بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި ވެރިން، ޓީޗަރުންނާއި މުދައްރިސުން، ރާއްޖޭގެ ލޮބުވެތި އެންމެހައި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އުފާވެރި ދިރާސީ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި އެންމެހައި ލޮބުވެތި ދަރިވަރުންނަށް އަރިސްކުރަން. އަދި ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނަށާއި ވެރިންނަށް، އަދި އެންމެހައި ޓީޗަރުންނަށާއި، ލޮބުވެތި ބެލެނިވެރިންނަށް ވެސް ތަހުނިޔާ ދަންނަވަން.

ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް. މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި މިވަނީ އެ އުފާވެރިކަން. ކުރިމަތިން މި ފެންނަ މަޢުޞޫމް ކުދިންގެ މޫނުތަކުން ފާއްދަމުން އެދަނީ ކުރިމަގަށްޓަކައި އެ ކުދިން ކުރާ އުންމީދުގެ އުޖާލާކަން.

އަޅުގަނޑުމެން މިތިބީ ތިޔަ ކުދިންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން. ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއަރުވަނީ، ތިޔަ ކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދޭން. އަދި މައިންބަފައިން ދަރިވަރުންނާ މެދު ދެކޭ ފޮނި ހުވަފެނެއް އޮތްކަން އެނގި ތިބެ، އެ ހުވަފެންވެސް ޙަޤީޤަތަކަށް ހަދައިދިނުމަށް. އަޅުގަނޑުމެން މިދަނީ އެ ފުރުޞަތުތައް ފަހިކޮށްދެމުން.

އެކަންކަން ޙަޤީޤަތަކަށް ވެގެންދާއިރު ނުކުންނަ ނަތީޖާއަކީ، ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ހިފާނޭ ޢިލްމީ ހުނަރުވެރި ނެވިންތަކެއް އުފެދިގެން ދިޔުން. މިތަނުން އަޅުގަނޑަށް ފެންނަނީ، މި ދެންނެވި އުންމީދާ ގުޅިފައިވާ މޫނުތަކެއް. މިއިން ކޮންމެ ދަރިވަރަކީވެސް، ޤައުމަށް ބޭނުންތެރި އަދި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރަށް ހުރި ދަރިވަރެއްކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން.

މި އުފާވެރި ދުވަހު އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މިދިޔަ ދެ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކުރިމަތިވި ބޮޑު ގޮންޖެހުން. އެ ގޮންޖެހުންތައް ހުރަސްކުރުމުގައި، އަޅުގަނޑުމެންގެ ސްކޫލުތަކުގެ އިސް ވެރިންނާއި މުދައްރިސުންނާއި، މުވައްޒަފުންނާއި ބެލެނިވެރިން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ.

އާދެ، މި ދެންނެވީ ކޯވިޑް ފެތުރެމުން ދިޔަ ދުވަސްތަކުގެ ވާހަކަ. ދަރިވަރުންގެ ކިޔެވުން ހުއްޓުނަނުދީ ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރުމުގައި، އެ ބޭފުޅުން ދެއްވި އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަނެ، ވަރަށް އިޚްލާޞްތެރިކަމާއެކު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އެ ޙާލަތުގައި ދަރިވަރުން ކުރި ހިތްވަރާއި، ދެއްކި ރީތި ނަމޫނާއަށްޓަކައި، ދަރިވަރުންނަށްވެސް އައްސަރިބަހާއި ސާބަސް ދަންނަވަން.

މިއަދު ތިޔަ ދަރިވަރުން ދިރާސީ އައު އަހަރަކާ ބައްދަލުކުރާއިރު، ހިތްހަމަޖެހިގެން އައު ޢަޒުމަކާއެކު ކިޔެވުން ފެށުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ކަމެއް. އަޚްލާޤީ އެންމެ ރިވެތި ސިފަތައް ލިބިގަތުމަކީ، ތިޔަ ކުދިން ސްކޫލަށް ހާޒިރުވުމުގެ އެންމެ މުހިންމު މަޤްޞަދު. ފިލާވަޅުތައް ދަސްކުރާ ފަދައިން، ދުޅަހެޔޮ، ހަށިހެޔޮ ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް، ސްކޫލެއްގައި ކިޔެވުމުގެ ވަރަށް މުހިންމު އެއްބައި.

ކިޔެވުމަކީ ދިރިއުޅެން ދަސްކުރުން. މުދައްރިސުން ތިޔަ ކުދިން ހާނުވައި ހޭލުންތެރިކުރުވަނީ ދިރިއުޅުމުގެ ޢަމަލީ މައިދާނާ ކުރިމަތިލުމަށް. ކަންކަމުގައި އިސްނެގުމާއެކު، އަމިއްލައަށް ކަންކަން ކުރަން އާދަކުރި ކަމުގައިވިޔަސް، ހުރިހާ ޙާލަތެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ކިޔެވުމުގެ ކަންކަމަށް.

