އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހުގައެވެ.