ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ.

މި ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުން މިބާއްވަނީ ކޯވިޑް-19ގެ އާލަމީ ވަބާ އާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.