ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް ހޫންގ ވީ ޓެކް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއިި، ސިންގަޕޫރުގެ ޕޮލިސް ކޮމިޝަނަރ ވަނީ، ދެޤައުމުގެ ފުލުހުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފުލުހުންގެ ޤާބިލްކަން އިތުރުކުރުމާއި، ރާއްޖޭގެ އަވައްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ފުލުހުންނަށްވެސް ކުރިމަތިވާ، އެެއްގޮތް ހުރަސްތަކާއި ދަތިތައް ޙައްލު ކުރުމުގައި، ދެޤައުމުގެ ފުލުހުންގެ މެދުގައި، ތަޖުރިބާ އާއި މަޢުލޫމާތު ބަދަލުކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ، ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި، ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ، ފޮރިން ސެކްރެޓަރީ، އަޙްމަދު ލަޠީފާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.