ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރަތްމަންދޫ ރައްޔިތުންނާއި އެކު މިއަދު އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރު އައިއިރު، ކުދިރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މިސަރުކާރު އައުމަށްފަހުގައި، އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހިކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. ރަތްމަންދޫއަކީ މ.އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫޢު ޑިސެމްބަރުމަހުގައި ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގައި ނިމޭނެކަން އެމަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައި ވާކަމަށެވެ. މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުޙަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަތްމަންދޫ ފަދަ ރަށްރަށުގެ ޞިއްޙީދާއިރާގެ ތަރައްޤީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް މުހިއްމުކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ.އަތޮޅުގައިވެސް ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިއީ އެމަނިކުފާނަށް ރަތްމަންދޫއަށް ޒިޔާރަތްކުރެއްވުނު އެންމެ ފުރަތަމަފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ރަތްމަންދޫގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި، ސަރުކާރުގެ ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަތްމަންދޫ ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، މަޝްރޫޢުތަކާއިގުޅޭ ގޮތުން ރައްޔިތުން އޮޅުންފިލުއްވަން ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވައި ދެއްވައި ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު ޙިއްޞާކުރައްވާފައިވެއެވެ.

ރަތްމަންދޫއަކީ، މ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. މި ރަށުގެ ރަޖިސްޓްރީ އާބާދީއަކީ 231 އެވެ.