بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ސްޓޭޓް މިނިސްޓަރުން، ކަރެކްޝަންސް ސަރވިސްގެ އޮފިސަރުން، އެން.ޑީ.އޭ.ގެ ޗެއަރ، ޑެޕިއުޓީ މިނިސްޓަރ ޝަމާލް ޝަރީފް، ވަކިން ޚާއްޞަކޮށް، މިއަދުގެ މި ރަސްމިއްޔާތު އެ ބަޔަކަށްޓަކައި ޚާއްޞަކުރެވޭ މި ޕްރޮގްރާމްގެ އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މި ޕްރޮގްރާމްގައި ޕްރިޒަން ބޭސް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ކޮމްޕްލީޓް ކުރެއްވި، ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމި ހުރިހާ ފަރާތްތަކަށް، އާދެ، 32 ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިން ދެ މިނިސްޓަރުން އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ނަޞޭހަތުގެ ވަރަށް ރަނގަޅު ބަސްކޮޅެއް ތިޔަބޭފުޅުންނަށް ވިދާޅުވެދެއްވައިފި. ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރަނީ، މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމޭނީ ތިޔަބޭފުޅުން ވަރަށްބޮޑު ހިތްވަރެއް ކުރައްވައިގެން ކަމަށް. ޙަޤީޤަތަކީ ތިޔަބޭފުޅުން މިއަދު ތިބެންޖެހޭނީ އަޅުގަނޑުމެންނާ އެއްކޮށް ޤައުމުގެ ތަރައްޤީގެ މަސައްކަތުގައި. ރަނގަޅު ޢާއިލާއެއް ބިނާކޮށް، އެ ޢާއިލާއާއެކު ވަގުތު ހޭދަކުރާ ބައެއްގެ ގޮތުގައި.

އަޅުގަނޑުވެސް ދަންނަވާލަން އޮތީ މި ލިބުނު ފުރުޞަތުގެ ބޭނުން ނަންގަވައިނުލައްވައްޗޭ. ހޯމަ މިނިސްޓަރ ޝައިޚް ޢިމްރާން އެ ވިދާޅުވިގޮތަށް، އަލުން އަނބުރާ މި ހަތަރު ފާރުގެ ތެރެއަށް ތިޔަބޭފުޅުން އަންނަން އެ ވިސްނިގޮތަށް، އެ ވިސްނުމުގައި އެއްވެސް ކަމެއް ނުކުރައްވައްޗޭ. ދިރިއުޅުމުގައި އެހާ ގިނަ ފުރުޞަތުތަކެއް ނުލިބޭނެ. ލިބޭނީ މަދު ފުރުޞަތުތަކެއް. އެ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އެންމެ މުހިންމު މިވަނީ، އަޅުގަނޑުމެންގެ މަންމަ، ބައްޕަ މުސްކުޅިވާ ދުވަހު، ނުވަތަ އަޅުގަނޑުމެންނަށް ދަރިން ލިބި، އެ ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރަންޖެހޭ ދުވަހު، އެ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއެކު ރަނގަޅު ހެޔޮ މަސައްކަތްކޮށްގެން އާމްދަނީ ހޯދައިގެން، އުފަލާއެކު ޢާއިލާއާއެކު އުޅުން.

އެހެންވީމާ، މިއަދު ތިޔަ ހުރިހާ ފަރާތްތަކަށްވެސް ނަޞޭޙަތެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން އޮތީ، ހިތްވަރު ކުރާށޭ. އަޅުގަނޑުމެންނަށް ސްޓޭޖްމަތިން މިފެނުނީ ހަމަ ރަނގަޅު، ބަލައިލުމުގައި އަޅުގަނޑުމެންނަށް ފެނުނީ ހަމަ ވަރަށް ޓެލެންޓް ހުރި، ވަރަށް ހުޝިޔާރު، ވަރުގަދަ ޒުވާނުންތަކެއް. އެހެންވީމާ، މިއަދު މި ޤައުމު ތިޔަބޭފުޅުންނަށް ބޭނުންވޭ. އެ ނަމޫނާ ތިޔަބޭފުޅުން ދައްކަވައިދެއްވާ! އެނގިވަޑައިގަންނަވާނެ، މިއީ ޖަލުގައި މިގޮތަށް ހިންގުނު، މިފަދަ ގޮތަކަށް ހިންގުނު ފުރަތަމަ ޕްރޮގްރާމް. މި ޕްރޮގްރާމް ކާމިޔާބުވީމާ، ދެން ހިންގާ މިފަދަ ކޮންމެ ޕްރޮގްރާމަކަށްވެސް އެކަން އަންނާނެ.

އެހެންވީމާ، ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ، މި ޕްރޮގްރާމަކީ ރަނގަޅު ޕްރޮގްރާމެއްކަން، ތިޔަބޭފުޅުން އުނގެނުނު ކަންތައްތަކަކީ އެއީ ރަނގަޅު ކަންތައްތަކެއްކަން ދައްކައިދޭންވީ. އެހެން މީހުންނަށް އެކަމުގެ ޔަޤީންކަން ލިބުމަށްޓަކައިވެސް، ރަނގަޅަށް މަސައްކަތްތައްކޮށް، މުޖުތަމަޢުގެ ތެރޭގައި ރަނގަޅު ބައެއްގެ ގޮތުގައި ތިޔަބޭފުޅުން އުޅެދެއްވާ. އަޅުގަނޑު ހަމަ ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ވެގެންދާނީ އެފަދަ ބައެއްގެ ގޮތުގައި ކަމަށް.

އާދެ، މިނިސްޓަރ ނަސީމް އަދި ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި، އިޖުތިމާޢީ ކަންތައްތަކުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކެވި. ޙަޤީޤަތަކީ މި ސަރުކާރުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު ސަމާލުކަމެއް، ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް. ޚާއްޞަކޮށް، ހަށިހެޔޮ، ދުޅަހެޔޮ ރަނގަޅު، އެކުވެރި ޢާއިލީވަންތަ މުޖުތަމަޢެއް އުފެދިގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ. އެގޮތުން އަޅުގަނޑުމެންނަށް މި ސަރުކާރުގެ ހުރިހާ މިނިސްޓަރުންނާއި، ހުރިހާ މުއައްސަސާތަކުގެ ތެރޭގައި، މުއައްސަސާތަކުގެ މެދުގައި ވަރަށް ވަރުގަދަ، ވަރަށް ބަދަހި ގުޅުމެއް އެކަމަށް އޮވޭ. ޚާއްޞަކޮށް، މިނިސްޓްރީތަކުގައި، ވަޒީރުންގެ ވިސްނުންފުޅުގައި ވަރަށް ބޮޑަށް ހުރޭ، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ރަނގަޅު އިޖުތިމާޢީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން.

އެހެންވީމާ، އެކަމަކީ އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް އެންމެ މަތީގައި، ހެޑްލައިނެއްގެ ގޮތުގައި ފާހަގަކޮށްގެން އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތެއް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރައްވަނީ، އެ މަސައްކަތް ކުރެވިގެންނޭ، އަޅުގަނޑުމެންނަށް ހަމަޖެހުން ލިބެންއޮތީ. ޤައުމަށް ކުރިއެރުންވެސް ލިބެން އޮތީ. އެހެންވީމާ، އެގޮތުން ކުރެވޭ މަސައްކަތްތަކެއް.

މިއަދު ތިޔަބޭފުޅުންނާ އެއްކޮށް އެ މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އެ މަސައްކަތްތަކުގައި އުޅެވޭތީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އާދެ، އެނގިވަޑައިގަންނަވާނެ، ހޯމް މިނިސްޓަރ އަދި މިކަމާ ގުޅުންހުރި ފަރާތުން މި މަސައްކަތާ ހަވާލުވެވަޑައިގެން ހުންނެވި ކޮމިޝަނަރ އޮފް ޕްރިޒަންސްވެސް ވަރަށް ގިނަ މަސައްކަތްތަކެއް، ޚާއްޞަކޮށް މި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އެބަ ކުރައްވާ. ވޭތުވެދިޔަ އަހަރުތަކުގައި ޖަލުގައި ކުރެވުނު ކަންތައްތަކަށް ބަލައިލި ނަމަވެސް، ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ދެކެންޖެހޭނީ، އަޅުގަނޑުމެން ބަލަންޖެހޭނީ، ޖަލަށް އަންނަ ކޮންމެ ފަރާތަކީވެސް އިޙްތިރާމާއެކު، އިޙްސާންތެރިކަމާއެކު އަޅުގަނޑުމެންނަށް އެފަރާތްތަކާ ދޭތެރޭ ޢަމަލުކުރެވިގެން، އެއިން ކޮންމެ މީހަކީވެސް އެނބުރި މުޖުތަމަޢަށް ގެނެވޭނޭ މީހަކަށް ހެދުމަށް މަސައްކަތް ކުރުމަށް. އެ މަސައްކަތޭ އަޅުގަނޑުމެން ކުރަންޖެހޭނީ. އެއްވެސް މީހަކާ ދޭތެރޭގައި ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި، ކަންތައްތައް ކޮށްގެންވާނެ ގޮތެއްނޫނޭ. އެހެން އެކަންވާކަމަށްވަންޏާ، އަޅުގަނޑުމެން ދައްކާ ވާހަކަ، ދިމައެއްނުކުރެވޭނެ. އަޅުގަނޑުމެންނަށް މުހިންމުކަން ކުޑަ ހަމަ އެކަކުވެސް ނެތް.

