ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގެ އިންޑޯ ހޯލުގައެވެ.

ކުޅުންތެރިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޓީމާއި ޙަވާލުކޮށްދެއްވައިފައެވެ