ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު، ހދ. ނައިވާދޫ ޕްރީސްކޫލްގެ ހޯލުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ނައިވާދޫ ކައުންސިލުން ވަނީ އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި، ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތައް މިހާރަށްވުރެ ވެސް ހަލުވި ކުރަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޢިމާރާތް ބާވެ ޖާގަ ދަތިވުމާއި، ނަރުދަމާގެ ނިޒާމާއީ، ސްކޫލުގެ ހޯލު ޢިމާރާތުގެ މަސައްކަތް އަވަސް ކުރުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޒުވާނުނަށް ކުޅިވަރު ކުޅުމަށް އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، އެލް.ޖީ.އޭ ގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި، ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ޢިމާރާތް ކުރުމަށް އިސްކަންދެވޭ ކައުންސިލް އިދާރާތަކުގެ ލިސްޓުގައި ހިމަނައިގެން އާ ޢިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމާއި މެދު ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އެކު މަސައްކަތް ކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނައިވާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ނައިވާދޫ ކައުންސިލު އިދާރާއަށް ޒިޔާރަތްކުރައްވައި އެ ޢިމާރާތުގައި ކައުންސިލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާ ލައްވާފައެވެ.

ހދ. ނައިވާދޫގައި ސަރުކާރުން މިހާތަނަށް 4 މަޝްރޫޢެއް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިހާރުވެސް 3 މަޝްރޫޢެއް ކުރިޔަށް ދާއިރު އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫޢަކީ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ނައިވާދޫއަށް ފަހު ވަޑައިގަންނަވާނީ، ހދ. ފިނޭ އަށެވެ. ފިނޭއަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގައި އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވާނެއެވެ. މީގެ އިތުރުން ފިނޭ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާނެއެވެ.