އަލަށް އައްޔަންކުރެވުނު ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި މެންދުރުގެ ފަރިއްކޮޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުންނާއެކު ނެންގެވި ގްރޫޕް ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ވަޑައިގެންފައި ވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.