بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޢާޠިފް، ހުޅުމާލޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ސަރުކާރުގެ މިނިސްޓްރީތަކުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އަދި ކުންފުނިތަކުގެ އިސްވެރިންނާއި ކުންފުނިތަކުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ޚާއްޞަކޮށް މި ޕްރޮގްރާމްގައި ބައިވެރިވާ ސްކޫލް ދަރިވަރުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ''ވާރލްޑް ކްލީންއަޕް ޑޭ'' ގެ ނަމުގައި މި ޕްރޮގްރާމް ފެށިގެން ދިޔައީ މީގެ ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރު ކުރިން. 2018 ވަނަ އަހަރު ފެށިގެން އައިއިރު، އެންމެ ފުރަތަމަ ގާތްގަނޑަކަށް 160 ވަރަކަށް ޤައުމުން މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައި. އޭގެފަހުން ކޮންމެ އަހަރަކުވެސް ''ވާރލްޑް ކްލީންއަޕް ޑޭ'' ގެ ނަމުގައި ގާތްގަނޑަކަށް 190 ވަރަކަށް ޤައުމުގައި، މިއީ ކެމްޕެއިނެއްގެ ގޮތުގައި މި މަސައްކަތް ދަނީ ކުރެވެމުން. އާދެ، އަޅުގަނޑުމެންނަށް އެނގޭ، ދުނިޔޭގެ އެކި ޤައުމުތަކުގައި، އަދި ރާއްޖޭގައިވެސް ކޮންމެވެސް އެއް ކެމްޕެއިނެއްގެ ދަށުން، ވެށި ސާފުކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދޭ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ޚާއްޞަކޮށް، އެޗް.ޑީ.ސީ.ގެ އިސްނެގުމާއެކު، ވަކި ޝިޢާރެއްގެ ދަށުން، މި މަސައްކަތް ފެށިގެންދާކަން.

އާދެ، ހެނދުނުގެ ހޫނުގަދަ ވަގުތުގައި އަޅުގަނޑުމެން ޖަމާވެފައި މިތިބީ. މިކަމަކީ މިއީ، އަޅުގަނޑުމެން ޙަޤީޤަތުގައި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް. މިގޮތަށް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ސަބަބަކީ، ދެންމެ މެނޭޖިންގ ޑިރެކްޓަރވެސް އެ ވިދާޅުވިގޮތަށް، ވަރަށް ނާޒުކު ތިމާވެށްޓެއް އަޅުގަނޑުމެންގެ ވަށައިގެން މިއޮތީ. އެ ނާޒުކު ތިމާވެށި އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރަނގަޅު ގޮތުގައި ވާސިލުކޮށްދޭން. އަދި އަބަދުވެސް އަޅުގަނޑުމެން ހުރިހާ ތަނެއް ސާފުތާހިރުކޮށް ބާއްވަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، ޙަޤީޤަތަކީ އަޅުގަނޑުމެންނަށް މި ފެންނަ، އަޅުގަނޑުމެން މިއަދު ގޮސްފައި ސާފުކުރާ ކުނި، މި ތަކެއްޗަކީ މިއީ ހަމަ ކޮންމެވެސް ބައެއްގެ އަތުން، އަޅުގަނޑުމެންނަށް އުކާލެވޭ ތަކެތި.

އެހެންވީމާ، މިފަދަ ޕްރޮގްރާމެއްގެ ތެރެއިންވެސް އަޅުގަނޑުމެން މިއަދު ވިސްނަންވީ، ކުރިއަށް އޮތް ތާނގައި، މުސްތަޤްބަލުގައިވެސް، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަޅުގަނޑުމެން އަދާކުރަން. އެއްވެސް މީހަކު ކުނި އުކާނުލަންވީ. ވަކި އުޞޫލެއްގެ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ވީހާވެސް ބޮޑަކަށް ޙުރްމަތްތެރިކޮށް ހިތައި، އެންމެންގެ މަސައްކަތެއްކަން ދެނެގަންނަންވީ. އެކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. އަޅުގަނޑަށް މިއަދު އެންމެ ގިނައިން މި ފެންނަނީ ސްކޫލް ކުދިން. މިފަދަ ގޮތަކަށް އޮތް ކަމެއްގެ މުހިންމުކަން އަޅުގަނޑުމެން އަބަދުވެސް ދަންނަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ޚާއްޞަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ހުރިހާ ރަށްތަކާއި، ގޮނޑުދޮށްތަކާއި، ފަޅުތަކާއި، ޕާރކްތަކާއި، މަގުތަކާއި އަދި އަޅުގަނޑުމެންގެ ގޯތިތެރެއާއި، މި ތަންތަން އަޅުގަނޑުމެން ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ޢަޒުމް ކަނޑައަޅައި، އެގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަމާ ހިނގާށޭ. އެނގިވަޑައިގަންނަވާނެ، ދިރިއުޅުމާއި ބައެއްގެ އުޅުން ހުންނަގޮތް، ބައެއްގެ ބިހޭވިއަރ ހުންނަގޮތް ފެނިގެންދާ، ދައްކައިދޭ މިންގަނޑެއްގެ ގޮތުގައިވެސް މި އޮންނަނީ، އެ ތަނެއްގެ، އެ ސިޓީއެއް، ނޫނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި ހުންނަ ސާފުތާހިރުކަން. އެހެންވީމާ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ، ރީތި މާޙައުލެއް ކަމަށްވަންޏާ، އަޅުގަނޑުމެންނަކީ ވަރަށް ރީތިކޮށް އުޅޭ ބައެއްގެ ގޮތުގައި ސިފަވެގެންދާނެ.

