ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

މި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.