بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އެންމެހައި ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރަން. 1965 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުން، ދިވެހިން ވީއްލުނު މިނިވަންކަމުގެ އެއްބަސްވުމަކީ، ފަހުގެ ތާރީޚު ދެއްކި އެންމެ މުހިންމު ޞަފްޙާ. އެ ދުވަހުގެ ބަޠަލަކީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ. އޭގެ މާކުރިން، ޣާޒީ ރަދުން، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދިއްތަ މަހާރަދުންނަކީ، ރާއްޖޭގެ މިނިވަންކަމުގެ ދާއިމީ ދަންމަރު. އެ ތަކުރުފާނުގެ ޤައުމީ ޖިހާދަކީ، ރާއްޖޭގެ މިނިވަންކަމުގެ ޑައިރީގެ ފެށުން ކަމުގައިވި، އެންމެ މުޤައްދަސް މުޤައްދިމާ. އުތީމު މަހާރަދުންނަށް ފަހުގައިވެސް، އެކިއިރު ދުނިޔޭގައި ހިނގި އިސްތިޢުމާރީ އުދަބާނީގެ، ގަދަފަދަ ރާޅުތައް، މި ޖަޒީރާ ރާއްޖޭގެ މައްޗަށް ހޮޅިލާ މުގުރި. އެއިން ކޮންމެ ފަހަރަކުމެ، ރާއްޖޭގެ މިނިވަންކަމުގެ ހުންގާނުގައި ހިއްޕެވި، ވަރުގަދަ ދިވެހި ކައްޕިތާނުންނާއި، ފަހުލަވާނުންނާއި، ހެވިންނާއި ނެވިން، މި ޤައުމުގެ މައިވަންތަ އުނގުން އުފަންކުރި. ސުލްޠާން ޙަސަން ޢިއްޒުއްދީން މުލީގޭ ދޮންބަންޑާރައިން، އެ ޤައުމީ ޖިހާދު ނުކުރެއްވިނަމަ، މިނިވަންކަމުގެ ވާހަކަ ދައްކާނެ ޖާގައެއް މިއަދަކު ނޯންނާނެ.

އަދި، މިއަދު ލިބިފައި މިވާ މިނިވަންކަމުގެ އަގު، ފުރާނައިން އަދާކުރެއްވި ބަޠަލުންގެ ލިސްޓް ފެށެނީ، ޝަހީދު ޢަލީ ރަސްގެފާނުގެ ނަންފުޅުން. ޝަހީދު ޙުސައިން އާދަމާއި، ދެންވެސް އެ ލިސްޓް ޒީނަތްކުރި ދިވެހި ބަޠަލުންގެ ޒިކުރާގައި، މިއަދު އަޅުގަނޑުމެން ހިމޭންވަން. ދިވެހި އަބްޠާލުންނަށް، ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ، ޙަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން. އެ ދީނުގެ ރިސާލަތާއި، ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިޔުމަކީ ދެ ދުނިޔޭގައިވެސް، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާއި ރަޙްމަތް. ދިވެހިރާއްޖެ - ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން. ދުނިޔޭގެ އަރިހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާއި ޢަޤީދާ. މާތްވެގެންވާ އިސްލާމްދީން.

ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން. ޞުލްޙަ މަސަލަސްކަމާއި، ހަމަޖެހުމާއި، އުފާފާގަތިކަމާއި، ތަރައްޤީ ގުޅިލާމެހެނީ، މިނިވަންކަމުގެ ފޮނިމީރުކަމާ. އަޅުގަނޑުމެން ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއް. އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި. އިންޑިއާ ކަނޑަށް ދޮށީ މި ޤައުމުގެ، ލިޔެވިފައި ނެތް ޤަދީމީ ތާރީޚާއި، އޭގެފަހުގެ ތާރީޚުން މި މަންޒަރު ސާފުކޮށް ބަޔާންވޭ. މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫންގޮތަކީ، ދިވެހިން ރުހޭގޮތެއް ނޫން. އަޅުގަނޑުމެންގެ ޖީލުތައް، އެގޮތުގައި އެތައްހާސް އަހަރެއް މިވަނީ ވޭތުކޮށްފައި.

އެންމެން އެކުގައި، އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެންމެނުވީ، މިނިވަންކަން ލިބުނު ޤައުމެއް، ޖަމާޢަތެއް ނެތް. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކައިވެސް، އެނޫން އެހެން ގޮތެއް ނޯވޭ. އެދޭގޮތާއި، ދެކޭގޮތާއި، ގަބޫލުކުރާގޮތާ އެކުއެކީ، ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ އިންސާނީ ޠަބީޢަތް. ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަ ގޮތް. އެހެން ނަމަވެސް، މިނިވަންކަމުގެ ރާސްތާ އޮމާންކަމާއި، އަމާންކަމުގައި ޤަރާރުވެ ދެމިއޮތުމަށްޓަކައި، މި ދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ. ސަބަބަކީ މިނިވަންކަމުގެ އުފަލާއި، އޭގެއަސަރާއި ރަހަ، އެހެން ހުރިހާ އިޙްސާސްތަކާ ތަފާތު. މިނިވަންކަމުން ފަރުދުންނަށް ލިބޭ ޙައްޤުތަކާއި، އިމްތިޔާޒާއި އިޚްތިޔާރަކީ، އެންމެންނަށް ހަމަހަމަ އެކައްޗެއް.

ލޮބުވެތި ދިވެހިރައްޔިތުން؛

މިނިވަންކަމަށްޓަކައި ޤައުމެއްގެ ދާޚިލީ، އަދި ޚާރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިންމު. މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ތަރައްޤީއާއި، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް. ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި، މޫރިތިކަމާއެކު ހިނގަމުން މިދަނީ، އަބަދުމެ ފުރިހަމަ މިނިވަންކަމާއެކު.

ޤައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ޢާއިލާއާއެކު، ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ، ހަރުދަނާ ސިޔާސަތެއް. ޤައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ. އަޅުގަނޑުމެންގެ ޚާރިޖީ ތަރުތީބު އަބަދުވެސް ހިނގާންޖެހޭނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، އެންމެ މަންފާ ބޮޑު ގޮތަށް.

ލޮބުވެތި ދިވެހިރައްޔިތުން؛

ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ޤައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހިރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން، ރެޔާއި ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތް. އެތެރެއާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާއި އަބަދު ހޭލާ ތިބެނީ، ރާއްޖޭގެ ސިފައިންނާއި ފުލުހުން. އެ ބޭފުޅުންގެ މުޤައްދަސް ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް، ތައްޔާރެއް ނޫން. އަދި އެންމެ އެސްފިޔައެއް ޖަހާލާނެހާ ވަގުތުކޮޅެއްވެސް، އެ ބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތީޖާއަކީ އޭރުވެސް، މިހާރުވެސް، އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށްވެސް، މިނިވަން ދިވެހިރާއްޖެ، މިނިވަންކަމުގައި ދެމިއޮތުން.

ލޮބުވެތި ދިވެހިރައްޔިތުން؛

ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ މިނިވަންދުވަސް، އަޅުގަނޑުމެންނާ ބައްދަލުކުރިއިރުގެ ޙާލަތު، މިއަދާ ތަފާތު. އޭރު އަޅުގަނޑުމެންގެ ބޯމަތީގައި، ކޯވިޑް-19ގެ ޢާލަމީ ވަބާގެ ބިރުވެރި ވިލާގަނޑު އޮތް. ކޯވިޑާއެކު ދިމާވަމުން އައި އިޤްތިޞާދީ ދަތިތަކާއި، އިޖުތިމާޢީ ގޮންޖެހުންތައް ގިނަ. ކޯވިޑުގެ ދެ އަހަރަށްފަހު، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން، އެ ޙާލަތު މިއަދު ދަނީ ބަދަލުވަމުން. މިއީ ތިޔަ ލޮބުވެތި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމުގެ، ރީތި ނަމޫނާގެ، ހެޔޮ ނަތީޖާ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު، މިއިން ދުވަހަކު ނުދާހާ ދަށަށްދިޔަ. މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞާދު ގެންދެވޭނެ. އެހެންނަމަވެސް، މި ކާމިޔާބީގެ ހެޔޮ އަސަރު، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހުރަސްތަކެއް އެބަހުރި.

