ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުން ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. މިބައްދަލުވުން ބާއްވާފައި ވަނީ އިންޑިއާގެ ކޮޗިންގައި ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، ސްރީލަންކާ، މޮރިޝަސް އަދި އިންޑިއާއެވެ. މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސްގެ ވަފުދުތައް ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ވަނީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މަގުޗާޓު 2022 އިން 2023 އަށް ތަންފީޒުކުރުމާއި ގުޅޭ ގޮތުންނާއި މިއަހަރުގެ މާރިޗު މަހުގެ 9 އިން 10އަށް ރާއްޖޭގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ހަރުކަށި ފިކުރާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ކުށްތަކާއި، ވަގުވިޔަފާރި ހުއްޓުވުމާއި، ސައިބަރ ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ނާޒުކު ވަސީލަތްތައް ޙިމާޔަތްކުރުން އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީވުން ހިމެނެއެވެ.