު ސަރުކާރުން މި އަންނަނީ އެކަން ކުރަމުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދުނިޔޭގެ އަރިހުރަހަށް ހިނގާ އެކި ބާވަތުގެ އޮއިވަރު މިއަދު ތަފާތު. ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަޤްވާމީ ދުނިޔެއާ އެއް ސަފުގައި ރާއްޖެ ފައިހަމަކުރަންޖެހެނީ. ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ މަންފާއާއި، އޭގެ އަނެއްކޮޅުވެސް އެބައޮތް. އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އެ އަންނަނީ، އަޅުގަނޑުމެން ބޮޑެތިވިފަދަ ދުނިޔެއަކު ނޫން. އެ ކުދިންގެ ވިސްނުމާއި، އުންމީދާއި، ބޭނުންތައް ވަރަށް ބޮޑަށް ތަފާތު. އެހެން ނަމަވެސް، ހަމަ މަގުގައި އިންސާނަކަށް ހުރެވޭނީ، އޭނާއަށް ލިބޭ ޢިލްމަކާއި ހުނަރަކުން. ރަނގަޅާއި ނުބައި ދަސްވެ، އަމިއްލަ ސިކުނޑިން ވިސްނި މިންވަރަކުން. ދަރިންނަށް އެކަށޭނަ ރަނގަޅު ޞިއްޙަތާއި، ފުރިހަމަ ތަޢުލީމެއް ހޯދޭނެ ފުރުޞަތު ފަހިކުރުމަކީ، ޤައުމަށްޓަކައި ކުރާ ކަމެއް. އެ ކުދިންގެ ޤާބިލުކަމާއި ޒިންމާދާރުކަމުން މެނުވީ، މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއްނުވާނެ. އެ ދަރންގެ ތަރުބަވީ ހިޔާވައްސަކީ މަދަރުސާ. އެހެން ނަމަވެސް، ޤައުމަށްޓަކައި ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮ ކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން.

މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ ނަމޫނާ އެ ކުދިންނަށް ގާތުން ފެނުން. މިންތީގެ ހަމަހަމަކަމާއި، ގެވެށި އިންޞާފު އެ ކުދިންނަށް ދަސްވުން. މޫސުމާއި، ތިމާވެށްޓަށް އަންނަ ބަދަލާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާމެދު ވިސްނައި އެގޮތަށް ޢަމަލުކުރުން.

ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެހައި އޮފިސަރުން؛

ޤައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލެއް، ފަޚުރެއް. އެހެން ނަމަވެސް، ޤައުމީ ދުވަސް ޒީނަތްތެރިވެ، ޝަރަފްވެރިވެ، ތަކުރާރުވާ ސަބަބަކީ ތިޔަ އޮފިސަރުން. ތިޔަބޭފުޅުން މިސާލު ނަންގަވަންޖެހޭ ޝަޚްޞިއްޔަތަކީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން. އެއީ އަޅުގަނޑުމެންގެ ދާއިމީ ކޮމާންޑަރ އިން ޗީފް. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލުގެ އަބަދީ ރަމްޒު. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ޤައުމުގެ ޙިމާޔަތުގައިވާ ޙަޤީޤީ އެކަތައިގެ ފާރަކީ، ތިޔަ ބަދަހި ސަފުތައް.

އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.