ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މ.މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި، މުލީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު ހަވީރު، މ އަތޮޅު ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި، މުލީ ކައުންސިލުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ކަމަށާއި ، މުލީގެ ތަރައްޤީއަށް މިސަރުކާރުން ކޮށްދޭ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައި ވުމާއި، މުލީ ރީޖަނަލްހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގެ ކައުންސިލް އިދާރާ ބައުވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެވެ. މީގެ އިތުރުން ރަށުގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވުމުން އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު މުއްޔަށް ވަޑައިގެންނެވުމުން މުލީ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. .

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާނެ ކަމަށާއި އެކަމާއި ގުޅޭ ސާރވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންގެންދާކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެންމެ ފަހުރަށަކަށް ވަޑައިގެންނެވީ މ . މުއްޔަށެވެ. މި ދަތުރުފުޅު ނިންމަވާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުގައެވެ.