بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޢިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ޢަލީ މަމްދޫޙް، ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަލިކް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން، މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ބޭފުޅުން، އަދި ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނާއި، ދުރާއި ގާތުން މި ޕްރޮގްރާމް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން، އަދި އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނާއި، އެންމެހައި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑަށް، މުޖުތަމަޢަށް އެހާމެ ބޭނުންވެފައިވާ މިފަދަ މުހިންމު ކަމެއްގެ ފެށުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދުކޮށް، އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، ސްކޫލްތަކުގެ އެންމެހައި ފަރާތްތަކަށް، އަޅުގަނޑަށް މި ފުރުޞަތު ދެއްވި ކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު އަދާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް، 2010 ވަނަ އަހަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް، އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ވުޖޫދުވެގެން އައުމަށްފަހުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ، ޚާއްޞަކޮށް މި ދާއިރާއަށް އެކިގޮތްގޮތުން އެކި ކަންތައްތަކުގައި ވަރަށް ބޮޑެތި ކަންތައްތަކެއް ފުރިހަމަވަމުން އަންނަން ފަށާފައި. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއް ވަޢުދަކަށް ވެފައި އޮތީ، ބާކީނުކުރުން. އަދި ޚާއްޞަކޮށް، މުޖުތަމަޢުގައި ހިމެނޭ އަޅައިލުމާއި އޯގާތެރިކަން ބޭނުންވާ ފަރާތްތަކަށް، އެކަންތައްތައް ވަކިން ޚާއްޞަކޮށް ފޯރުކޮށްދިނުމުގެ ވަޢުދު.

އާދެ، މީގެތެރެއިންވެސް ދަރިވަރުންނަށް، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އެކި ހިސާބުގައި ތިބި، އެކިއެކި ބޭނުންތަކަށް ޖެހިފައި ތިބި ފަރާތްތަކަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަކީ، އެމަނިކުފާނު ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކަށް އަޅުގަނޑުމެން ނަޒަރު ހިންގައިލައިފި ކަމަށްވަންޏާ، މި ދާއިރާއަށް ވަރަށްގިނަ ކަންތައްތަކެއް ކުރެވިއްޖެ. އާދެ، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައިވެސް ވަނީ، ރާއްޖޭގައި، ޚާއްޞަކޮށް ބެލެނިވެރިން މިފަދަ ފަރާތްތައް ގެންގުޅުމުގައި ދިމާވާ ހިތްދަތިކަމަށް، އެކަންތައްތައް ތަޙައްމަލު ކުރަމުންދާ އެތައް ފަރާތްތަކެއްގެ ހިތްތަކަށް ފިނިކަން ގެނެސްދިނުމަށްޓަކައި، އެ ފަސޭހަކަން ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އެ ވަޢުދުގެ ދަށުން އާދެ، ތެރަޕީ ޕްރޮގްރާމެއް ފަށާފައި. ހިލޭ ތެރަޕީ ޕްރޮގްރާމެއް ފެށި، މިއަދާ ހަމައަށް އިރާދަކުރެއްވިއްޔާ އެއްވެސްކަހަލަ ހުއްޓުމެއްނެތި، ދުވަހުންދުވަހަށް އެކަންތައްތައް އަންނަނީ ރަނގަޅުވަމުން.

ހަމައެއާއެކު، ކުރިން އުފެދިފައި ނުވާ ފެންވަރަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އުފެދި، ޚާއްޞަ ސަމާލުކަމެއް ދީގެން، ކުރިން ދެވިފައިނުވާފަދަ ސަމާލުކަމެއް ދެވިފައި. ޚާއްޞަކޮށް ސްކޫލްތަކަށް ބޭނުންވާ އެކިއެކި ކަންކަން، އަދި ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި، އެކިއެކި މަސައްކަތްތައް ވަނީ ފެށިފައި. އާދެ، އެގޮތުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި ސްކޫލްތަކުގައި އެކިއެކި ވަސީލަތްތައް ޤާއިމުކުރުމާއި، ޓީޗަރުންނާއި މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އެނޫނަސް މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް، މި ދާއިރާގެ މުހިންމުކަން އަންގައިދީ، އަދި މި ކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީ، އަދި މަސައްކަތްތަކެއް ވަނީ ކުރެވިފައި.