އެންމެ ޒަރޫރީ މުދަލާއި ޚިދުމަތުގެ އަގަށް، ލޮޅުންގެނުވާފަދަ ނާދިރު ހަނގުރާމައިގެ ޙާލަތަކަށް، ދުނިޔެ މިވަނީ ފެތިފައި. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން، މުޅި ދުނިޔޭގެ އިޤްތިޞާދަށް ދަނީ ލޮޅުން އަރަމުން. އަޅުގަނޑުމެންނާ މާދުރުގައި ހިނގަމުން އެދާ ހަނގުރާމައާއެކު، މިއަދު އަޅުގަނޑުމެން އަނެއްކާވެސް މިތިބީ، މި ދެންނެވި ނުއަތު އޮއިވަރުގެ މެދުގައި. މި ހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތައް، އަޅުގަނޑުމެންނާވެސް ކުރިމަތިވެއްޖެ. ކޯވިޑުގެ ގެއްލުމުން އަރައިގަތުމަށް، އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާއި، މި ހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ، މަސްތަކެއް ފާއިތުވެއްޖެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެ. ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރޭ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ، އޭގެ ޙަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީ.

މި ނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު. ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާއި، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް. ސަރުކާރުން މިދަނީ އެ މަސައްކަތް ކުރަމުން.

އެންމެ ފުރަތަމަ ކަމަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން. މިގޮތުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް، ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު، މަހުން މަހަށް މި އަންނަނީ ހިފަހައްޓަމުން. ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި. ހަމައެއާއެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން.

ތެލުގެ ސަބްސިޑީއަށް، ބަޖެޓުގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެ. މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލައަކީ، 341.5 މިލިއަން ރުފިޔާ. އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު. ނަމަވެސް، މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިޔުމުގެ ސަބަބުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވެއްޖެ. މިހާރު ލަފާކުރެވޭ ގޮތުން، މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ.

ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށް. ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުޞޫލު އިޞްލާޙު ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ޙާލަތަކަށް، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ޙާލަތާ ގުޅޭގޮތަށް އިޤްތިޞާދީ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ ވަގުތު.

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި އަޅުގަނޑު ދެކެން. މި ބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް، ސަރުކާރުން ފެށި ވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިޤްތިޞާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް.

ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިޞްރާބަށް ދީލައިލުން. ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން.

ލޮބުވެތި ދިވެހިރައްޔިތުން؛

މުޖުތަމަޢުގެ ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން. ޢާއިލާތެރެއިން ފެށިގެން ދިރިއުޅޭ މާޙައުލާއި، ރަށާއި، އަތޮޅާއި، މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ. އެއްވެސް ބަޔަކު ބާކީނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައެއްނުގަނެވޭނެ. ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ. އެއީ އަޑުއެހުމާއި، މަޝްވަރާއާއި، އިޙްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާއި، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މި ދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެއެއް ލިބިގަތުމަށް ދަތިވާނެ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު އިސްލާމީ ދައުލަތެއްގެ ގޮތުގައި، އަބަދުމެ ދެމެހެއްޓެވުން. ރާއްޖޭގެ އަހުލުވެރީންގެ މައްޗަށް މާތް اللهُ سُبْحَانَهُ وَتَعَالَى ގެ ރަޙްމަތާއި ރޯދި ތަނަވަސްކުރެއްވުން. އަޅުގަނޑުމެންގެ އެއްގަމާއި ކަނޑުގައި އަމާންކަމާއި، ބަރަކާތް ލެއްވުން. މި ލޮބުވެތި ވަޠަން، މިނިވަންކަންމަތީ ތާއަބަދުމެ ލަހައްޓަވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.