بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއަރޕަރސަން މުޙައްމަދު ޝަރީފް، ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު ޢަލީ، ދައުލަތުގެ ވަޒީރުން، އެމް.ޕީ.އެލް.ގެ ބޯޑް މެންބަރުން، އެމް.ޕީ.އެލް.ގެ އެންމެހައި މުވައްޒަފުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ވިޔަފާރި ބަނދަރުތަކަކީ ޤައުމުގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ. އެއް ޤައުމު އަނެއް ޤައުމާ ގުޅުވައިދޭ މައި ފާލަމަކީވެސް ބަނދަރުތައް. މުޅި ދުނިޔެއަށް ބަލާއިރުވެސް، ތަރައްޤީއާއި އިޤްތިޞާދުގެ ބަހާތައް، އެއް ބައްރުން އަނެއް ބައްރަށް، އެއް ޤައުމުން އަނެއް ޤައުމަށް ހިޖްރަކޮށްފައިވަނީ ބަނދަރުތަކުގެ ޒަރީޢާއިން.

އިހު އެވޭލާ ޒަމާނުގައި ބަނދަރުތަކުގެ ދައުރު މިހާރަށްވުރެވެސް މާ ފުޅާ. އެއް ވަންހައެއްގެ ސަގާފަތް އަނެއް ވަންހަކަށް ނަގުލުވެ، ބަހުރުވަތަކާއި އަދަބިއްޔާތާއި ފަލްސަފާތައް، އިންސާނީ މުޖުތަމަޢުތަކާ ލާމެހިގެން ދިޔައީވެސް ބަނދަރުތަކުގެ ޒަރީޢާއިން.

މި ދެންނެވި ޙަރަކާތްތަކުގައި ޖުގުރާފީ ގޮތުން ރާއްޖެއަށް ލިބުނު ނަސީބު ވަކިން ކުޑައެއް ނޫން. ޢަރަބި ކަރައިން އަސޭ ކަރައަށާއި ސީނު ކަރައަށް ދަމައިލެވޭ ވިޔަފާރި ރޮނގުގެ މެދުގައި އޮތީ ރާއްޖެ. އެފްރިކާ ބައްރުން ހިންދު ކަރައަށާއި އޮޅުދޫ ކަރައަށް ކުރަހައިލެވޭ ވިޔަފާރި ރޮނގުވެސް، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ބީހިލާފައި ނޫނީ ދެވޭނެ ގޮތެއް ނޯވޭ.

އޭގެ ސަބަބުން މުޅި ރާއްޖެއަކީވެސް އޭގެ ޒާތުގައި، ހިންދު ކަނޑުގެ މެދުގައި އޮތް ވަރަށް އަމާން ބަނދަރެއް. މި ސަރަޙައްދުގެ ކަނޑުމަތީގައި ހިނގި ހުރިހާ ރަނގަޅަކާއި ނުރަނގަޅެއްގެ އަސަރު ރާއްޖެއަށް ފޯރީވެސް އެ ސަބަބާ ހުރެ.

އެ ހުރިހާ ކަންކަމުގެ ތެރެއިންވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު މަންފާއަކީ، އިންޑިއާ ކަނޑުގައި ކުރި ވިޔަފާރި ދަތުރުތައް. ދުނިޔޭގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް، ކަރަގޮނޑުން ދަތުރުކުރި ކޮންމެ ބަނގަލާ ބޯޓަކާއި، ކޮންމެ ނާޒޯނގެއް، ރާއްޖެއަށް ނަގިލި ލީ ކޮންމެ ފަހަރަކު، ދިވެހިންނަށް އެތައް މަންފާއެއް ލިބުނު. ހަމައެކަނި ވިޔަފާރި މުދަލާއި، އަންނައުނާއި ކާޑެއް ނޫން. ޢުމްރާނީ ފަންނުވެރިކަމާއި، ޢިލްމާއި ސަގާފަތާއި، ޙަޟާރަތުގެ އިތުރުން، ތަހުޒީބާއި ތަމައްދުންގެ ރީތި ސިފަތައްވެސް ދިވެހިންނަށް ލިބިގެންދިޔަ.

އެއީ އެ ޒަމާން. މިއީ ބަނދަރުތަކުގެ ދައުރާއި ޒިންމާތައް މުޅިން ތަފާތު ޒަމާނެއް. އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ 36 އަހަރަކީ، ރާއްޖޭގެ އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތާރީޚަށް ބަލާއިރުވެސް، މާ ހަގު މުނާސަބަތެއް. އެމް.ޕީ.އެލް. އުފެދުނީ 1986 ވަނަ އަހަރުގައި ކަމަށްވިޔަސް، ރާއްޖޭގައި ބަނދަރުގެ ޚިދުމަތް ދެމުން އަންނަތާ އެއަށްވުރެ މާގިނަ ދުވަސްވާނެ.

އެހެން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުންދިޔަ މިންވަރާ ގާތަށްވެސް ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްޤީވަމުން އައިސްފައެއް ނެތް. މިއީ އެމް.ޕީ.އެލް.ގެ ވެރިންނާއި މުވައްޒަފުންނާއި ދިވެހި ކޮންމެ ރައްޔިތަކު ގަބޫލުކުރާ ޙަޤީޤަތެއް. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. އެހެން ދިމާވެފައި އޮތީ، ދުރު ރާސްތާގެ ޕްލޭނެއް ނެތި، އެވަގުތު ޖެހޭ ކަމެއް ޙައްލުކުރުމަށް ބަނދަރަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމުގެ ސަބަބުން. ވިޔަފާރި ބަނދަރު ތަރައްޤީނުވެ އޮތުމަކީ، މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް.

އިންޑިއާ ކަނޑުގައި ރާއްޖެ މިއޮތް ތަނުގެ ގޮތުން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ޙާޞިލުކުރެވޭނެ. ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްޤީވެފައި އޮތްނަމަ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށްވުރެ މާމަތީގައި.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑު. އެކަމުގެ ސަބަބުން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި ވަރަށް ގިނަ ދަތިތަކެއް އެބަ ކުރިމަތިވޭ. ބޭރުން ގެންނަ މުދާ، ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވުމަކީ، އިޤްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް. އަދި ބަނދަރު ބޮޑުކުރެވޭކަށްވެސް މާލެއަކު ނެތް.

މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުމެން ޤައުމު ހިންގުމާ ޙަވާލުވިއިރު، މާލޭ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައި. އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި، ބަނދަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އޮތީ ގެންނަންޖެހިފައި. އެމް.ޕީ.އެލް. ހިންގުމާ ޝާހިދު ޙަވާލުވެވަޑައިގެން، ބަނދަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ.

ޝާހިދުގެ ވާހަކައިގައިވެސް ފާހަގަކުރެއްވި ފަދައިން، މާލޭގެ އިތުރުން، ކުޅުދުއްފުށްޓާއި ހިތަދޫގައިވެސް އެމް.ޕީ.އެލް.ގެ ފަރާތުން ހިންގާ ދެ ވިޔަފާރި ބަނދަރު އެބައޮތް. އެ ދެ ބަނދަރު ތަރައްޤީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢު ނިމި، ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ.

ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް އަޅުގަނޑުމެން އެބަ ތަރައްޤީކުރަން. އެ މަޝްރޫޢަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއެކު، މިހާރު ފުރިހަމަކުރަންޖެހޭ ކަންތައް ނިމުނުހާ އަވަހަކަށް، އެ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރެވޭނީ، މާލެއިން ބޭރަށް، އަދި ޖާގަ ބޮޑު ތަނަކަށް ބަނދަރު ބަދަލުކޮށްގެން. އަޅުގަނޑުމެން ގުޅީފަޅު ޚިޔާރުކުރީ އެ ސަބަބަށްޓަކައި. ގުޅީފަޅުގެ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިކިފައި. އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެށިގެންދާނެ.

މާލެއިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅީފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅީފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭގެ އުތުރު ބަނދަރާއި، މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭގޮތަށް.

މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތަކެއް، އެމް.ޕީ.އެލް. އިން ދޭން މިހާރު އެ އަންނަނީ ތައްޔާރުވަމުން. ހިލަޔާއި ހިލަވެލި ގެނެސް ބޭލުމަކީ މިހާތަނަށް، މާލޭގެ ވިޔަފާރި ބަނދަރުން ދިން ޚިދުމަތެއް ނޫން. ތިލަފުށީގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ބަލްކް ޓަރމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ނިމުމުން، ހިލަޔާއި ހިލަވެލި އެތެރެކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށްވެސް އަދި ޢާންމުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

މި ބަދަލުތައް ގެނައުމުން ނުކުންނަ އެހެން ފައިދާތަކެއްވެސް އެބަހުރި. އެއް ކަމަކީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވުން. އަނެއް ކަމަކީ، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވުން.