އާދެ، މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، މި ކަންތައްތަކުގެ ތެރެއިން ވަރަށް މުހިންމު ކަމެއް. އިތުރަށް ހުނަރު ތަރައްޤީ ކުރުމަށްޓަކައި، ޚާއްޞަކޮށް މި ކުދިންނަށް އެކުއްޖެއްގެ ޤާބިލުކަން ހުރި އެންމެމަތީ ދަރަޖައަކަށް، ދަސްކޮށްދެވޭނެ ވަކި ކަންތައްތަކަކަށް ބަލައިގެން، އެ އަމާޒުތައް ހިފެހެއްޓުމަށްޓަކައި މިރޭ މި އިފްތިތާޙު ކުރެވިގެން މިދަނީ މި ދެންނެވި ގޮތަށް، އެންމެ މުހިންމު އެއް ކަންތައްތައް.

އާދެ، އަޅުގަނޑު ކުރީގައި މިދެންނެވި ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން އެ ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މި ދާއިރާއިން އެކިއެކި ތެރަޕީ ދިނުމަށާއި، ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއްވެސް ޤާއިމުކުރެވިފައި. ހަމައެއާއެކު، އައްޑޫ ސިޓީގައި ވަނީ، މިއާ ގުޅިގެން މި ފަރުވާ، މި ޚިދުމަތް ދޭނޭ މަރުކަޒެއްވެސް ހުޅުވިފައި. އަދި މިހާރު އަޅުގަނޑުމެންގެ މަސައްކަތަކީ، ދިވެހިރާއްޖޭގެ އުތުރުގައި ހދ. ކުޅުދުއްފުށީ ސިޓީގައިވެސް މިފަދަ ތަމްރީނު، މިފަދަ ފަރުވާދޭނޭ ތަންތަން ޤާއިމުކުރުމަށްޓަކައި، އެ މަސައްކަތް ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށް ގެންގޮސް، ވަރަށް އަވަސް ފުރުޞަތެއްގައި އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނެ.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ވިސްނަނީކީ ހަމައެކަނި ހަތަރުފާރު ރޭނުމަށްފަހު، ވަސީލަތްތައް ހަމައެކަނި ޤާއިމުކޮށްފައި ދޫކޮށްލާކަށް ނޫން. ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދެންނެވި ވަޢުދުގެ ތެރޭގައި، އެންމެބޮޑު އެއް ވަޢުދެއްގެ ގޮތުގައި ވެފައި އޮތީ މީހުން ބިނާކުރުން. އަޅުގަނޑުމެންނަށް އެނގޭ، މި ދާއިރާގައި، ތަޖުރިބާކާރު މީހުން، ތަޖުރިބާ ހުރި މީހުން މަދުކަން. އެއީ އަޅުގަނޑުމެންނަށް އެނގިފައި އޮތް ކަމެއް. އެގޮތުން ސަރުކާރުން ވިސްނީ، މީހުން ބިނާކުރުމުގެ ތެރެއިން، ޚާއްޞަކޮށް މި ދާއިރާއަށް މީހުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަށް އެ ފެށުނު މަސައްކަތްތަކުގެ ތެރެއިން، ތެރަޕީޓިކް މި ސަރވިސްއަށް، މި ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި. އާދެ، އަޅުގަނޑުމެންނަށް މީގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. މިދެންނެވި ޢާއިލާތަކަށް ވަކިން ޚާއްޞަކޮށް، އެ ހިތްހަމަޖެހުން ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެން މި ހުރިހާ މަސައްކަތްތަކެއް ކުރަމުންދާއިރު، އަޅުގަނޑު ދަންނަވާލާނީ، ސްކޫލްތަކުގައި ދަރިވަރުންނަށްޓަކައި ކުރާ މަސައްކަތްތަކުން އެކަނި އަޅުގަނޑުމެންނަކަށް ފުއްދައެއްނުލެވޭނެއޭ. ސްކޫލުން ބޭރުގައިވެސް އެކިއެކި ކަންތައްތަކުގައި އެ އެކްސެސް، އެކްސެސެބިލިޓީ އޮތުމާއި، އެނޫން ގޮތްގޮތުންވެސް މިފަދަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް އިތުރަށް ހޯދައިދިނުމުގެ މަސައްކަތްތަކަކީ އެއީ، އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަންޖެހޭނެ މަސައްކަތްތަކެއް.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ރާއްޖޭގައި، ސަރުކާރުގެ އެކިއެކި އެސް.އޯ.އީ.ތަކާއި ކުންފުނިތަކުން ޚާއްޞަކޮށް އެފަދަ ފަރާތްތަކަށް ވަރަށްގިނަ ޢަދަދަކަށް ވަޒީފާތައް ފޯރުކޮށްދީފައިވާކަން. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން، އެފަދަ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ އެންމެ ރަނގަޅު މާޙައުލެއް ހޯދައިދިނުމުގެ މަސައްކަތްވެސް މެދުނުކެނޑި ކުރަން. އަޅުގަނޑު ދަންނަވާނީ މިއީ އެ ފަރާތްތަކާއެކު މަސައްކަތް ކުރާ ފަރާތްތަކުން އަބަދުވެސް ސަމާލުކަންދޭންޖެހޭނޭ ކަމެކޭ.

