ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް މިއަދު މެންދުރު ފަހު ލ. ގަމަށް ވަޑައިގެންފިއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ. 

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، 4 ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެއެވެ. މިގޮތުން، މި ސެޝަންތަކުގެ މައުލޫޢުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުޞަތު ލިބިލައްވާނެއެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު، އޮންނާނެއެވެ.

ކައުސިލްތަކަށް މާލީގޮތުންނާއި އަދި،  ޤާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވާފައި ވަނީ، 15 ޑިސެންބަރު 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.