އަޅުގަނޑުމެންނަށް ދުނިޔޭގެ ޤައުމުތަކުން ފެނޭ، ވަރަށް ރީތިކޮށް، ވަރަށް ސާފުކޮށް، މަގުތަކާއި، އަޅުގަނޑު މި ދެންނެވި ތަންތަން ޚާއްޞަކޮށް، ޕާރކްތަކާއި އަދި ކުދިން އުޅޭ ސަރަޙައްދުތަކާއި ތަންތަން ބާއްވާފައި އޮންނަ ތަން. އެއީ ތަހުޒީބު މުޖުތަމަޢުތައް. އެހެންވީމާ، ރާއްޖޭގެ ތަރައްޤީއާއި، ތަހުޒީބު ވެގެންދާ އަދި ތަޢުލީމީ ގޮތުން ކުރިއަރައިގެންދާ، ރަނގަޅު ސިފަތަކާއި، ރަނގަޅު ތަރުބިއްޔަތު އަޅުގަނޑުމެން އަށަގެންނެވުމަށްޓަކައި މިއަދު މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންގެ ދަރިންނަށާއި، އަޅުގަނޑުމެންގެ ޤައުމަށް ވިޒިޓް ކުރާ، ޒިޔާރަތް ކުރާ، މެހްމާނުންނާއި މީހުންނަށް ދައްކައިދޭންވީ މި ކަންތައްތައް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ޚާއްޞަކޮށް މިއަދު މިވަނީ ދުވަހަކުވެސް ޗެލެންޖަކަށް ނުވާވަރަށް، މުޅި ދުނިޔެއަށްވެސް ކްލައިމެޓް ޗޭންޖް، ނުވަތަ އަޅުގަނޑުމެންގެ މި ކުނި ރަނގަޅަށް މެނޭޖް ނުކުރެވޭތީވެސް، އޭގެ ސަބަބުން، ދުނިޔޭގެ ތިމާވެށްޓަށް ނުރަނގަޅު އަސަރުތައް ކުރަން ފަށާފައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި ކަންތައްތަކަށް ފުންކޮށް ވިސްނައި، މި ކަންތައްތަކުގައި ތަންކޮޅެއް ބޮޑަށް، ކުރިއަށްވުރެ ބޮޑަށް މަސައްކަތްތައް ކުރަން. އަޅުގަނޑުވެސް ހަމަ ފާހަގަކޮށްލަން ބޭނުންވޭ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި، ޚާއްޞަކޮށް މަސައްކަތްކުރާ ބަޔަކު އެބަތިބި. އަޅުގަނޑުމެންނަށް އޭގެތެރެއިން އެއްބައެއްގެ ގޮތުގައިވެސް ފާހަގަ މި ކުރެވެނީ، މާލޭ ސަރަޙައްދަށް ބަލައިފި ކަމަށްވަންޏާ، ވެމްކޯ މުވައްޒަފުން. ވެމްކޯ މުވައްޒަފުންނަށް އަޅުގަނޑުވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައި، އަދި މިކަމުގައި ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ރަށްތަކާއި، އެކި ސަރަޙައްދުތައް ސާފުކުރުމަށްޓަކައި، ބައިވެރިވާ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން، ހިތްފަސޭހަކަން ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، މި ދެންނެވި ގޮތަށް ޚާއްޞަކޮށް އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މިއަދުން ފެށިގެންވެސް އަޅުގަނޑުމެން ފުޅިއެއް އެއްލާނުލަން. އަޅުގަނޑުމެން ޓިޝޫކޮޅެއް އެއްލާނުލަންވީ. އަޅުގަނޑުމެން ކުނި އުކާނުލަންވީ. އެ ތަކެތި ބަހައްޓަންޖެހޭ ތަނުގައި ބެހެއްޓުމަށްޓަކައި، އެއީ އަޅުގަނޑުމެންގެ ގައިގައި ހުންނާނޭ އެންމެ ރީތި ސިފަކަން އަޅުގަނޑުމެން މިއަދު ގަބޫލުކުރަންވީ. ހަމައެއާއެކު، މިތަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަޅުގަނޑުމެން މި މެސެޖް ދީ، އަބަދުވެސް މިކަމަށްޓަކައި ބާރުއަޅާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާންވީ. އެނގިވަޑައިގަންނަވާނެ، ރީތި ބްރިޖެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. ވަރަށް ރީތި ކެނަލްއެއް އަޅުގަނޑުމެންނަށް މި ފެންނަނީ. މި ފަޅިން އަޅުގަނޑުމެންނަށް ފެނޭ، ވަރަށް ރީތި ބިލްޑިންގތައް އަރައިގެންދާ ތަން. އެހެންނަމަވެސް، އެ ތަންތަނުގެ ރީތިކަންވެސް މި ފެންނަނީ، ކުރީގައި މި ދެންނެވި ގޮތަށް ބިމުގައި ހުންނަ ކުންޏާއި އެ ތަކެތި ނެތި، ރީތިކޮށް ސާފުކޮށް އޮތުމުން.

އެހެންވީމާ، އެންމެންގެ ޢަޒުމަކަށް ހަދައި، މި މަސައްކަތައިގެން ކުރިއަށް ދިޔުމަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެށްޓަކީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ވެށްޓާއި، ފަޅާއި، ފަރުތަކާއި އަދި އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަކީ، ވަރަށް ސާފު ތަނެއްގެ ގޮތުގައި، އޮވެގެން ދިޔުން. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މި ވެށި ސާފުކޮށް ބޭއްވުމުގެ ހެޔޮ ތައުފީޤު ދެއްވާށި.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.