އެހެންވީމާ، އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބި ފަރާތްތަކާ ދޭތެރޭގައި، މި ދެންނެވި ގޮތަށް ޢަމަލުކުރެވިގެން، އެހީތެރިކަން ފޯރުކޮށްދެވިގެން، އެފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުން. އެފަރާތްތަކުގެ ޢާއިލާއާ އެއްކޮށް އުޅެވޭނޭ މަގު ތަނަވަސްކުރުމަށްޓަކައި، ރަނގަޅު މަސައްކަތެއް ކުރުމުގެ މަގު ތަނަވަސްކުރުމަށްޓަކައި، އެ މަސައްކަތް ކުރުން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު އަދާކުރާ ހާލު، ހަމަ ތަކުރާރުކޮށް މި ވާހަކަ ދަންނަވާލަން ބޭނުންވީ.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް، ހެލްތު މިނިސްޓަރަށްވެސް ޝުކުރު އަދާކުރަން ބޭނުން. މި މަސައްކަތުގައި، ޚާއްޞަކޮށް، ޑުރަގް ރީހެބިލިޓޭޝަންގެ މަސައްކަތުގައި، ޒުވާނުންނަށް ދިމާވެފައިވާ މިވާ ވަބާއިން ސަލާމަތް ކުރުމަށްޓަކައި، ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އެކަން އެންމެގާތުން ފެންނަ އެކެއް އަޅުގަނޑު މިއީ. މިނިސްޓަރ ނަސީމާއި މިނިސްޓަރ ނަސީމްގެ ޓީމް، އަދި އެން.ޑީ.އޭ.އިން ކުރާ މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. ހަމައެއާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިކަމަށް ކުރަމުންދާ މަސައްކަތްވެސް އަޅުގަނޑު ފާހަގަކޮށް، މި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ކަންތައްތައް ކާމިޔާބު ކުރެވޭނީ، އަޅުގަނޑުމެންނަށް އެކުގައި ކުރެވޭ މަސައްކަތުން. ދިވެހި ޤައުމުގެ ކަންތައްތައް ރަނގަޅު ކުރެވޭނީ، އެންމެން އެކުގައި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން. އަޅުގަނޑުމެންނަށް އެންމެ ބޮޑުވާންޖެހޭނީ އަޅުގަނޑުމެންގެ ޤައުމު. އަޅުގަނޑުމެންނަށް އެންމެ މުހިންމުވާންޖެހޭނީ އަޅުގަނޑުމެންގެ ރައްޔިތުން. އަޅުގަނޑުމެންނަށް އެންމެ މުހިންމުވާންޖެހޭނީ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ޤާއިމުކުރުން.

އެހެންވީމާ، އެ މަސައްކަތްތައް ކުރުމަށް، އެކަން ކުރުމަށްޓަކައި، އެއީ ވަކި މީހެއްގެ މަސްއޫލިއްޔަތެއް ކަމަށް ނުދެކި، ހުރިހާ އެންމެން މިކަމުގައި ޝާމިލުވެގެން، މިކަމުގައި މަސައްކަތް ކުރުމަކީ އެއީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. އާދެ، މި ދެންނެވި ގޮތަށް ކޮންމެ މީހަކަށްވެސް ބޭނުންވަނީ ހަމަޖެހިގެން މަގުމަތީގައިވެސް އުޅެވެން. ގޭތެރޭގައިވެސް އުޅެވެން. ކުއްޖާ ގޮވައިގެން ސްކޫލަށްވެސް ދެވެން. އޮފީހަށްވެސް ދެވެން. މިސްކިތަށްވެސް ދެވެން. އެކަން ކުރެވޭނީ އަޅުގަނޑު މި ދެންނެވި ގޮތަށް އެންމެންގެ ވިސްނުން އެއްގޮތްކުރެވިގެން.

އަޅުގަނޑުގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތްތަކުން، ޚާއްޞަކޮށް، ޖަލުގެ ކަންތައްތައް ރަނގަޅު ކުރެވި، އަދި މިފަދަ ޕްރޮގްރާމްތަކުން މުޖުތަމަޢަށް އަވަހަށް އެނބުރި އާދެވި، ޢާއިލާއާ ގުޅި، މަސައްކަތްތަކެއް ކުރެވި، އެކަމުން ފަސޭހަތަކެއް ތިޔަބޭފުޅުންނަށް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، އަދި މިއަދުގެ މި ޕްރޮގްރާމް ފުރިހަމަކުރެއްވި ހުރިހާ ފަރާތްތަކެއްވެސް ރަނގަޅަށް މަސައްކަތްކޮށް ހިތްވަރާއެކު ކުރިއަށްދިޔުމުގެ ފުރިހަމަ ތައުފީޤު ލިބިގެންދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.