އާދެ، މި ދެންނެވި ދާއިރާތަކަށް މީހުން ތައްޔާރުކޮށް، މިއަދު މިފެށޭ މަސައްކަތްތަކުގެ ތެރެއިން އިތުރު ކަންތައްތައް ދަސްކޮށްދިނުމަކީވެސް އެއީ، އަޅުގަނޑުމެން ހަމަ ކުރިއަށް ގެންދާނޭ ކަމެއްކަން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

މިއަދު ބެލެނިވެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު ހަނދާން އެބަހުރި، ވަރަށް ގިނަ ތަންތަނުގައި މިގޮތަށް މިވާހަކަ ދެއްކިއްޖެކަން. މީގެ ދެ އަހަރު ކުރިން، ތިން އަހަރު ކުރިންވެސް، އަޅުގަނޑުމެން ކުރަން ރާވާފައި ހުރި ކަންތައްތަކުގެ ވާހަކައާއި، މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރާނެ ވާހަކަ، އަޅުގަނޑުމެން ދެއްކިން. އަޅުގަނޑުމެން އެ ވާހަކަތައް ހަނދާނެއްނުނެތޭ. އަޅުގަނޑުމެން މިއަދުވެސް އެ ކަންތައްތައް ހަނދާންހުރީމާ، ސަރުކާރުން، ޚާއްޞަކޮށް މި ދާއިރާއަށް ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ހަނދާންނައްތައިނުލާތީ، މިފަދަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވެމުން މިދަނީ.

މިއަދު އަޅުގަނޑު އިތުރަށް ދޭން އޮތް ޔަޤީންކަމަކީވެސް އަޅުގަނޑުމެންގެ ސިޔާސަތަކީ އިރާދަކުރެއްވިއްޔާ އެކަކުވެސް ބާކީނުކޮށް، އެންމެން ޝާމިލުވާގޮތަށް ކަންތައްތައް ކުރުމުގެ ވިސްނުން ކުރިއަށް ނެރެ، މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މިކަން ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްތައް ކުރާނެކަން. އަޅުގަނޑު އެދެނީ، ޚާއްޞަކޮށް އަޅުގަނޑުމެން މިއިން ކޮންމެ ކަމެއްގެ ތެރެއަށްވެސް އެކަކު އަނެކަކަށް ކުލުނާއި، އެހީތެރިވުމާއި، އޯގާތެރިކަން އިސްކުރަން. ޚާއްޞަކޮށް، މި ދާއިރާގައި މިކަމުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އަދި މި ދަތި އުނދަގޫ ތަޙައްމަލުކުރާ ފަރާތްތަކަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ފޯރުކޮށްދިނުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަސައްކަތް ކުރެއްވީތީ، ޚާއްޞަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އަދި ޢިމާދުއްދީން ސްކޫލްގެ ޓީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން ބޭނުން. ހަމައެއާއެކު، މިފަދަ ފަރާތްތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ކުރާ ކަންތައްތައް ހަނދާންކޮށް، އެފަރާތްތަކަށް އަދި އަޅުގަނޑުމެންނަށް ޚާއްޞަކޮށް މިރޭ ފެނިގެން ހިނގައްޖެ، ދެ ފަރާތެއްގެ އެހީތެރިކަން. އެ ދެ ފަރާތަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިރާދަކުރެއްވިއްޔާ ދުވަހުން ދުވަހަށް އިތުރު ކާމިޔާބީ ލިބިގެން ދިޔުން. އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން ކުރާ ހުރިހާ ހެޔޮ މަސައްކަތްތަކެއްގައި ބަރަކާތް ލައްވައި، އެކުގައި އަޅުގަނޑުމެން ކުރާ މަސައްކަތް ކާމިޔާބުވެ، ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.