ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތްކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މޮރިޝަސްއަކީ އ.ދ. އާއި ކޮމަންވެލްތް އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ޤައުމުކަމަށާއި، ދެ ޤައުމަކީވެސް ވިޔަފާރިއާއި، އިޤްތިޞާދަށްޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ސަބަބުން ދެޤައުމުގެ ވެސް އިޤްތިޞާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއްޤައުމު އަނެއް ޤައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިޤްތިޞާދީ ރޮނގުން ދެ ޤައުމުން ގުޅުން ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.