ތަރައްޤީގެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަޢޫދީ ޢަރަބިއްޔާއަކީ ނަމޫނާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 92 ވަނަ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނު އެކުލަވާލެއްވި "ވިޝަން 2030" މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ޤާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު އެ ޤައުމަށް ހާސިލުކުރެވޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި "ވިޝަން 2030" އިޢުލާނުކުރުމަށްފަހު ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި، އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށާއި އަދި ޤައުމުގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެޤައުމުން ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ޤައުމުން ޙިއްޞާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މުސްލިމު ދެ ޤައުމެއްގެ ހައިސިއްޔަތުން، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ޘަޤާފަތާއި، އަދި ތާރީޚީ ގޮތުން ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ދެ ޤައުމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ އަދި ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ޙައްޖާޖީންނަށް ދިން އަހައްމިއްޔަތުކަމަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމާއި ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މުހިންމު ބައިވެރިއެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމުގައި ސަޢޫދީ ޢަރަބިއްޔާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މެދުގައި ބާއްވަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާޞަބާގެ ހެޔޮއެދުންތައް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި ސަޢޫދީ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ.