މިއަދު ރާއްޖޭގެ ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށުގެ ރައްޔިތުންގެ ޙާލު އޮޅުންފިލުއްވައިފިއެވެ.

ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ. މަޑަވެލީގެ ޙާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގދ. މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ޙާލަތު އޮޅުންފިލުއްވާފައެވެ.

މަޑަވެލީގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކައިގައި އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.