ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބާއްވަވަމުން އަންނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރައްވައި، މިޢްވާން ވިދާޅުވީ، ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިޢްވާން ވިދާޅުވީ، މިފަހަރުގެ ވިޔަވަތި ކޮންފަރެންސް އަޮންނާނީ މި ސެޕްޓެމްބަރު މަހުގެ 10އިން 12އަށް ހައްދުންމަތީ ގަމުގައި ކަމަށާއި، މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއި އެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި މިޢްވާން ވަނީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެސް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

ޕްރެސް ކޮންފަރެންސް ފަށްޓަވަމުން މިޢްވާން ވަނީ، ވޭތުވެދިޔަ ހަފްތާގައި ސަރުކާރުން ކުރައްވާފައިވާ މުހިއްމު ކަންކަމާއި، އަދި ކުރިޔަށް ހުރި މުހިއްމު ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ. މިގޮތުން ނިމިދިޔަ ހަފްތާގައި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކްޓިވް ކޮމިޓީ އާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްޞީލާއި، ބ އަތޮޅު އޭދަފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެވުުނު މަޝްވަރާތަކުގެ ތަފްޞީލްތައް ޙިއްޞާކުރެއްވިއެވެ.

މީގެއިތުރުން މާލޭގައި މިނީބަހުގެ ޚިދުމަތް މިހަފްތާގައި ފެށިގެން ދިޔައިރު، އެޚިދުމަތް ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި އިއްޔެ އެކަނިވެސް 8024 މީހުން ބަހުން ދަތުރުކޮށްފައިވާ ކަންވެސް މިޢްވާން ފާހަގަކުރެއްވިއެވެ. އަދި މިޕްރެސް ކޮންފަރެންސްގައި ޒޯން 1ގައި އާރްޓީއެލްއިން ދެމުން އަންނަ ސްޕީޑްފެރީގެ ޚިދުމަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުވެސް މިޢްވާން ވަނީ ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

އަދި މީގެ އިތުރުން އާސަންދައިގެ ޚިދުމަތް ހޯދުން ލުއިފަސޭހަކޮށް ދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އާސަންދައިގެ ހެލްޕް ޑެސްކުތައް ޤާއިމް ކުރެވިފައިވާކަން މިޢްވާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިޢްވާން ވަނީ މިޕްރެސްކޮންފަރެންސްގައި ސަރުކާރުގެ އެކިމަސައްކަތްތަކާއި، ބައެއް މައްސަލަތަކުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވަކިވަކި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.