ދިރިއުޅެން ދަސްކުރުމަކީ، އެ ކުއްޖެއްގެ ވަށައިގެންވާ މާޙައުލުން ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރުމުގައި، އެ ކުއްޖެއްގެ ފެންވަރުން މަސައްކަތް ކުރުމުގެ އާދަ ހަރުލެއްވުން. ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ތިޔަކުދިން ވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް އެބައޮތް.

ތިމާވެށި ޙިމާޔަތް ކުރުމަކީ، އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފައެއް. ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން، ކަރުދާސް އިސްރާފުކުރާ މިންވަރު މަދުކުރުން، މިއީ ތިޔަކުދިންގެ ފެންވަރުގައި ވެސް ކުރެވޭނެ ވަރަށް މުހިންމު ކަންކަން. މިނޫނަސް، ކިޔެވުމުގެ ކޮންމެ ކަމެއްވެސް ތިމާވެށްޓާ ރަޙްމަތްތެރި އާދަތަކެއްގެ މަތީގައި ބައްޓަންކުރުން ވަރަށް މުހިންމު.

އިޤްތިޞާދު ކުރުމަކީވެސް، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ، ވަރަށް މުހިންމު އާދައެއް. ބޭކާރު ޚަރަދުތައް ނުކުރުމާއެކު، ކުރަންޖެހޭ ކޮންމެ ކަމެއްވެސް އެންމެ ޚަރަދު ކުޑަގޮތަކަށް ކުރުމަކީ، ސްކޫލް މާޙައުލުން ވެސް ތިޔަ ކުދިންނަށް އުނގަންނައިދޭނެ، އަދި ދިރިއުޅުމުގައި ނުހަނު ބޭނުންހިފޭނެ މުހިންމު ފިލާވަޅެއް.

ކޮންމެ ކަމެއްގައި ވެސް ތިޔަ ކުދިންނަށް އެންމެ ރިވެތި ނަމޫނާއެއް ފެންނަން އޮތީ، އިސްލާމީ އަދަބު އަޚްލާޤުގެ ތެރެއިން. ދުވަސްވީ މީހުންނަށާއި، އަވަށްޓެރީންނަށް އޯގާތެރިވެ، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމުން، އެމީހުންގެ ލޯތްބާއި އެހީތެރިކަން ތިޔަ ކުދިންނަށް ލިބޭނެ. ތިޔަ ކުދިންގެ ސްކޫލަކީ، ތިޔަ ކުދިންގެ ދެވަނަ ޢާއިލާކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ.

ސްކޫލްގެ ކޮންމެ ކުއްޖަކީ ވެސް ތިޔަ ކުދިންގެ އެއްބަނޑު އެއްބަފާ ކުދިން ކަމުގައި ދެކި، އެ ކުދިންނާ މުޢާމަލާތު ކުރަންވާނީ އެކުވެރިކަމާއި ހިތްހެޔޮކަމާއެކު. މި ފެށޭ ދިރާސީ އަހަރު، ތިޔަ ކުދިންގެ ޢަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް، ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުން. އޭރުން ސްކޫލަކީ ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ މާޙައުލަކަށް ވެގެންދާނެ. އޭރުން ތިޔަ ކުދިން ކޮންމެ ދުވަހަކު ސްކޫލުން ނުކުމެގެން ދާނީ، ސްކޫލަށް ވަންނައިރު ހުންނަ އުފާވެރިކަމަށްވުރެ މާބޮޑު ހިތްހަމަޖެހުމަކާ އެކު.

އަޅުގަނޑުމެންގެ ދަރިންނަށް މިފަދަ ކަންކަމަށް އިލްތިމާސް ކުރާއިރު، މިކަމުގައި ޢަމަލީ ގޮތުން ނަމޫނާ ދައްކަވަން ތިއްބެވީ، އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން. އަދި ސްކޫލް މާޙައުލުގައި، އެ ކުދިންގެ ބެލެނިވެރިންނަކީ މުދައްރިސުން. އެހެންކަމުން، ކޮންމެ ކަމެއްގައިވެސް، ދަރިވަރުންނަށް ޢަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކެވުމަށް، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި މުދައްރިސުންނަށް، މި ފުރުޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަން.

މި އަހަރުގެ ކިޔެވުން ފެށޭއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދެވޭނެ. އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރަމުން ދާނެ. އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ތިބޭނެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، އަޅުގަނޑުމެން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަކަށް ނޫން. ޓީޗަރުންނަށް ވެސް ރަނގަޅު ގޮތްތައް ހަދައިދިނުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. ހަމަ އެފަދައިން، ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭ.

މިފަދަ ކަންކަމުގެ ސަބަބުން، ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އޭރުން، ދިވެހި ދަރިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް މިކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މިހާރުވެސް ދަނީ ފެންނަމުން. ރާއްޖޭގެ އެންމެހައި ދަރިންނަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ބަޔަކު ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާވެ، ދަރިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ތަޢުލީމީ ހެޔޮލަފާ ދަރިންތަކެއް އުފެދިގެން ދިޔުމުގެ ހެޔޮ ނަސީބު ރާއްޖެއަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.