ވިޔަފާރި ބަނދަރެއްގެ ކާމިޔާބީ ގުޅިފައި އޮންނަނީ، އެ ތަނެއްގައި ޚިދުމަތް ދެއްވާ މުވައްޒަފުންގެ ހީވާގިކަމާއި އިޚްލާޞްތެރިކަމާ. ބަނދަރެއްގެ ބޭނުމާއި، އެ ބަނދަރަކުން ޙާޞިލްކުރެވޭ ނަތީޖާ ބިނާވަނީ، މުވައްޒަފުން ރެޔާއި ދުވާލު ކުރާ ބުރަ މަސައްކަތުގެ މައްޗަށް. ރާއްޖޭގެ ތަރައްޤީގައިވެސް އަދި ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގައިވެސް ތިޔަބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު، އަދި އެހާމެ މުހިންމު.

ކޯވިޑް-19 އިން ރައްކާތެރިވުމަށް، މިދިޔަ ދެ އަހަރެއްހާ ދުވަހު، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި ކުރި މަސައްކަތުގައި އެމް.ޕީ.އެލް. މުވައްޒަފުން އަދާކުރެއްވީ ވަރަށް މުހިންމު ދައުރެއް. އެންމެ ހަލުވިކޮށް ކޯވިޑް ފެތުރެމުންދިޔަ ދުވަސްވަރުވެސް، އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ވިޔަފާރި މުދާ އެތެރެކުރުމުގައި، ބަނދަރުތަކުގެ މުވައްޒަފުން ކުރެއްވި މިންނެތް މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަން.

ތިޔަބޭފުޅުން ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ތިޔަ ހޭދަކުރައްވަނީ ޤައުމީ ޚިދުމަތުގައި. ރައްޔިތުންނާއި މުޅި މުޖުތަމަޢަށް ޚިދުމަތް ކުރެއްވުމުގައި. އެކަމަށްޓަކައި އެމް.ޕީ.އެލް.ގެ ބޯޑު މެންބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް އަދި ތިޔަބޭފުޅުންގެ ލޮބުވެތި ޢާއިލާތަކަށްވެސް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން.

ތިޔަބޭފުޅުންނަށްވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުން އެކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެ. އެހެން ނަމަވެސް، ފްލެޓްތަކުގެ އަގާމެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި. މުވައްޒަފުންގެ ތެރެއިން ބަޔަކު އަޅުގަނޑާވެސް ބައްދަލުކުރި. އެކަމުގެ ކަންބޮޑުވުންތައް އަޅުގަނޑާ ޙިއްޞާކުރި. އެކަމާ ބެހޭގޮތުން ކުންފުނީގެ ވެރިންނާ އަޅުގަނޑު މަޝްވަރާ ކުރިން.

އަޅުގަނޑު އުންމީދު ކުރަނީ، ކުންފުނީގެ ބޯޑުން މިހާރު އެ ގެންނަވާ ބަދަލުތަކުން، ފައިސާ ދެއްކުމުގައި ކޮންމެވެސްވަރެއްގެ ލުއިތަކެއް، ޙައްލުތަކެއް ތިޔަބޭފުޅުންނަށް ލިބިގެންދާނެ ކަމަށް. އަދިވެސް އެކަމުގައި އުނދަގޫތަކެއް ހުރިކަމަށްވާނަމަ، ބޯޑުން އެކަމާ ދޭތެރޭގައި ވިސްނެވުމަކީ އަޅުގަނޑުގެ މިރޭގެ އެދުމެއް.

އަޅުގަނޑުގެ އުންމީދަކީ، މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްޤީއަށް މިކުރާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަލުވިވެގެން ދިޔުން. އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދިޔުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި، ސަރުކާރާއި ރައްޔިތުން އެކުގައި މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެ ރޮނގުން ރާއްޖެއަށް އިތުރު ކުރިއެރުމާއި ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން. ދިވެހިންގެ މެދުގައި ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރައްވައި، އުފާ ފާގަތިކަން އަބަދުވެސް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.